ads
ފަރުވާ ހޯދަމުންދާ ގދ.ތިނަދޫ ތިންފަރާތްކަމަށްވާ ސުނޭނާ، ޝަމްރާ އަދި ސާއިދު ފޮޓޯ: މުރާލި ކަނބަލުން
ބޮޑެތިބަލިތަކާ ހަނގުރާމަކުރަމުންދާ ތިނަދޫ ތިންފަރާތަކަށް"މުރާލި ކަނބަލުން"ގެ އެހީ!
އަންހެނުންގެ ދުވަހާ ގުޅުވައިގެން ނުވަތަ ގުޅުވައިގެން ނޫނަސް ތިމާ ކުރީ ކޮން ކަމެއް ހެއްޔެވެ؟ މިއީ ހިތާ ހިތުން ކޮށްލުން ރަނގަޅު ސުވާލެކެވެ. ނުވަތަ އެހެން މީހަކަށް އެހީތެރިވެ ދިނުމުގެ ގޮތުން ކޮށްދިނީ ކޮންކަމެއް ހެއްޔެވެ؟ މިސުވާލުގެ ޖަވާބު ގދ.ތިނަދޫއަށް ނިސްބަތްވާ އަންހެނުންގެ ގްރޫޕެއް ކަމަށްވާ " މުރާލި ކަނބަލުން" އަންނަނީ ދެމުންނެވެ.

މުރާލިކަނބަލުންނަކީ އަދި ރަޖިސްޓްރީ ކޮށްފައި އޮތް ޖަމިއްޔާއެއް ނޫނެވެ. އާދައިގެ ވައިބަ ގުރޫޕެއްގެ ގޮތުގައި ފަށައި މިހާރު ކޮމިއުނިޓީ ވައިބަ ގްރޫޕެއްގެ ގޮތުގައި ހިންގާ އެގްރޫޕްގައި ހާހަކަށްވުރެ ގިނަ މެންބަރުން އެބަތިއްބެވެ. މުރާލިކަމާއެކު ކުރަމުން އަންނަނީ "ބަރު" ކަންކަމެވެ. ޖަމާއަތަށް ފައިދާހުރި ކަންކަމެވެ. އިންސާނިއަޔަތަށްޓަކައި އޯގާތެރިކަމާއެކު ކުރަންޖެހޭ ކަންކަމެވެ. 

މިފަހަރު އެގްރޫޕްގެ ފޯކަސް ހުރީ ތިނަދޫގައި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންގެންދާ ތިންމީހަކަށް އެހީ ހޯދައިދިނުމަށެވެ. ސަރުކާރުތަކުން ކިތަންމެ ވަރަކަށް އާސަންދަ ހުސްނުވާނެ ކަމަށް ބުންޏަސް އެއީ އުސޫލުތަކެއްގެ ދަށުން ހިނގާނެ ކަންކަމަށްވާތީ އެޔަށް އެއްކޮށް ބަރޯސާއެއް ނުވެވޭނެއެވެ. އާސަންދަ ލިބުނު ކަމުގައިވިޔަސް މިކަހަލަ ބޮޑެތި ބަލިބައްޔަށް ބޭސްކުރާ އިރު ކުރަންޖެހޭ ބައިވަރު އިތުރު ކަންކަން ހުރެއެވެ. އެކަން "މުރާލި ކަނބަލުންނަށް" އެނގެއެވެ. ބަލިތަކުގެ ވޭން ތަހައްމަލު ކުރާ ފަރާތްތަކަށް އެހީތެރިވެދޭން އެކަނބަލުން ނިންމީ އެހެންވެގެންނެވެ. 

ލޭގެ ކެންސަރަށް ފަރުވާ ހޯދަމުންދާ ގުރޭޑު ދިހައެއްގެ ދަރިވަރު އައިޝަތު ސުނޭނާ ރަޝީދު އާއި ކިޑްނީގެ ބައްޔަށް ފަރުވާ ހޯދަމުންދާ ގދ. ތިނަދޫ ފޮނިމާގޭ ސާއިދު އަހުމަދު އާއި، އުރަމަތީގެ ކެންސަރަށް ފަރުވާ ހޯދަމުންދާ  ވިނަ ގދ. ތިނަދޫ މަރްޔަމް ޝަމްރާ ހަސަން އަކީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ތިން ފަރާތެކެވެ.

ގދ. ތިނަދޫގައި ހިންގާ މުރާލި ކަބަލުންގެ ފަރާތުން "ސީއެންއެމް" އަށް  މައުލޫމާތު ދެއްވަމުން އެ ގުރޫޕްގެ ރައީސް މައުސޫމާ އަލީ ވިދާޅުވީ، މި ވަގުތު ތިނަދޫގައި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ތިންފަރާތެއް ތިބި އިރު، އެފަރާތްތަކަށް ފަރުވާގެ އެހީތެރިކަން ހޯދުމަށް ކުރަމުންދާ މަސައްކަތުގައި އެ ފަރާތްތަކަށް އެހީތެރިކަމުގެ އަތެއް ފޯރު ކޮށް ދިނުމަށް އެދޭ ކަމަށެވެ.

މި ތިން ފަރާތުންވެސް ރާއްޖޭން ފަރުވާ ނުލިބޭ ބޮޑެތި ބަލިތަކަަށް ފަރުވާ ކުަރަމުންދާތާ އެތައް އަހަރު ތަކެއް ވެއްޖެވެ. އެ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާ ތަކުން ތިބީ ގޮތް ހުސްވެފައެވެ. އެ އާއިލާ ތަކުން އެދެމުން ދަނީ އެންމެންގެ ދީލަތި އަތަކަށެވެ.

ސުނޭނާ އަކީ ގުރޭޑް ދިހައެއްގައި ތައުލީމް ހާސިލް ކުރަމުންދާ އުމުރުން 16 އަހަރުގެ ކުއްޖެކެވެ. މިވަގުތު ސުނޭނާ އޮތީ އޭނާގެ ބައްޔަށް ފަރުވާ ހޯދުމަށް އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައެވެ. ފުރަތަމަ އޭނާ އަށް ކީމޯ ތެރެޕީ ދެވިފައިވީ ނަމަވެސް އޭގެ އަސަރު އޭނާގެ ހަށިގަޑަށް ކޮށްފައިނުވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނެއެވެ.

ބަލިން ދިފާއު ވުމަށް އޭނާއަށް އޮތް ހަމަ އެކަނި ގޮތަކީ ބޯން މެރޯ ހެދުމެވެ. އެކަމުގައި އެހީތެރިވާން ތިބީ ހަތަރު ކޮއްކޮއެވެ. އެ އާއިލާ އިން ބުނަނީ އެ ޓެސްޓު ހެދުމަށްޓަކައި ސްޓެމްސެލް ޓްރާންސް ޕްލާންޓެއް ހަދަން ޖެހޭ ކަމަށާއި، އެގޮތުން ރަށުގައި ތިބި ހަތަރު ބެއިން އިންޑިއާއަށް ގެންދަން ޖެހޭ ކަމަށް ޑޮކްޓަރުން އިރުޝާދު ދެއްވާ ކަމަށެވެ.

މި ހަތަރު ކުދިން ތިނަދޫ އިން މާލެއަށް އަދި މާލެ އިން އިންޑިއާ އަށް ގެންދިއުމަށް ބޮޑު ހަރަދެއް ހޭދަވާއިރު، އިންޑިއާ އަށް ގޮސް ހަމަ އެކަނި ޓެސްޓު ހެދުމަށް ގާތްގަޑަކަށް ކުއްޖަކަށް 25000 ދިވެހި ރުފިޔާގެ ރޭޓުން ހަތަރު ކުދިންނަށް އެއްލައްކަ ރުފިއާ ހަރަދުވެގެންދާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އާއިލާ އިން ބުނެއެވެ. 

ނަމަވެސް ސުނޭނާގެ އާއިލާ އަކީ އެފަދަ ކަމަކަށް ތަނަވަސް ކަން ހުރި އާއިލާ އެއް ނޫނެވެ. ސުނޭނާގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އެއިލާއިން ބޭނުންވަނީ ވެސް އެންމެންގެ އެހީއެވެ.

"މުރާލި ކަންބަލުން"ގެ ފަރާތުން ބުނީ އެތިން އާއިލާއަށް އެކަނބަލުންގެ ފަރާތުން އެހީތެރިކަން ހޯދުމަށްޓަކައި ހުޅުވާލިތާ އަދި މިވީ ތިން ދުވަސްކަމަށެވެ. މިހާތަނަށް 19000ރުފިޔާ ވަނީ ލިބިފައެވެ. މި ހަރަކާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ހަފްތާއެއްގެ ނިޔަލަށެވެ. އެއަށްފައު ލިބޭ ފައިސާ ތިނައާއިލާއަށް ބަހާނެއެވެ. 

މަރިޔަމް ޝަމްރާ ހަސަން އަކީ އުރަމަތީގެ ކެންސަރުގެ ބާވަތެއް ކަމުގައިވާ "ކާސިނޯމާ ބުރެސްޓް ޓްރީޕަަލް ނެގެޓިވް ބުރެސްޓް ކެންސަރު" އަށް އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ މީހެކެވެ. ޑޮކްޓަރުންގެ އިރުޝާދާ އެކު، މިބައްޔަށް ފަރުވާ ހޯދުމަށް އިންޑިއާގެ ކޮޗިން ގައި ހަތަރު މަސް އޭނާ ހޭދަ ކޮށްފައިވާ ކަމަށާއި، އަދި އިތުރު ހަމަސް އޭނާ ބޭސް ފަރުވާ އަށް ހޭދަކުރަން ޖެހޭނެ ކަމަށް ޑޮކްޓަރު ލަފާ ދެއްވާފައިވާކަމަށް ޝަމްރާ ބުނެއެވެ. 

އަދާ ކުރަމުން ދިޔަ ވަޒީފާ އިން ނޯޕޭ ލީވެއް ނަގައިގެން ޝަމްރާވެސް ހުރީ އިންޑިޔާގައެވެ. އިންޑިޔާގައި ހުރީ އަދިވެސް އޭނާ މަޑު ކުރަން ޖެހޭތީއެވެ.

ޝަމްރާވެސް ބޭނުން ވަނީ އޭނާގެ ބައްޔަށް ފަރުވާ ހޯދުމަށް އެންމެންގެ ދީލަތި އެހީ އެކެވެ.

ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުންދާ ސާއިދު އަކީވެސް އެބަލީގެ ވޭން ތަހައްމަލު ކުރާތާ ދިގު މުއްދަތެއް ވެފައިވާ މީހެކެވެ. 2018 ވަނައަހަރު ޖޫން މަހުގެ ދިހަ ވަނަ ދުވަހު، ސާއިދުގެ ހަޔާތް އެފުށް މިފުށަށް ޖަހާލީ އޭނާގެ ދިރިއުޅުން ކަޅު ދުވަސް ތަކަކަށް ބަނަ ކޮށްފައެވެ. އެއީ އޭނާގެ ދެ ކިޑްނީ ފެއިލްވެފައިވާ ކަމުގެ ހިތާމަވެރި ހަބަރު ޑޮކްޓަރުންގެ ފަރާތުން އޭނާ އަށް ލިބުނު ދުވަހެވެ. 

ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ސާއިދު ހަޔާތުގެ ބާކީ ބައި ހޭދަކުރަން ޖެހޭނީ ކޮންފަދަ ކަނޑެއްގައި ކަމެއް ކިހާ ވަރެއްގެ ދަތުރެއް ކަމެއް ވިސްނާލެވިފައެއް ވެސް ނެތް އިރު،  އޭނާ އަށް ލިބުނު އުފާވެރި ހަބަރަކީ  ޑޯނަރެއް ލިބި އޮޕަރޭޝަން ކެރެވޭނެ ކަމުގެ އުފާވެރި ހަބަރެވެ.

ނަމަވެސް އިންޑިއާއަށް ދިއުމާއި، ހުރުމާއި ކެއުމާއި، އޮޕަރޭޝަނަށް ބޮޑު ހަރަދެއް ހޭދަވެގެން ދާނެތީ، އޭނާ ވެސް އެދެނީ  އެންމެންގެ ދީލަތި އެހީ އަކަށެވެ. 

މިތިން މީހުންނަކީ ވެސް ތިނާދޫއަށް ނިސްބަތްވާ މީހުންނެވެ. މިތިންމީހުންނަށް އެހީތެރި ވެދިނުމަށްޓަކައި މިހާރު މަސައްކަތް ކުރަނީ ތިނަދޫ މުރާލި ކަންބަލުންގެ ނަމުގައި އުފައްދާފައިވާ ގުރޫޕުންނެވެ. އެހީތެރި ވެދެއްވަން ބޭނުންފުޅު ފަރާތްތަކުން މުރާލި ކަނބަލުންނާ ގުޅުއްވައިގެން ކުރިއަށް ގެންދަވާށެވެ. 

މުރާލި ކަނބަލުންގެ ގުރޫޕްގެ ފަރާތުންން: 

ބީއެމްއެލް ދިވެހި އެކައުންޓް ނަމްބަރު، އަދި ނަން މައުސޫމާ އަލީ 7710411027102ި 

އިތުރު މައުލޫމާތު ހޯދުމަށް.  7890807 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް