ads
ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް -- ފޮޓޯ: ދި އެޑިޝަން
ރަޝިއާ މާކެޓުން 70 އިންސައްތަ ގެއްލުންވި: ޓޫރިޒަމް މިނިސްޓާ
ރާއްޖޭގެ ފަތުރުވެރިކަމުގައި ރަޝިއާ މާކެޓުން 70 އިންސައްތަ ގެއްލުންވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހަށް ޓޫރިޒަމް މިނިސްޓަރު ހާޒިރުކޮށް، މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރަޝިއާ - ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގައި ރަޝިއާ މާކެޓުން 70 އިންސައްތަ ގެއްލުން ވެފައިވާ ކަމަށާއި، އެގޮތުން މިއަދު ރަޝިއާ މާކެޓް ފަހަތަށް ޖައްސާލުމަށްފަހު އެއްވަނައަށް ޔޫކޭ ޖެހިލާފައިވާ ކަމަށެވެ. 

މިގޮތުން، ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި ޔޫކޭ 12.0 އިންސައްތަ ހިއްސާކުރަމުން އަންނައިރު، ރަޝިއާ މާކެޓް ހިއްސާ ކުރަމުން އަންނަނީ 11.9 އިންނަސައްތަ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. 

މިނިސްޓަރު ވިދާޅުވީ، ހަނގުރާމަ އާއި ބަލިމަޑިކަމަކީ ފަތުރުވެރިކަމަށް ބޮޑެތި އަސަރުތަކެއް ކުރާ ކަންކަން ކަމަށާއި، އެގޮތުން ރަޝިއާ - ޔޫކްރެއިންގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ.

އެގޮތުން ޔޫކްރެއިންއަކީވެސް ރާއްޖެއަށް ކުރިން ގިނަ ފަތުރުވެރިންތަކެއް ޒިޔާރަތްކުރާ ގައުމަކަށްވާއިރު، ހަނގުރާމައިގެ ސަބަބުން އެ މާކެޓް އެއްކޮށް ގެއްލިފައިވާ ކަމަށާއި، އަދި ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގަދަ 10 ލިސްޓުން ބާކީވެ، ޔޫކްރެއިން އޮތީ މާކެޓް ހިއްސާގެ 1.9 އިންސައްތައާއެކު 11 ވަނައަށް ވެއްޓިފައި ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

"މުޅި ދުނިޔެއަށް އަންނަ ލޮޅުމަކުން ރާއްޖެގެ ޓޫރިޒަމަށް ބޮޑު ލޮޅުމެއް ނާންނަ ގޮތަށް ހެދުން އަޅުގަނޑުމެންގެ މަސައްކަތް ހުރީ. އަޅުގަނޑުމެންގެ އުންމީދަކީ ކުރިން ރާއްޖޭގެ އެއްވަނައިގައި އޮތް ޗައިނާ މާކެޓްވެސް އަންނަން ފެށުން" ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު 27 އިންޓަނޭޝަނަލް ފްލައިޓެއް ދަތުރު ކުރަމުން އަންނައިރު، މި އަހަރު ނިމުމުގެ ކުރިން ދެ މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އެގޮތުން މި އަމާޒަށް ވާސިލު ވެވޭނެކަމުގެ އުންމީދު އޮތްކަން ޓޫރިޒަމް މިނިސްޓަރު މައުސޫމްވެސް ވަނީ ހާމަކުރައްވާފައެވެ. 

މިދިޔަ އަހަރު ރާއްޖެ އަންނާނެ ކަމަށް ޓޫރިޒަމްއިން ކަނޑައެޅި އަމާޒަށް ވާސިލުވެފައިވާއިރު، އަހަރު ނިންމާލާފައިވަނީ 1.32 މިލިއަން ފަތުރުވެރިންނާއެކުގައި ކަން ފާހަގަ ކޮށްލެވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް