ads
އެސްޑީއެފްސީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހް އެތަން ހުޅުއްވައިދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް
އެސްޑީއެފްސީން މިދިޔަ އަހަރު 335 މިލިއަން ރުފިޔާގެ ލޯން ދޫކޮށްފި
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މިދިޔަ އަހަރުގެ ނިޔަލަށް 335 މިލިއަން ރުފިޔާގެ ލޯން ހަމަޖައްސައިދީފި އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ރަސްމީކޮށް އިފްތިތާހު ކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހު އެވެ. އަދި އެސްޑީއެފްސީއަށް ރާއްޖޭގައި ފައިނޭންސިން ވިޔަފާރި ކުރުމަށް ބޭނުންވާ ފައިނޭންސިން ބިޒްނަސް ލައިސަންސް އެމްއެމްއޭ އިން ދޫކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. 

ރިޔާސީ ބަޔާން މިއަދު އިއްވަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ އެސްޑީއެފްސީން މިދިޔަ އަހަރުގެ ނިޔަލަށް ދޫކުރި 335 މިލިއަން ރުފިޔާގެ ލޯނު ހަމަޖައްސައިދީފައިވަނީ 301 ވިޔަފާރިއަކަށް ކަމަށެވެ. އެސްޑީއެފްސީން މިއަހަރު އިތުރު 450 މިލިއަން ރުފިޔާގެ ލޯނު ދޫކުރާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. 

ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގެ ގާތްގަނޑަކަށް 93 އިންސައްތައަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކަމުގައިވީ ނަމަވެސް އެފަދަ ވިޔަފާރިތައް ކުރިއަރުވައި ތަރައްގީ ކުރުމަށް ގިނަ ހުރަސްތަކެއް ކުރިމަތިވާ ކަމަށް ރައީސް މީގެކުރިން ފާހަގަކުރައްވާފައިވެ އެވެ. އަދި އެސްއެމްއީ ބޭންކް އުފެއްދެވީ އެފަދަ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކޮށްދިނުމުގެ ބޭނުމުގައި ކަމަށްވެސް ރައީސް ކުރިން ވިދާޅުވެފައިވެ އެވެ. 

ރައީސް ސޯލިހް މިއަދު އިުތުރަށް ވިދާޅުވީ ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފުރަތަމަ ފަންޑެއްގެ ގޮތުގައި އެސްއެމްއީ އިނޮވޭޝަން ފަންޑެއް މިހާރު އިފްތިތާހުކޮށްފައިވާ ކަމަށެވެ. 

"މި ފަންޑުގެ ތެރެއިން ދިވެހި ޒުވާނުންގެ އީޖާދީ ޚިޔާލުތަކަށާއި ވިޔަފާރިތަކަށް ފައިސާ ލިބޭނެ ގޮތް ހަމަޖެހިގެންދާނެ. މިއީ މިހާތަނަށް ކުދި ވިޔަފާރިތަކާއެކު ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވެގެން ވިޔަފާރީގެ ބޭނުންތަކަށް ފައިސާ ހޯދޭނެ ގޮތް ހަމަޖެހިގެންދާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން." އެމަނިކުފާނު ވިދާޅުވި އެވެ. 

ރައީސް އިތުރަށް ވިދާޅުވީ މިހާރު މަސައްކަތް ފަށާފައިވާ ނެޝަނަލް ސިންގަލް ވިންޑޯ މަޝްރޫއުގެ ދަށުން އޮންލައިން ޕޯޓަލެއްގެ ތެރެއިން އިމްޕޯޓް-އެކްސްޕޯޓާ ގުޅޭ ލިޔެކިޔުންތައް ލުއި ފަސޭހަކޮށް ހުށަހެޅޭނެ އިންތިޒާމު ވެސް މިއަހަރުގެ އޭޕްރިލް މަސް ތެރޭގައި ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ސަރުކާރުގެ ކަމާގުޅޭ ވުޒާރާތައް މި ޕޯޓަލްއާ ގުޅައިލެވި އިމްޕޯޓް-އެކްސްޕޯޓްގެ ހުއްދަތައް އަންނަ އަހަރުގެ ތެރޭގައި އޮންލައިންކޮށް ފޯރުކޮށްދޭން ފަށާނެ ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް