ads
ސްޓެލްކޯ
ސްޓެލްކޯގެ ސަވައަށް ދިން ރެންސަމްވެއަ ހަމަލާ ތަހުގީގުކުރަން ހުށަހަޅައިފި
ސްޓެލްކޯގެ ސަވަ އަށް ދިން ރެންސަމްވެއަ ހަމަލާ ތަހުގީގުކުރަން ފުލުހުންނަށް އެ ކުންފުނީގެ ފަރާތުން ހުށަހަޅައިފި އެވެ.

އެކަމާއި ގުޅިގެން އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި ދިޔަ ބުރާސްފަތި ދުވަހު އެ ކުންފުނީގެ ސަވަ އަށް ދިން އެ ރެންސަމްވެއަ ހަމަލާގެ ސަބަބުން ކުންފުނީގެ އައިޓީ ނެޓްވާރކް މެދުވެރިކޮށް ދެމުންދޭ ހިދުމަތްތަކާއެކު ކުންފުނީގެ ވެބްސައިޓާއި، މޯބައިލް އެޕްލިކޭޝަނާއި، މޯބައިލް އައުޓްލެޓްތަކާއި،
އަދި ހިދުމަތްދޭ ކައުންޓަރުތަކުން ދެމުންދާ ހިދުމަތްތައް އެތާރީހުން ފެށިގެން މެދުކެނޑުނު ކަމަށާއި، އޭގެ ސަބަބުން
އައިޓީ ނެޓްވޯކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން، ކުންފުނީގެ ހިދުމަތްތައް ހޯދުމުގައި ކަސްޓަމަރުންނަށް ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. 

އެ ހަމަލާގެ ސަބަބުން ދިމާވި މައްސަލަތައް އަދިވެސް އެއްކޮށް ރަނގަޅުކުރެވިފައި ނުވިނަމަވެސް، މީހާތަނަށް ކުރެވުނު މަސައްކަތުން ކުންފުނީގެ ހެޑް އޮފީހުން ފޯރުކޮށްދޭ ހިދުމަތަށްއެދި ފޯމް ހުށަޅުމާއި، ބިލުދެއްކުމުގެ ހިދުމަތް ފެށިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

"މި ހަމަޅަލާގެ ސަބަބުން ދިމާވެފައިވާ އެންމެހާ މައްސަލަތައް ހައްލުކޮށް، މެދުކެނޑިފައިވާ އެންމެހާ ހިދުމަތްތައް އަލުން ދިނުމުގެ މަސައްކަތް ކުންފުނިން މިގެންދަނީ ކުރަމުންނެވެ. އަދި މި މައްސަލަތައް ވީހާވެސް އަވަހަށް ހައްލުކުރުމުގެ ގޮތުން ދައުލަތުގެ ކަމާބެހޭ މުވައްސަސާތަކާއި މަޝްވަރާކުރެވި، އެފަރާތްތަކުގެ ލަފާއާއި އެހީތެރިކަމާއިއެކު ގިނަ މަސައްކަތްތަކެއް ކުރެވެމުންދެއެވެ. އަދި މި މައްސަލަ ބަލާ ތަހްގީގްކޮށްދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސަވިސަސް އަށް ހުށަހަޅާފައިވާކަންވެސް މި ފުރުސަތުގައި ފާހަގަކުރަމެވެ." ސްޓެލްކޯގެ ބަޔާނުގައި ވެއެވެ.


އެމައްސަލަ ހައްލުކޮށް، ކުންފުނިން ދެމުންގެންދާ ހިދުމަތް ދެމެހެއްޓެނިވި އަދި އިތުބާރު ހުރި
ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުންފުނިން ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމުގެ ޔަޤީންކަން އަރުވާ ކަމަށާއި، އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައްވެސް އަޅަމުންދާކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ. 

ރެންސޮމްވެއާ ހަމަލާއަކީ މެލްވެއާގެ ބާވަތެކެވެ. އެ ހަމަލާ ދީގެން ހެކަރުން ސިސްޓަމެއްގައި ހުންނަ ފައިލްތަކާއި، ޑޭޓާތައް އެމީހުންގެ ބާރުގެ ދަށަށް ގެނެސް، ސިސްޓަމްގެ ވެރިފަރާތަށް އެ އެއްޗެހި ބޭނުން ނުކުރެވޭ ގޮތަށް ބްލޮކް ކޮށްލައެވެ. ގިނަފަހަރަށް މިފަދަ ހަމަލާތައް ދިނުމަށްފަހު އެ ސިސްޓަމުގައި ހުރި މައުލޫމާތު އާއްމުކުރާނޭ ކަމަށް ބުނެ ބިރު ދައްކާ ބޮޑު އަދަދުތަކުގެ ފައިސާއަށް ޑިމާންޑު ކުރެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް