ads
ރައީސް ސޯލިހާއި އަލީ އާޒިމް
މެންބަރު އާޒިމް ކޮޅު ބަދަލު ކުރެއްވީތަ؟
ރާއްޖޭގެ ޑިމޮކްރަސީގެ ޗެމްޕިއަނުންކަމަށް ވަކާލާތުކުރާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ކެމްޕޭނުގެތެރެއިން ފެންނަމުން މިދަނީ އެ ޕާޓީން މީގެ ކުރިން ފެނުނު ޒާތެއްގެ ކަންކަމެއް ނޫނެވެ. ދައްކަމުންދަނީ ވަޒީފާގެ ބިރުވެރިކަން އިންތިހާއަށް އޮތް ވާހަކައެވެ. ވަކި މީހަކަށް ވަކި ގޮތަކަށް ތާއީދުކުރާތީ ވަޒީފާދީ, ލޯނުދޭ ވާހަކައެވެ. ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަޒީރުންގެ ޖީބުތަކުގައި އެލިގަނެގެން ތިއްބަވާ ވާހަކައެވެ. މިފަދަ އެތައް އެތައް ވާހަކައެކެވެ.
''ހަމައެކަނި އޮތީކީ ވަޒީފާގެ ބިރު އެކަންޏެއް ނޫން. ވަރަށް ގިނަ އެހެން ކަހަލަ ނާޖާއިޒު ފައިދާތައް އެކި ވަރުވަރުން ދައުލަތުގެ ވަޒީރުން ނަގަމުންދާކަމީ އަޅުގަނޑު މި ފުރުސަތުގައި ފާހަގަކޮށްލަން ބޭނުންވާ ކަމެއް. ލޯނެއް މި ދެނީ ވަކި މީހަކަށް ވަކި ފަރާތަކަށް ތާއީދު ކުރާތީވެ. ވަޒީފާގެ ކުރިއެރުން މިދެނީ ވަކި މީހަކަށް ވަކި ގޮތަކަށް ތާއީދު ކުރާތީވެ.''

އިސްވެ މި ބަޔާންކުރީ ޗެއާޕާސަން އިންތިޚާބާއި ދިމާކޮށް ސަރުކާރުގެ މަގާމުތަކުގައި ތިބި ބައެއް މީހުން އެ މީހުންގެ ވަޒީފާއިން ވަކިކުރަމުންދާކަމުގެ ޝަކުވާ ލިބެމުންދާކަމަށް ވިދާޅުވެ, މި މަހުގެ ފުރަތަމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ކުރީގެ ލީޑަރު, މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ދެއްކެވި ވާހަކައެވެ.

އާޒިމްގެ ވާހަކަ އެ އަމާޒުކުރައްވަނީ ޗެއާޕާސަންކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށްކަމަށް ބެލެވެއެވެ. އެ ގޮތަށް ބެލެވޭ އެއް ސަބަބަކީ ޗެއާޕާސަން އިންތިހާބުގެ ކުރިން ވެސް އާޒިމަކީ އެކިއެކި ކަންކަމާ ގުޅިގެން ފައްޔާޒަށް ބަހުގެ ހަމަލާތައް ރައްދުކުރައްވަމުން ގެންދަވާ ބޭފުޅަކަށްވުމުންނެވެ. ދެވަނަ ސަބަބަކީ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށް ތާއީދުކުރައްވަން ނިންމަވާފައިވާކަމަށް މިދިޔަ މަހުގެ 13 ވަނަ ދުވަހުގައި އާޒިމް ހާމަކުރެއްވި ހާމަކުރެއްވުމެވެ.

ކޮންމެއަކަސް އާޒިމްގެ ރާގު މިއަދު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ވަޒީރެއްގެ ޖީބުގައި އެލިގަންނަވައިގެން އޮންނަވާން ބޭނުންވެވަޑައިގަންނަވަނީތޯ ސުވާލު އުފެދޭ ހިސާބަށް ވެސް ހިނގައްޖެއެވެ.

ސީއެންއެމްއާއި ވާހަކަދައްކަވަމުން މިއަދު ހެނދުނު އާޒިމް ވިދާޅުވި ގޮތުގައި އިންތިއާއި ފައްޔާޒާއި ދެ ބޭފުޅުންކުރެ ކޮންމެ ބޭފުޅަކު ހޮވިވަޑައިގަތަސް އެއަކުން އެމްޑީޕީއަށް ވާނެ ގެއްލުމެއްނެތެވެ. އަދި ކޮންމެ ބޭފުޅަކު ހޮވިވަޑައިގަތަސް ޕާޓީ ދާނީ ބާރަށް ކުރިއަށެވެ. ނަމަވެސް މީގެ ކުރިން އާޒިމްގެ ވާހަކަތަކުގައި މި ރާގެއް ގެންގުޅުއްވާފައެއް ނުވެއެވެ.

އާޒިމް ފަހުން ވިދާޅުވީ އޭނާ ބަދަލެއް ނުވާ ކަމަށެވެ. އަދި އޭނާ ހުންނަވާނީ އޭނާގެ ގޮތުގައި ކަމަށެވެ. އިންތިއަށް ތާއީދުކުރައްވާކަން ކުރިން ވެސް ހާމަ ކުރެއްވި ކަމަށާއި, އެކަން އަދިވެސް އޮތީ އެ ގޮތުގައި ކަމަށެވެ.

''އަޅުގަނޑުގެ އަނގައިިން ނުކުތުމަށްފަހު ބަދަލެއްނުވާނެ.'' އިންތިއަށް ތާއީދުކުރެއްވި ކުރެއްވުން ބަދަލުނުވާކަން ޔަގީންކޮށްދެއްވަމުން އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި އެމްޑީޕީ ''ހިންގައިލެވޭނީ'' އިންތިއަށެވެ. އަދި ފައްޔާޒާއި އަޅާބަލާއިރު އިންތި މާބޮޑަށް ރަނގަޅުވާނެކަމަށް އޭނާ ގަބޫލުކުރައްވައެވެ. ނަމަވެސް ފަައްޔާޒުގެ ކިބައިގައި ގާބިލުކަން ނެތްކަމަށް އޭނާ ގަބޫލެއް ނުކުރައްވައެވެ.

''އެއްކަމަކީ ކޮލީގެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގަ މި ޕާޓީ ރަނގަޅަށް ހިންގާލެވޭނީ އިންތި ހުރެގެން. ފައްޔާޒްގައިގަ ވެސް ގާބިލުކަން ހުންނާނެ. ނަމަވެސް ދެ ބޭފުޅުން އަޅާކިޔާއިރު ބޮޑަށް ރަނގަޅީ އިންތި.'' ސިޔާސީ ކަންކަމުގައި އިންތިއާއެކު 15 އަހަރު ދުވަހު ހޭދަކުރައްވާފައިވާ އާޒިމް ވިދާޅުވިއެވެ.
50%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް