ads
ކީރިތި ގުރުއާން
ސަހާބީން ރަމަޟާން މަހާއި ބައްދަލު ކުރާގޮތް
މާތްވެގެންވާ ރަމަޟާން މަސް އަހަރުމެންނާއި ބައްދަލު ކުރާއިރު، ހިތުގައި އުފެދޭ އެއް ސުވާލަކީ ސަހާބީން رضوان الله عليهم މި މަތިވެރި ރަމަޟާން މައްސަރާ ބައްދަލު ކުރުމުގައި، އެބައިމީހުންގެ ހަލަތަކީ ކޮބައިތޯ އެވެ. އެބޭފުޅުން ކަންކަން ކުރެއްވި ގޮތާއި އެކަންކަން އަހަރުމެންނަށް ކުރެވިދާނެ ތޯއެވެ.

ފުރިހަމަ ސަނަދުތަކުން، ރިވާޔަތްތައް ލިޔެވިފައިވާ ފޮތްތަކުން، އެބަޔަކަށް އިތުބާރު ހިފޭ އަހުލުވެރިންގެ ފަރާތުން އަހަރެމެންނަށް ބަޔާންވެގެންވަނީ، މި އުއްމަތުގެ ސަލަފުއް ސާލިހުން (ރަމަޟާން މަހާއި އިސްތިގުބާލު) ކުރުމުގައި އެބައިމީހުންގެ ހާލަތީ، އެބައިމީހުން ﷲ ގެ ހަޒުރަތުން އެބައިމީހުންނާއި ރަމަޟާންމަސް ބައްދަލުކޮށްދެއްވުން އެދި އެބައިމީހުން ދުއާ ދަންނަވަ އެވެ. 

އެއީ، އެމައްސަރުގެ މަތިވެރިވެގެންވާ، ބޮޑުވެގެންވާ ހެޔޮކަން އެބައިމީހުންނަށް އެނގިވަޑައިގެންފައި ވުމުންނެވެ. އަދި އެ މައްސަރުގެ މަންފާ އަކީ ބޮޑުވެގެންވާ މަންފާއެއްގެ ގޮތުގައި އެބައިމީހުންނަށް އެނގިވަޑައިގެންފައި ވުމުންނެވެ. އެއަށްފަހު، އެބައިމީހުންނާއި ރަމަޟާން މަސް ބައްދަލުވުމުން، އެބައިމީހުންނަށް ހެޔޮ ސާލިހް އަމަލު ކުޅައުމަށް ވާގިދެއްވުން އެދި އެބައިމީހުން ﷲ އަށް ދުއާ ދަންނަވަ އެވެ. 

އެއަށްފަހު ރަމަޟާން މަސް ނިމި ދިއުމުން އެބައިމީހުން އެ މައްސަރުގައި ކުރި އަޅުކަންތައް އެބައިމީހުންގެ ފަރާތުން ގަބޫލުވޮޑިގެންނެވުމަށް އެދި ﷲ އަށް ދުއާ ދަންނަވަ އެވެ. 

އެއީ ﷲ ވަހީ ކުރައްވާފަދައިންނެވެ. ﴿والذين يؤتون ما آتوا وقلوبهم وجلة أنهم إلى ربهم راجعون أولئك يسارعون في الخيرات وهم لها سابقون﴾ "އަދި އެބައިމީހުންނަކީ އެބައިމީހުންގެ ވެރި އިލާހުގެ ހަޒުރަތަށް، އެބައިމީހުން އެނބުރި ދާނޭކަމާއި މެދު އެބައިމީހުންގެ ހިތްތައް ބިރުވެތިވެގެންވާ ހާލުގައި ހެޔޮ ސާލިހް އަމަލު ކުޅައުމުގައި ދެމިތިބޭ ބައެކެވެ. (އެބައިމީހުން ކޮށްފައިވާ ހެޔޮ ސާލިހް އަމަލުތައް އެކަލާނގެ ގަބޫލުވޮޑި ނުގަންނަވާނެ ކަމުގައި އެބައިމީހުންނަކީ ބިރުވެތިވެގެންވާ ހާލުގައި ދެމިތިބޭ ބައެކެވެ.) އެބައިމީހުން އެންމެންނީ ހެޔޮކަންތަކުގައި އަވަސްވެގަންނަ މީހުންނެވެ. އަދި އެބައިމީހުންނީ އެކަންތައްތަކުގައި ކުރިއަރައި ދާ މީހުންނެވެ."

އެބައިމީހުން ހެޔޮ ސާލިހް އަމަލު ކުޅަކުމުގައި ވަރަށްބޮޑަށް ގަދައަޅާ، ބާރުއެޅުމުގައިވެ އެވެ. އެހެނަސް އެ ހެޔޮ ސާލިހް އަމަލުކުރުމަށްފަހު އެބައިމީހުން އެ އަމަލުތަކުގެ މައްޗަށް ކަންބޮޑުވެ، ދެރަވުމުގައިވެ އެވެ. ސަބަބަކީ އެ އަމަލުތައް އެބައިމީހުންގެ ފަރާތުން ގަބޫލު ކުރެއްވި ކަމެއް ނުވަތަ ގަބޫލު ނުކުރެއްވޭ ކަމެއް އެބައިމީހުންނަށް އެނގިވަޑައި ނުގަންނަވާތީ އެވެ.

ސަބަބަކީ އެބައިމީހުންނަށް ﷲ ގެ މާތްވަންތަ ކަމާއި މަތިވެރިވަންތަ ކަމުގެ އިލްމު ލިބިވަޑައިގެންފައި ވުމެވެ. އެގޮތުން އެއިލާހު އެއްވެސް އަމަލެއް، އެ އަމަލަކީ އެއިލާހުގެ ހަޒުރަތަށް ހާލިސް ކަމާއެކު އަދި މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތާއި އެއްގޮތަށް އެސުންނަތަށް މުވާފަގާ ވެވޭ ގޮތަށް ކުރެވުނު އަމަލެއް މެނުވީ ގަބޫލުވޮޑި ނުގަންނަވާނެ ކަން އެބައިމީހުންނަށް އެނގިވަޑައިިގެންފައިވާތީީ އެވެ.  

ފަހެ، އެބައިމީހުންނަކީ އެއްވެސް ގޮތަކަށް އަމިއްލަ ނަނަފްސަށް ތަޒްކިޔާ (އަމިއްލަ ނަފްސު ހެޔޮ، ރަނގަޅު، ހެޔޮލަފާ ކަމުގައި) ދެކޭނެ ބައެއް ނޫނެވެ. އެބައިމީހުންނަކީ، އެބައިމީހުންގެ އަމަލުތަށް ބާތިލްވެގެން ގޮސްދާނެ ކަމަށް ބިރުވެތިވާ ބައެކެވެ. ފަހެ، އެބައިމީހުން އަމަލު ކުރުމަށް އުފުލާ ވަރުބަލިކަމާއި ވޭނަށް ވުރެ ބޮޑު ވަރުބަލިކަމާއި ވޭނެއް އެބައިމީހުން އެ އަމަލުތައް ﷲ ގަބޫލު ކުރެވިގެން ދިއުމާމެދު އުފުއްލަވަ އެވެ. 

ސަބަބަކީ އެކަލާނގެ ވަހީކުރައްވާފައިވެ އެވެ. ﴿إِنَّمَا يَتَقَبَّلُ اللَّهُ مِنَ الْمُتَّقِين﴾ "ހަމަކަށަވަރުން ﷲ އަޅުކަންތައް ގަބޫލުވޮޑިގަންނަވަނީ ތަގްވާވެރިންގެ ފަރާތުންނެވެ."

އެހެން ކަމުން އަޅުގަނޑުމެންނާއި މި ބަރަކާތްތެރި ރަމަޟާން މަސް ބައްދަލު ކުރާއިރު، މިކަންކަމާއި މެދު ފުންކޮށް ވިސްނާ ހެޔޮ އަމަލުތައް ކުރުން ގިނަ ކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. އަދި ކުރާ އަޅުކަންތައް ތަކަކީ ﷲ ގެ ހަޒްރަތުގައި ގަބޫލުކުރައްވާނެ އަޅުކަންތައްތައް ކަމަށް ހެދުމަށް މަސައްކަތް ކުރަން ޖެހެއެވެ. 

މަސްދަރު: ސަލަފް 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް