ads
މިނިސްޓަރު ޝައުނާ މަޖިލީހުގައި މިއަދު ވާހަކަދައްކަވަނީ. ފައިލްފޮޓޯ
ރާއްޖޭގަ މިވީހާތަނަށް ކުނި މެނޭޖުކޮށްފައެއް ނެތް: މިނިސްޓަރު ޝައުނާ
ރާއްޖޭގައި މިވީހާތަނަށް ކުނި މެނޭޖުކޮށްފައެއް ނެތް ކަމަށާއި, އައީ ކުނި ޖަމާކުރަމުންކަމަށް އެންވަޔަރުމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ކުނީގެ މައްސަލަ ކަމަށާއި, ނަމަވެސް މިވީހާތަނަށް ކުނި މެނޭޖުކޮށްފައެއް ނެތް ކަމަށެވެ. އަދި އުފެދޭ ކުނިން އާމްދަނީ ލިބޭ ވަސީލަތަކަށް ހެދުމުގެ ބަދަލުގައި އައީ އެއް ތަނަކަށް ޖަމާކުރަމުން ކަމަށެވެ.

ދިވެހިރާއްޖޭގައި މިވީހާ ތަނަށް ކުނި ޖަމާކުރަމުން އައީ. ކުނި މެނޭޖުކޮށް ފައެއްނެތް. އެއް ރަށުން އަނެއް ރަށަށް ނުވަތަ އުފެދޭ ކުންޏަކީ އެއް ގޮތަކަށް ވެސް ބައިކޮށްގެން ވަކިކޮށްގެން އެއީ އާމްދަނީ ލިބޭ ވަސީލަތަކަށް ހެދުމުގެ ބަދަލުގައި އެއް ތަނަކަށް ޖަމާކޮށް ކުނި އަޅާލަމުން އަޅުގަނޑުމެން އައީ- ޝައުނާ 

ކުނީގެ މައްސަލަ ހައްލުކުރުމަށް ރާއްޖޭގެ ތިން ސަރަހައްދެއްގަ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރު ގާއިމުކޮށް ކުނި މެނޭޖް ކުރުމަކީ ސަރުކާރުގެ އަމާޒުކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ. އަދި އެ އަތޮޅުތަކުގައި އެއް ރަށުން އަނެއް ރަށަށް ކުނި ގެންދިއުމުގެ ބަދަލުގައި ކުނި ޖަމާކޮށްފައި, ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންދެވެންދެން ޓްރާންސްފާ ސްޓޭޝަނެއް ގާއިމުކުރާނެ ކަމަށެވެ. އެ ގޮތުން ރ. ވަންދޫގައި ހުރި ފެސިލިޓީ މި އަހަރުގެ ޖޫން މަހުގައި އޮޕަރޭޝަން ލެވެލްއަށް ގެންނާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ތިލަފުށީގައި ދެ ވަނައަށް ގާއިމުކުރެވޭ ވޭސްޓް މެނޭޖްމަންޓް ސެންޓަރު ފުރަތަމަ ފޭސްގެ އިންފްރާސްޓަކްޗަ މިހާރު ވަނީ ތަރައްގީކޮށް ނިމިފައި. އިރާދަކުރެއްވިއްޔާ މާލެ އަތޮޅާއި ވ. އަތޮޅުގެ ހުރިހާ ރަށެއްގައި މިވީހާތަނަށް އުފެދިފައި ހުރި ކުނި އަޅުގަނޑުމެން ޖަމާކޮށް ތިލަފުށްޓަށް ގެންދަން ފަށާނަން. އޭގެ އިތުރުން ތިން ވަނައަށް އަޅުގަނޑުމެން ގާއިމުކުރާ ވޭސްޓް މެނޭޖްމަންޓް ސެންޓަރަކީ އައްޑޫގައި ގާއިމުކުރެވޭ ސެންޓަރު. އެ ސެންޓަރަށް މިހާރު ވަނީ 50 ޓަނުގެ ވޭސްޓް އެނާޖީ ޕްލާންޓެއް ގާއިމުކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް ގެންގޮސް އަދި އެ ތަނުގެ ސިވިލް ވޯކްސް ނިމި އިރާދަކުރެއްވިއްޔާ މި އަހަރުތެރޭގައި އަޅުގަނޑުގެ އަމާޒަކީ އެ ތަން ވެސް އޮޕަރޭޝަން ލެވެލްއަށް ގެނައުން- ޝައުނާ

ކުނީގެ މައްސަލަ މިވީހާތަނަށް ހައްލު ނުކުރެވި އޮތް ނަމަވެސް މިއަހަރުގެތެރޭގައި މި މައްސަލަ ބޮޑުތަނުން ހައްލުކުރެވިގެން އަންނަ ތަން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ފެނިގެންދާނެކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް