ads
ޔޫ.އޭ.އީގެ ދުބާއީ ސަމިޓުގައި ޝައުނާ ވާހަކަދައްކަވަނީ
"ސިއްހީ ހިދުމަތާއި ތައުލީމު ހުރިހާ ރަށަކަށް ހަމަހަމަ ނުވަނީ ރަށްތައް ބެހިފައިވާ ގޮތުން"
ރަނގަޅު ފެންވަރު ސިއްހީ ހިޚިދުމަތާއި ތައުލީމު ހުރިހާ ރަށަކަށް އެއް ހަމައެއްގައި ފޯރުކޮށް ދިނުމަށް އުނދަގޫ ވަނީ ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން ބެހިފައި ހުރިގޮތުން ކަމަށް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ވަރލްޑް ގަވަރމަންޓް ސަމިޓް 2022 ގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ، ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން ބެހިފައި ހުރިގޮތުން ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތާއި ތައުލީމު ހުރިހާ ރަށަކަށް އެއް ހަމައެއްގައި ފޯރުކޮށްދިނުމަކީ ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށެެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ރާއްޖެއަކީ ވިލުންތެރިކަމަށް އިސްކަންދޭ ޤައުމަކަށް ވާންޖެހޭކަމަށް ވިދާޅުވިއެވެ. 

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ޝައުނާ ވަނީ މީގެ ދެ އަހަރު ކުރިން ރާއްޖޭގައި ސްކޫލް ނިންމާ ކުދިންނަށް އަތްފޯރާފަށުގައި މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ނެތްކަން ފާހަގަކުރައްވާފައެވެ. ނަމަވެސް މިހާރު މި ސަރުކާރުން މަތީ ތައުލީމު ހިލޭ ހޯދުމުގެ ފުރުސަތު ފަހިކޮށްދީ މިހާތަނަށް ގާތްގަޑަކަށް 10،000 ކުދިނަށް އެފުރުސަތު ހޯދައިދެވިފައިވާކަން ޝައުނާ ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ގިނަ އަދަދެއްގެ ކުދިން ހެނދުނު ނާސްތާ ނުނަގައި ސްކޫލަށް ހާޒިރުވުމުގެ ސަބަބުން ކުދިންގެ އުނގެނުމަށް އޭގެ އަސަރުކުރާކަން ފާހަގަކުރެވޭތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ނާސްތާ ޕްރޮގްރާމް ސްކޫލް ކުދިންނަށް ތައާރަފުކުރައްވާފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގައި މީހުން ބިނާކުރުމުގެ ކަންކަން ކުރިޔަށްދާގޮތަށް އަލިއަޅުވާލައްވައި، ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލެވޭގޮތަށް އަމާޒުހިފައިގެން މީހުން ބިނާކުރުމުގައި އެހީތެރިކަމާއި ބައިވެރިވުން ބޭނުންވާކަން ޝައުނާގެ ވާހަކަގައި ފާހަގަކުރެއްވިއެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން ފެށިގެން ސަރުކާރުން ސިއްހީ ހިދުމަތްތައް ލާމަރުކަޒު ކުރުމުގެ މަސައްކަތް ފަށާފައިވާތީ ކޮވިޑް ބަލިމަޑުކަން ކުރިމަތިވުމުން ރާއްޖެ އެ ހާލަތުން އަރައިގަތުމަށް މަގުފަހިވެގެންދިޔަކަން ފާހަގަކުރައްވާފައި ވެއެވެ. ޕްރައިމަރީ ހެލްތު ކެއަގެ ދާއިރާއަށް އަލިއަޅުވާލައްވަމުން ރާއްޖޭގެ އާބާދީގެ 90 އިންސައްތައަށް ވެކްސިން ދީފައިވާކަން ވެސް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުން ދާދިއުން އެއީ އެކަމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމެއްކަން ޝައުނާ ފާހަގަކުރެއްވިއެވެ.

މި ސަމިޓުގައި ޝައުނާ ވަނީ ރާއްޖެ ހިމެނޭހެން ދުނިޔޭގެ ތަރައްޤީގައި ޓެކްނޯލޮޖީއަށް ބަރޯސާވާ މިންވަރު އިތުރުވެފައިވާކަން ހާމަކުރައްވައި، ރާއްޖޭގެ ސަރުކާރުން ޑިޖިޓަލް އައިޑެންޓިފިކޭޝަން ސިސްޓަމަކަށް ބަދަލުކުރުމަށް ކުރެވެމުންދާ މަސައްކަތައް އަލިއަޅުއްވާލައްވާފައެވެ. އެކަމަނާ ވިދާޅުވިގޮތުގައި، ވިލުންވެރި މުޖުތަމައެއް ޤާއިމުކުރުމަށް ޓެކްނޯލޮޖީ އަދި އެކަމާ ގުޅޭ މައުލޫމާތު އެނގުން މުހިންމެވެ.

މިނިސްޓަރު ޝައުނާ އިތުރަށް ވިދާޅުވިގޮތުގައި ސެޓެލައިޓާއި ޑްރޯން ފަދަ ޓެކްނޯލޮޖީގެ އެހީގައި ރާއްޖޭގެ އައްސޭރިފަށާއި ފަރުތަކުގެ ގުދުރަތީ ހާލަތު ދެނެގަނެ މިފަދަ މައުލޫމާތުގެ އެހީގައި އެނގިތިބެ ކަމާގުޅޭ ނިންމުންތައް ނިންމޭނެއެވެ. އަދި ރާއްޖެއަކީ ކުޑަ ޤައުމެއްކަމުން އުފެއްދުންތެރި އާ ޓެކްނޯލޮޖީގެ އީޖާތުތައް ޓެސްޓުކުރުމަށް ބޭނުންހިފޭނެ ޤައުމަކަށް ރާއްޖެވާނެ ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް