ads
ކޮޅުމަޑުލު އުފުރިޔާ. ފޮޓޯ: ޢަބްދުﷲ އަބީދު
ވަރުވާއަށް ފަޅު ރަށްތައް ދޫކުރާ މުއްދަތު 10 އަހަރަށް އިތުރުކޮށްފި
ވަރުވާއަށް ފަޅު ރަށްތައް ދޫކުރާ މުއްދަތު 10 އަހަރަށް އިތުރުކޮށް ރާއްޖޭގެ ފަޅުރަށްރަށާބެހޭ ގަވާއިދު އިސްލާހުކޮށްފިއެވެ.

ރާއްޖޭގެ ފަޅުރަށްރަށާބެހޭ ގަވާއިދަށް ދެ ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު ގެޒެޓްކުރީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

އެ ގޮތުން ފަޅުރަށެއް ވަރުވާއަށް ދޫކުރެވޭނެ އެންމެ ދިގު މުއްދަތަކީ 10 އަހަރު ދުވަސްކަމަށް ކަނޑައަޅައި އެ ގަވާއިދުގެ 20 ވަނަ މާއްދާއަށް ވަނީ އިސްލާހު ގެނެސްފައެވެ. މީގެ ކުރިން އޮތް ގޮތުން ފަޅުރަށެއް ވަރުވާއަށް ދޫކުރެވޭނެ އެންމެ ދިގު މުއްދަތަކީ ފަސް އަަހަރެވެ.

މީގެ އިތުރުން ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) އާއި, (ށ) އާއި, (ނ) އަށް ވަނީ އިސްލާހު ގެނެސްފައެވެ.

ގެނެސްފައިވާ އިސްލާހުތައް:

ހ. ދިވެހި ރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނާއި ނުވަތަ މި ގަވާއިދާ ނުވަތަ ފަޅުރަށެއް ވަރުވާއަށް ދިނުމުގެ އެއްބަސްވުމާއި ފަޅުރަށް ވަރުވާއަށް ދީފައިވާ ފަރާތުން ހިލާފުނުވި ނަމަވެސް, ފަޅުރަށް ވަރުވާއަށް ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެ ރަށެއް ސަރުކާރުގެ ބޭނުމަށް ނަގަން ޖެހިއްޖެނަމަ ފަޅުރަށް ވަރުވާއަށް ހިފައިފައިވާ ފަރާތަށް ނޯޓިސް ދިނުމަށް ފަހު އެއްބަސްވުން ބާތިލުކޮށް ވަރުވާއަށް ދޫކޮށްފައިވާ ރަށް ވަކިކުރުމުގެ އިހަތިޔާރު މިނިސްޓްރީއަށް ލިބިގެންވުން.

ށ. ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނާއި, ނުވަތަ މި ގަވާއިދާ ނުވަތަ އެ ފަޅުރަށެއް ވަރުވާއަށް ދިނުމުގެ އެއްބަސްވުމާއި, ފަޅުރަށް ވަރުވާއަށް ހިފައިފައިވާ ފަރާތުން ހިލާފުވެއްޖެ ހިނދެއްގައި ފަޅުރަށް ވަރުވާއަށް ހިފައިފައިވާ ފަރާތުން އެ ރަށް ވަކިކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވުން.

ނ. މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ފަޅުރަށެއް ވަރުވާއަށް ހިފައިފައިވާ ފަރާތުން އެ ރަށެއް ވަކިކުރާ ހާލަތުގައި ވަރުވާއަށް ހިފައިފައިވާ ފަރާތަށް, އެ ރަށާ ގުޅިގެން އެއްވެސް ބަދަލެއް ދޭކަށް ނުޖެހޭނެ. ނަމަވެސް ވަރުވާއަށް ހިފައިފައިވާ ފަރާތުގެ އަމިއްލަ އުފުލޭ މުދާ ގެންދިޔުމަށް މިނިސްޓްރީން ކަނޑައަޅާ މުއްދަތެއް މިނިސްޓްރީން ދޭންވާނެ.

ގަވާއިދަށް ގެނެސްފައިވާ އިތުރު އިސްލާހުތަކުގައިވާ ގޮތުން ރަށުގެ ވެށްޓަށް ގެއްލުން ނުލިބޭނޭހެން ކުދިގަހުގެ ނާސަރީއެއް ގާއިމްކުރަން ޖެހެއެވެ. އަދި މިފަދަ ކަމަކަށް ރަށުން އެއްވެސް ރުކެއް ނުވަތަ ބޮޑު ގަހެއް ކަނޑައިގެން ނުވާނެކަމަށް އިސްލާހުގައިވެއެވެ.

ހަމައެހެންމެ ރަށުގެ ވެށްޓަށް ގެއްލުން ނުލިބޭނޭހެން ކުރު މުއްދަތެއްގެ ތެރޭގައި ހެދި ބޮޑުވާ ޒާތުގެ ތަރުކާރީ އާއި މޭވާ ހައްދަން ޖެހޭނެ އެވެ.

މީގެ އިތުރުން ވަރުވާއަށް ހިފައިފައިވާ ރަށް ވަކިކުރަން ޖެހިއްޖެ ހާލަތެއްގައި ރަށުގެ ފަސްގަނޑުގައި އިންދާ އެއްވެސް ރުއްގަހެއް ކެނޑުމުގެ ނުވަތަ ނެގުމުގެ އިހްތިޔާރެއް ރަށް ވަރުވާއަށް ހިފާ ފަރާތަށް ލިބިގެނެއް ނުވާކަމަށް ވެސް އިސްލާހުގައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް