ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ލ. އަތޮޅުގެ ބައެއް މަސްވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
މަސްވެރިކަން ކުރަން ގެންނަ ބައެއް ތަކެތިން ޑިއުޓީ ކަނޑާލުމަށް ނިންމައިފި
މަސްވެރިކަން ކުރުމަށް އުޅަނދުތަކަށް ރާއްޖެއިން ބޭރުން ގެންނަ ބައެއް ތަކެތީގެ އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ސަރުކާރުން ނިންމައިިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ މަސްވެރިންގެ ގިނަ ޝަކުވާތަކެއް އެބަހުރި ކަމަށެވެ. އެކަންކަމަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މަސްވެރި އުޅަނދުފަހަރަށް ގެންނަ އިންޖީނާއި، ދޯނި ބަނުމަށް ބޭނުންވާ ފައިބަރާއި، ރެސިން އަދި މަސްވެރިކަމަށް ބޭނުންކުރާ ބައެއް އެހެން އާލާތްތަކުގެ އިމްޕޯޓް ޑިއުޓީ މިއަހަރުގެ ތެރޭގައި ކަނޑާލާނެ ކަމަށެވެ. އަދި ގިނަ އަދަދެއްގެ ބިދޭސީން ހިމެނޭ ގޮތަށް ލޭނު މަސްވެރިކަމަށް ދީފައިވާ ހުއްދަތައް، ބޮޑުކަންނެލީގެ މަސްވެރިންގެ އެދުމާ އެއްގޮތަށް މިހާރު ވާނީ ބާތިލްކޮށްފައި ކަމަށްވެސް ވިދާޅުވި އެވެ. 

ރައީސް ސޯލިހް ވިދާޅުވީ ދިވެހި މަސްވެރިކަން ތަރައްގީކުރަން ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަ ކަމަށެވެ. މަސްވެރިންނާއި އޮޑިވެރިންގެ އަމިއްލަ މަސައްކަތުން މަސްވެރިކަން ކުރިއަރުވައި ތަރައްގީކުރިއިރު އެއާ ގާތްކުރާ މިންވަރަށްވެސް މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ ރަނގަޅު ސިޔާސަތެއް ކުރީ ސަރުކާރުތަކުން ގެންގުޅެފައި ނެތް ކަމަށްވެސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ މަސްވެރިންނަށް ދަތިވެފައިވާ ކަންކަން ހައްލުކުރުމުގެ ގޮތުން ކޫއްޑޫގައި ހުރި 2000 ޓަނުގެ ކޯލްޑް ސްޓޯރޭޖުގެ ކެޕޭސިޓީ 6000 ޓަނަށް އިތުރުކޮށް، ފެލިވަރުގެ ކެޕޭސިޓީ 4000 ޓަނަށް އިތުރުކުރުމަށް މިއަހަރުގެ ތެރޭގައި އިންވެސްޓް ކުރާނެ ކަމަށެވެ. 

އެން ހޯދަން ފީނުމުގައި ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން ރައްކާތެރި ގޮތުގައި ފީނުމުގެ ތަމްރީން ޕްރޮގްރާމްތަކެއް މިއަހަރު ފެށިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި އައްޑޫގައި މިހާރު ހުރި ޑީކޮމްޕްރެޝަން ޗެމްބަރުގެ ޚިދުމަތް ކުރިއަށް އޮތް މާޗް މަހުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. 

ދަނޑުވެރިންގެ މަސައްކަތްތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ ދަނޑުވެރިން އެންމެ ބޮޑަށް އެދޭ އެއްކަމަކީ އެފަރާތްތަކުގެ އުފެއްދުންތައް މާކެޓްކޮށް، ވިއްކާ އަދި ފަސޭހައިން ފައިސާ ލިބޭނެ އިންތިޒާމްތައް ހަމަޖެހިގެން ދިޔުން ކަމަށެވެ. އެގޮތުން ސަރުކާރު ހިއްސާވާ އެގްރި ކުންފުންޏެއް އުފައްދައި، ދަނޑުވެރިންގެ އުފެއްދުންތައް މާކެޓްކޮށް ވިއްކޭނެ އިންތިޒާމުތައް މި އަހަރުގެ ތެރޭގައި ހަމަޖެހިގެންދާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް