
މި އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސްގެ އަނބިކަނބަލުން ފަޒްނާ ވަނީ، އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވާ ރަމަޟާން މަހަށް ތައްޔާރުވާއިރު އިތުރަށް ވިސްނާލަންވީކަމެއް އޮތްތޯ އަންހެނެއް ގާތު އެހުމަށް އެދިފައެވެ. އަދި، އެފަދަ ސުވާލެއް ކޮށްފިނަމަ، ޖަވާބަކަށް، ދެ ވަނަ ފްލޯއަށް ނޭރޭނެ އަންހެނުންވެސް ތިބޭނެކަމަށާއި އަންހެނުންނަށް ވެސް ގްރައުންޑް ފްލޯގައި ނަމާދުކުރަން ތިބެވޭނެ ޖާގައެއް ހޯއްދަވައިދެއްވުމަށް ބޭނުންވާނެކަމަށް އެ އަންހެނުން ފާހަގަކުރާނެ ކަަމަށް ވިދާޅުވިއެވެެ.
އެ މައްސަލައަށް ހައްލު ހޯދައިދީފައިވާކަން ރައީސް އޮފީހުން މިއަދު ވަނީ ހާމަކޮށްފައެވެ. އެކަން ހާމަކޮށް މިއަދު ރައީސް އޮފީހުން ބުނިގޮތުގައި، އިސްލާމީ މަރުކަޒުގެ އޮފީހުގެ ރިސެޕްޝަން ކުރިމައްޗަށްވާ ގޮތަށް ރޯދަމަހަށް ހާއްސަކޮށްގެން ދެ ވަނަ ފްލޯ އަށް އަރަން އުނދަގޫވާ އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ.
މިކަން މިގޮތަށް ހަމަޖައްސަވާފައިވީ ނަމަވެސް ސަރުކާރުގެ އިލްތިމާސަކީ ދެ ވަނަ ފްލޯއަށް އެރޭވަރުގެ ކުޅެދުންތެރިކަން ހުރި އަންހެނުން ނަމާދުކުރުމަށް ދެވަނަ ފްލޯ ބޭނުންކުރުން ކަމަށް ބުނެފައިވެއެވެ.
އެއީ ދެވަނަ ފްލޯއަށް އެރޭ މީހުން ގްރައުންޑް ފްލޯ ބޭނުންކުރާނަމަ، ދެ ވަނަ ފްލޯ އަށް އެރުމަށް ދަތިތަކާދިމާވާ އަންހެނުންނަށް އަނެއްކާވެސް ދަތިތައް ދިމާވެ މިކަން ކުރުމުގެ މަގްސަދު ގެއްލޭނެތީކަން ރައީސް އޮފީހުން ފާހަގަކުރެއެވެ.
އިސްލާމީ މަރުކަޒަކީ ހާއްސަކޮށް ތަރާވީސް ނަމާދާއި ދިމާކޮށް ގިނަ އަދަދެއްގެ އަންހެނުންވެސް އަރާ މިސްކިތެކެވެ.