ads
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މީގެކުރިން އައިޖީއެމްއެޗަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
އައިޖީއެމްއެޗްގައި ކިޑްނީ ބަދަލުކުރުމުގެ ހިދުމަތް ދޭން ފަށަނީ
އައިޖީއެމްއެޗްގައި ކިޑްނީ ބަދަލުކުރުމުގެ ޚިދުމަތް މި އަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައިދެއްވުމުގެ ގޮތުން ރައީސް ސޯލިހް މިއަދު އިއްވެވި ރިޔާސީ ބަޔާންގައި ވިދާޅުވީ ހާއްސަ ބަލިބައްޔަށް ފަރުވާ ދިނުމުގެ ޚިދުމަތް ތަރައްގީކުރުމަށް މިއަހަރުގެ ތެރޭގައި މުހިއްމު މަޝްރޫއުތަކެއް ކުރިއަށް ގެންދަން ރޭވިފައި އެބަހުރި ކަމަށެވެ. މީގެތެރޭގައި ހިމެނެނީ އިންޑިއާ ސަރުކާރުގެ އެހީގައި މި އަހަރުގެ ތެރޭގައި ހުޅުމާލޭގައި ކެންސަރު ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފެށުމާއި އައިޖީއެމްއެޗްގައި ކިޑްނީ ބަދަލުކުރުމުގެ ހިދުމަތް މި އަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރުން ކަމުގައިވެސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ ނަފްސާނީ ބައްޔަށް ފަރުވާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން މިދިޔަ އަހަރުގެ މާޗް މަހު އައިޖީއެމްއެޗްގައި ގާއިމުކުރި ސެންޓާ ފޯ މެންޓަލް ހެލްތުން މިދިޔަ އަހަރުގެ ނިޔަލަށް 6160 މީހަކު ނަފްސާނީ ބައްޔަށް ފަރުވާ ހޯދާފައިވާ ކަމަށެވެ. އަދި އައިޖީއެމްއެޗްގައި ސައިކެޓްރީ ވޯޑެއް މުޅިން އަލަށް ގާއިމުކޮށް މި އަހަރުގެ ތެރޭގައި ޚިދުމަތް ދޭން ފަށާނެ ކަމަށްވެސް ވިދާޅުވި އެވެ.

ބޭސްފަރުވާއަށްޓަކައި މާލެ އަންނަން ނުވަތަ ރާއްޖެއިން ބޭރަށް ދިޔުމަށް ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދިނުމުގެ ގޮތުން، ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތް މިދިޔަ އަހަރުން ފެށިގެން ކުރިއަށްދާ ކަމަށްވެސް ރައީސް މިއަދު ވިދާޅުވި އެެވެ. މިމަސައްކަތް ކުރިއަށް ދަނީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ލ. ގަން ރީޖަނަލް ހޮސްޕިޓަލާއި، ގދ. ތިނަދޫ ޑޮކްޓަރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގަ އެވެ. 

ރައީސް ވިދާޅުވީ ސަރުކާރުން މިހާރު ނިންމާފައިވަނީ މި އަހަރަކީ އާންމު ސިއްހަތުގެ އަހަރެއްގެ ގޮތުގައި ކަނޑައަޅައިގެން ގައިން ގަޔަށް ނާރާ ބަލިތަކުން އާންމު ރައްޔިތުން ސަލާމަތްކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ. އެގޮތުން ކޮމިއުނިޓީ ހެލްތް ވާކަރުންގެ ވިއުގައެއް ގާއިމުކޮށް، އެ ހިދުމަތްތައް ފުރިހަމައަށް ހިންގަން ފެށުމަކީ މި އަހަރު ކުރެވޭނެ މުހިއްމު ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން އިސްރަށްވެހިންގެ ހިޔާ ގާއިމުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމުގެ ޔަގީންކަން ވެސް ރައީސް މިއަދު ވަނީ ދެއްވާފަ އެވެ. އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުން އަނބުރާ މުޖުތަމައަށް ގެނައުމަށް ބަންދުގެ މުއްދަތުގައި ފަރުވާދިނުމަށްޓަކައި ރިމާންޑް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ވިދާޅުވި އެވެ. 

ރައީސް އިތުރަށް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓްކުރުމަށް ގާއިމުކުރި ވިސްލްބްލޯވަ ޕޯޓަލްއަށް މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން 120 މައްސަލައެއް މިހާރު ވަނީ ތަހުގީގީ އިދާރާތަކަށް ފޮނުވާފައި ކަމަށެވެ. އަދި ދައުލަތުގެ މާލީ ކަންކަން، ދެފުށް ފެންނަ އުސޫލަކުން ކުރިއަށް ގެންދިޔުމުގެ ސިޔާސަތުގެ ދަށުން ދައުލަތުގެ މާލީ ހާލަތާއި ފައިސާގެ ހިސާބުތައް މިދިޔަ އަހަރުން ފެށިގެން އާންމުކުރަމުން ގެންދާ ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް