ads
ފިހާރައެއްގައި ބަހައްޓާފައި ހުރި ހެދިކާތަކެއް -- ފޮޓޯ: ސީއެންއެމް
ކާބޯތަކެތީގެ ރައްކާތެރިކަމަށް ވިސްނަނީ ކިހާވަރަކަށް!
ބަލާލި ކޮންމެ ކަންމަތީ ފިހާރައަކުން ފެނިގެންދަނީ އަމިއްލަ ފަރާތްތަކުން ހެދިކާ އާއި ވައްތަރު ވައްތަރުގެ ކާބޯތަކެތި ޕެކެޓުކޮށް ވިއްކަން ބަހައްޓާފައި ހުންނަ މަންޒަރެވެ. ކާބޯތަކެތީގެ ސާފުތާހިރު ކަމަށް ވެސް ނުބަލާ ކޮންމެ މީހަކު ވެސް ބަލަނީ އެމީހެއްގެ ގެ ނުވަތަ އޮފީހެއްގެ ކައިރީގައި ހުންނަ ފިހާރަތަކުގައި ހުންނަ މިފަދަ ތަކެތި ގަންނާށެވެ.

މިތަކެތި ދިވެހިންގެ އިތުރުން ބިދޭސީން ވެސް ތައްޔާރުކުރާ ތަން ފެނެ އެވެ. ސާފުތާހިރު ކަމަށް އެއްވެސް ސަމާލުކަމެއް ނުދީ، ބިދޭސީން ކާބޯތަކެތި ތައްޔާރު ކުރަމުންދާ ކަން އިމިގްރޭޝަނުން ހިންގި ރޫޓިން އިންސްޕެކްޝަންތަކުން ވެސް ވަނީ ފާހަގަވެފަ އެވެ. އެގޮތުން އިމިގްރޭޝަނުން ހިއްސާކުރި ވީޑީއޯ އިން ކުޑަ ތަންކޮޅެއްގައި ތަފާތު ވައްތަރުގެ ކާބޯތަކެތި ބިދޭސީންތަކެއް ތައްޔާރުކުރަމުންދިޔައިރު ބައެއް ތަކެތި ބިންމަތީގައި ބަހައްޓާފައި ހުރި ތަން ފެނިގެންދެ އެވެ.

އެގޮތުން އިމިގްރޭޝަނުން ވަނީ ކުދިންނަށް އިންޓަވަލަށް ދޭ ސަބްމެރިން ފަދަ ތަކެތި އެތަނުން ތައްޔާރުކޮށް ލޭބަލް ޖަހައި ފިހާރަތަކަށް ގެންގޮސްފައި ހުންނަކަން ބައެއް ފިހާރަތަކަށް ގޮސް ބެލުމުން އެނގޭ ކަމަށްވެސް ބުނެފަ އެވެ.

ހުއްދަ ނުހޯދާ ކާބޯތަކެތި ވިއްކުމަކީ މަނާކަމެއް!

ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނާ ގޮތުގައި ހުއްދަ ނުހޯދާ ފިހާރަތަކުގައި ހެދިކާ ފަދަ އެއްޗެތި ހުއްދަ ނުނަގާ ވިއްކުމަކީ މަނާ ކަމެކެވެ. 

އެޗްޕީއޭ އިން ބުނާ ގޮތުގައި ލޭބަލްކޮށްފައި ހުންނަ އުފެއްދުންތައް ވިއްކޭނެ އެވެ. ނަމަވެސް މިހާރު ވަރަށް ގިނައިން ޕެކެޓް ކޮށްފައި ހުންނަ ތަކެތި ވެސް ލޭބަލް ނުކޮށް ވިއްކާ މަންޒަރު ފެނެ އެވެ. 

ތަފާސް ހިސާބު:

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ޖަރާސީމާއި ތަފާތު ކެމިކަލުން ތަޣައްޔަރުވެފައިވާ ކާބޯތަކެތީގެ ނުރައްކާ އަހަރަކު 600 މިލިއަނަށް ވުރެ ގިނަ މީހުން ތަހައްމަލު ކުރެ އެވެ. މީގެތެރެއިން އަހަރަކު ގާތްގަޑަކަށް 420،000 މީހުންގެ ފުރާނަ ގެއްލިގެންދެ އެވެ.

ސިއްހަތަށް ލިބޭނީ ކޮން ގެއްލުމެއް:

ކާބޯތަކެތީގެ ޒަރީއާ އިން ޖެހޭ ބަލިތަކުގެ ތެރޭގައި އެންމެ އާދައިގެ ބޭރަށް ހިންގުމުން ފެށިގެން ކެންސަރު ފަދަ ނުރައްކާތެރި ބަލިތައް ހިމެނޭއިރު، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެކަށީގެންވާ ފިޔަވަޅު އެޅިއްޖެނަމަ އެފަދަ ބަލިތަކުން ރައްކާތެރިވެ އޭގެ ސަބަބުން ގެއްލިގެންދާ ފުރާނައިގެ އަދަދު އިންތިހާއަށް މަދުކުރެވޭނެ އެވެ.  

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރަން ފެށީ މިދިޔަ އަހަރު:

މިދިޔަ އަހަރަކީ އެކަމަށް ވަކި ދުވަހެއް ކަނޑައަޅާ އެ ދުވަސް ދުނިޔޭގައި ފާހަގަކުރި ފުރަތަމަ ފަހަރެވެ. އެގޮތުން ކޮންމެ އަހަރެއްގެ ވެސް 7 ޖޫން އަކީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ކަމުގައި އދ އިން ކަނޑައެޅީ 2018 ވަނަ އަހަރުގެ ޑިސެމްބަރުގަ އެވެ.

އެ ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، އާއްމުން ހޭލުންތެރިކުރުވައި، ކާބޯތަކެތީގެ ޒަރީއާއިން ދިމާވާ އިގްތިސާދީ އަދި ސިއްހީ މައްސަލަތަކުން ސަލާމަތްވެ ދުޅަހެޔޮ އުފާވެރި މުޖުތަމައެއް ބިނާކުރުމެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް