ads
ސިވިލް ކޯޓު ސަރަހައްދު--
ކުރީގެ ލޯބިވެރިޔާގެ އަތުން ނެގި 82,000 ރުފިޔާ ދައްކަން ހުކުމްކޮށްފި
ކުރީގެ ލޯބިވެރިޔާގެ އަތުން ނެގި 82,000 ރުފިޔާ އަނބުރާ ދައްކަން ފިރިހެނެއްގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ކުރީގެ ލޯބިވެރިޔާއާއި ގުޅިގެން އުޅުނު ދުވަސްވަރުގައި އޭނާގެ އަތުން ހޯދި 4300 ޑޮލަރާއި, 37,000 ދިވެހި ރުފިޔާ ހޯދި މައްސަލައިގައި ދައުވާ ކުރީ އުތުރުގެ ރަށަކަށް ނިސްބަތްވާ ފިރިހެނެއްގެ މައްޗަށެވެ. 

ފުލުހުން މެދުވެރިކޮށް އެ ފައިސާގެތެރެއިން 21,000 ރުފިޔާ އަންހެން މީހާއަށް ލިބުނު ނަމަވެސް ބާކީ ފައިސާ ނުލިބުމުން ސިވިލް ކޯޓުގައި އަންހެން މީހާ ދައުވާކުރިއެވެ.

ނަމަވެސް ކޯޓުގައި ފިރިހެން މީހާ ބުނީ ލޯބީގެ ގޮތުން ދެ މީހުން ގުޅިގެން އުޅުނު ދުވަސްވަރު އަންހެން މީހާއަށް ޚަރަދުތަކެއްކޮށްފައިވާނެ ކަމަށެވެ. އަދި އެއީ އަނބުރާ ދައްކާ ގޮތަށް ނެގި ފައިސާއެއް ނޫން ކަމަށާއި, އަންހެން މީހާ ދައުވާކުރީ ދެ މީހުން ވަކިވުމުން ކަމަށެވެ.

ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ލޯބީގެ ގޮތުން ދެ މީހުން ގުޅިގެން އުޅުނު ނަމަވެސް, އަންހެން މީހާއަކީ ފިރިހެން މީހާއަށް އެއްވެސް ޚަރަދެއްކުރަންޖެހޭފަދަ މަގާމެއްގައި ހުރި މީހެއް ނޫން ކަމަށާއި, އެ ފައިސާއަކީ އަނބުރާ ދައްކަންނުޖެހޭ ގޮތަށް ނުވަތަ ހަދިޔާއެއްގެ ގޮތުން ދިން ފައިސާއެއްކަން ގާނޫނީ ގޮތުން ފިރިހެން މީހާ ސާބިތުކޮށްދޭންޖެހޭނެ ކަމަށެވެ. ނަމަވެސް އެފަދަ ހެއްކެއް ދެއްކިފައިނުވާކަމަށް ހުކުމުގައިވެއެވެ.

''ދައުވާކުރާ ފަރާތުން ހޯދުމަށް އެދުނު 4,300 ޑޮލަރާއި, 16,000 ރުފިޔާ ދައުވާ ލިބޭ ފަރާތުގެ ކިބައިން ދައުވާކުރާ ފަރާތަށް ލިބިދިނުމުގެ ގޮތުން ހައެއް މާޗު 2022 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި މި ފައިސާ ސިވިލް ކޯޓަށް ދައްކައި ދަރަނި ޚަލާސް ކުރުމަށް (ދައުވާ ލިބޭ ފަރާތަށް ) އަންގައި, (ދައުވާ ލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި ހުކުމްކޮށްފީމެވެ.'' ހުކުމުގައިވެއެވެ.

ހުކުމުގައިވަނީ ދައުވާކުރާ ފަރާތުން ހުށަހެޅި ދައުވާ މަދަނީ މިންގަނޑުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން ދައުވާކުރާ ފަރާތުން ހޯދަން އެދުނު ފައިސާ ޝަރީއަތުގެ ފަރާތުން ފިރިހެން މީހާގެ އަތުން ނަގައިދީ, ފިރިހެން މީހާގެ ޣައިރު ހާޒިރުގައި ހުކުމްކޮށް ގަޒިއްޔާ ނިންމަންޖެހޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް