ads
2015 ވަނަ އަހަރު ބޭއްވި އެމަޖެންސީ އެކްސަސައިޒްގެ ތެރެއިން
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެމަރޖެންސީ އެކްސަސައިޒް މާދަމާ ބާއްވަނީ
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެމަރޖެންސީ އެކްސަސައިޒް މާދަމާ ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ކުރިއަށްދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެކުންފުނިންެ ބުނީ އަރޕޯޓްގައި ހިނގާފާނެ ކުއްލި ހާލަތަކަށް ތާއްޔާރުވުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ގަވާއިދުން ބާއްވާ ފުލްސްކޭލް އެމަރޖެންސީ އެކްސަސައިޒް، މާދަމާ ހަވީރު ކުރިއަށްދާނެކަމަށެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީއާއި ގުޅިގެން ކުރިއަށްގެންދާ، ރާއްޖޭގެ އެވިއޭޝަން ދާއިރާގައި ބާއްވޭ އެންމެ ބޮޑު މި ޙަރަކާތުގައި އެކިދާއިރާތަކުން 400އަށް ވުރެގިނަ ފަރާތުން ބައިވެރިވާނެއެވެ. ކޮންމެ ދެ އަހަރަކުން އެއްފަހަރު ކުރިއަށް ގެންދާ މިހަރަކާތަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމް.ސީ.އޭ.އޭ) އާއި އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ ) އިން ލާޒިމު ކުރާ ޙަރަކާތެކެވެ. 

އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އޮޕަރޭޓަރުގެ ހައިސިއްޔަތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމް.އޭ.ސީ.އެލް)އިން އޭރޮޑްރޯމްގައި އެއަރކްރާފްޓް އޮޕަރޭޓް ކުރުމުގައި އެމް.ސީ.އޭ.އޭ އަދި އައިކާއޯގެ މިންގަނޑުތަކާއި އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ހުރިކަން ކަށަވަރުކޮށް ދެނެގަތުން ލާޒިމުކުރެއެވެ. އެއަރޕޯޓް ފުލްސްކޭލް އެމަރޖެންސީ އެކްސަސައިޒްގެ ބޭނުމަކީ ކުއްލި ނުރައްކަލުގެ ހާލަތެއްގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އެމަރޖެންސީ ޕްލޭން އަދި ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރސްކާއި، މިހަރަކާތުގައި ބައިވެރިވާ އެއަރލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓްކުރުމެވެ. 

އަދި އެމް.އޭ.ސީ.އެލްގެ ޑިޕާޓްމަންޓްތަކާއި، ސަރުކާރުގެ އެކިއިދާރާތަކާއި، ކަމާއިގުޅޭ އެހެން މުއައްސަސާތަކުގެ މެދުގައި ކޯޑިނޭޝަން އޮންނަ މިންވަރުވެސް ވަޒަން ކުރެވޭނެއެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތެއްގައި އެހީތެރިވާނެ އިދާރާތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނުގެ ކެޝުއަލްޓީ މެނޭޖްމެންޓް ކެޕޭސިޓީ އަމިއްލައަށް ވަޒަން ކޮށްލަން ލިބޭ ނެ ފުރުސަތަކަށް މި ހަރަކާތް ވެގެންދާނެއެވެ. އަދި އެމް.އޭ.ސީ.އެލްގެ މީޑިއާ މެނޭޖްމެންޓާއި ފަޔަރ އެންޑް ރެސްކިއު ސަރވިސަސްގެ ހަރަކާތްތައް މިފަދަ ހާލަތަކަށް ތައްޔާރުވެފައިވާ މިންވަރު ވަޒަންކުރެވޭނެއެވެ. 

މި ޙަރަކާތުގައި އެއަރ ޕޯޓްގެ އެކި ދާއިރާތަކުގެ އިތުރުން ސިއްހީ ހިދުމަތްދޭ ތަންތަން ހިމެނޭގޮތުން 30 އިދާރާއަކުން ބައިވެރިވާނެއެވެ. އަދި މިހުރިހާ މުވައްސަސާތަކުގެ އިމަރޖެންސީ ޕްލޭން ހަރަކާތްތެރި ކުރެވިގެންދާނެއެވެ. މާދަމާ ފަށާ އެއަރޕޯޓް ފުލްސްކޭލް އެމަރޖެންސީ އެކްސަސައިޒްގެ ރަސްމީ އެއަރލައިންގެ ގޮތުގައި އެމިރޭޓްސް އެއަރލައިން ބައިވެރިވާނެއެވެ. އަދި ހަރަކާތް ކުރިއަށް ގެންދާއިރު އެމަރޭޓްސްގެ ސެފްޓީ އޮޕަރޭޝަން ޕްލޭން ހަރަކާތްތެރިކޮށް އެއަރޕޯޓްގެ އެމަރޖެންސީ ސަރވިސަސްއާއި އެކު ބައިވެވެރިވާނެއެވެ. 

އަދި މިއީ ރާއްޖޭގައި ބާއްވާ މިފަދަ ހަރަކާތެއްގައި ބައިނަލް އަގްވާމީ އެއަރލައިންއަކުން ބައިވެރިވާ ފުރަތަމަ ފަހަރެވެ. 

މިހަރަކާތް ކުރިއަށް ގެންދިޔުމުގެ އެންމެފަހުގެ ތައްޔާރީތައް މިހާރު ނިމިފައިވާއިރު، މި ޙަރަކާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ވަނީ މައުލޫމާތު ދިނުމާއި ތަމްރީން ބައްދަލުވުންތައް ކުރިއަށް ގެންދެވިފައެވެ. މީގެ ތެރޭގައި ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަ ތަމްރީންތަކާއި ސަލާމަތީ ހިދުމަތްތަކާއި ވޮލެންޓިއަރުންނަށްވެސް ހިންގުނު ތަމްރީންތައް ހިމެނެއެވެ. މީގެ އިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ ގިނަ މަޝްރުޢޫތަކެއް ކުރިއަށް ގެންދާއިރު، މީގެ ހަރަކާތުގެ ތެރޭގައި މިހާރު އޮޕަރޭޝަން ފަށާފައިވާ ގިނަ ތަންތަން ޓެސްޓް ކުރެވޭނެއެވެ. އޭގެ ތެރޭގައި މިހާރު ވަގުތީ ގޮތުން ޓެކްސީވޭގެ ގޮތުގައި ބޭނުންކުރާ ކޯޑް-އެފް ރަންވޭ މިފަދަ ހާލަތެއްގައި ބޭނުންކުރާނެ ގޮތް ޓެސްޓްކުރެވޭއެވެ. މާދަމާ ހަވީރު ހަތަރަކުން ރޭގަޑު އަށެއް ޖެހުމާއި ހަމައަށް ހަރަކާތް ކުރިއަށް ގެންދާއިރު، ހަވީރު 4 އިން 6 އަކަށް އެއަޕޯޓުގެ ރަންވޭގެ އޮޕަރޭޝަން އެއްކޮށް މަޑުޖައްސާލާނެއެއެވެ. ނަމަވެސް ބައިނަލް އަޤްވާމީ އުދުހުންތަކުގެ ޗެކްއިން އަދި ސީޕްލޭން އޮޕަރޭޝަން ހުއްޓުމެއްނެތި ކުރިއަށް ދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް