އެގޮތުން ބޮލީވުޑްގެ ބަތަލް ސަންޖޭ ކަޕޫރު ހާމަ ކޮށްފައިވާ ގޮތުގައި ދިވްޔާ އަކީ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި އޭނާގެ ހުނަރުން މުޅި ބޮލީވުޑް ފަތަހަ ކޮށްފައިވާ ކަމާއި އޭނާ އާ އެކު ފިލްމެއް ކުޅުމުގެ ފުރުސަތެއް ލިބޭތޯ ސަންޖޭ ހުރީ ބަލަބަލާ ކަމަށެވެ.
ނަމަވެސް ދިވްޔާއެކު ކުޅެން ފުރުސަތު ލިބުން ނަމަވެސް އޭނާގެ ކުއްލި ވަކިވުމުގެ ސަބަބުން އެފުރުސަތު ވެސް ގެއްލުނީ ކަމަށް ސަންޖޭ ވަނީ ހާމަކޮށްފައެވެ. އެގޮތުން ފިލްމް "ކަރްތަވްޔާ"ގެ މަސައްކަތް ދިވްޔާއެކު ފަށައިފައިވާ ކަމަށާއި ދިވްޔާ ވަކިވި އިރު ފިލްމްގެ 30 އިންސައްތަ ވަނީ ޝޫޓްކޮށް ވެސް ނިންމާފައި ކަމަށް ސަންޖޭ ވަނީ ބުނެފައެވެ.
ދިވްޔާގެ ވަކިވުމާއި އެކު ފިލްމް ނެރުން ލަސްކޮށް ޖޫހީ އާ އެކު ފިލްމް ކުރިއަށް ގެންދިޔަ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. ފިލްމަށް 25 އަހަރުވުން ފާހަގަ ކޮށް ސަންޖޭ އިތުރަށް ބުނެފައިވާ ގޮތުގައި މި ފިލްމަކީ ދިވްޔާގެ ހަނދާން އާކޮށް ދޭ ފިލްމެއް ކަމަށެވެ.
އުމުރުން އެންމެ 19 އަހަރުގައި އޭނާ މަރުވި އިރު އެ ދުވަސްވަރު މަސައްކަތްކުރަމުން ދިޔަ އެއްވެސް ބަތަލާއެއްގެ އަތުގައި ނެތްވަރުގެ މޮޅު އަދި ގިނަ ފިލްމުތައް އޭނާއަށް ކުޅެން ލިބިފައިވެ އެވެ. ދިވްޔާގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ޝޯލާ އައުރް ޝަބްނަމް" އާއި "ބަލްވާން" ހިމެނެ އެވެ.
ދިވްޔާ އަކީ މަޝްހޫރު ޕްރޮޑިއުސަރު ސާޖިދް ނަދިއަދްވާލާގެ ފުރަތަމަ އަނބިމީހާ އެވެ. އެޕްރީލް 5، 1993 ގައި ދިވްޔާ މަރުވީ އޭނާގެ ގޭގެ ބެލްކަނިން ވެއްޓިގެންނެވެ. ނަމަވެސް އޭނާ ވެއްޓެން ދިމާވި ހަގީގީ ސަބަބު މިހާތަނަށް ވެސް ހޯދިފައެއް ނުވެ އެވެ.