ads
ފޮޓޯ: ގޫގަލް
ސަދަގާތުން ފަރުވާ ހޯދާނީ ކިހިނެއް
ސަދަގާތަކީ ހަމައެކަނި މުދަލާއި ފައިސާއިން ދޭ އެއްޗެއް ނޫނެވެ. މުދަލާއި ފައިސާއިން ސަދަގާތް ދިނުމުގެ ކުޅަދާނަކަން ލިބިފައި ނެތް މީހަކަށް އެހެނިހެން ގޮތްގޮތުން ސަދަގާތް ދެވިދާނެ އެވެ. މާތްވެގެންވާ އިސްލާމްދީނުގައިވަނީ، ހިނިތުންވެލުން ވެސް ސަދަގާތެއް ކަމުގައި ލައްވާފަވެއެވެ.

ސަދަގާތުން ފަރުވާ ކުރުމޭ ބުނުމުން އެއީ ކޮބައިކަން ނޭނގުމަކީ އާންމު ކަމަކެވެ. ސަބަބަކީ މި ކަމަކީ އަހަރުމެން މުސްލިމުންގެ ސަމާލުކަން މާބޮޑަށް ލިބިފައިވާ ކަމަކަށް ނުވާތީއެވެ.

އައްތައުބާ ސޫރަތުގެ 103 ވަނަ އާޔަތުން އެނގޭ ގޮތުގައި ސަދަގާތް ދިނުމަކީ، އެކަންކުރާ ބަޔަކު ތާހިރުވެ އުޖާލާވާ ކަމެކެވެ. ބަލިބައްޔާއި އޭގެ އަސަރުތައް މީސްތަކުންގެ ހަށިތަކުން ފިލުވައިލުމަށްޓަކައި ސަދަގާތް ދިނުމަށް ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަ އިރުޝާދު ދެއްވާފައިވެއެވެ. އިތުރު އެކަލޭގެފާނުގެ ހަދީސްކުރައްވާފައިވެއެވެ.

(دَاوُوا مَرْضَاكُمْ بِالصَّدَقَةِ)

މާނައީ، ”ތިޔަބައިމީހުންގެ ބަލިމީހުންނަށް ސަދަގާތުން ފަރުވާކުރާހުށިކަމެވެ“.

ސަދަގާތްދިނުމުން ބަލިފަސޭހަވާގޮތް ޝަރަހަކުރެއްވުމަށް މިޒަމާނުގައި މަސައްކަތް ކުރައްވާފައިވާ އެއް ބާހިސަކީ އަލްމުހަންދިސް އަބްދުއްދާއިމެވެ. އޭނާއަކީ ކީރިތި ގުރްއާނާއި ސައިންސްގެ ދިރާސާތައް ކުރައްވާ ބޭފުޅެކެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ސަދަގާތުން ފަރުވާ ލިބުން ބިނާވެފައިވަނީ، އެކަންކުރުމުން ލިބޭ މައުލޫމާތުގެ މައްޗަށެވެ. މައުލޫމާތުން ފަރުވާދިނުމަކީ، ކުރިއަރާފައިވާ ގައުމުތަކުގައި ކުރާ ކަމެކެވެ. އަދި އެއީ ތަރުބިއްޔަތުގެ މައިދާނުގައި ވެސް ފަރުވާދިނުމަށް ބޭނުންކުރާ ވަސީލަތެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ބަލިމީހަކަށް މައުލޫމާތުގެ ފަރުވާދޭއިރު ހަދާގޮތުގެ މިސާލެއް އަބްދުއްދާއިމް ބަޔާންކުރައްވާފައިވެއެވެ. އޭނާ ވިދާޅުވާ ގޮތުގައި، ބަލިމީހާއަށް އަރާމު ލިބޭނެހެން ރަނގަޅަށް އޮށޯންނަން ޖެހެ އެވެ. ދެން އޭނާގެ ސިކުނޑިއަށް މައުލޫމާތެއް ފޯރުކޮށްދޭނެ އިބާރާތެއް، ތަކުރާރުކޮށް އޭނާ ކިޔަން ޖެހެއެވެ. އެފަދަ އިބާރާތެއްގެ މިސާލަކީ ”އަހަރެން މިބަލި މަތަކުރަން ޖެހޭނެ. މި ބަލީގެ މައްޗަށް ގަދަވެގަތުމުގެ ކުޅަދާނަކަން އަހަންނަށް ލިބިފައިވޭ.“ މިއެވެ. މިފަދަ އިބާރާތްތަކުން ފަރުވާކުރަން އެންމެ ކަމުދާ ވަގުތަކީ ނިދުމުގެ ކުރިއެވެ. ނިދުމުގެ ކުރިން ދުއާކުރުމަށް އިރުޝާދު ދެއްވައި، އެފަދަ ދުއާތައް ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަ ބަޔާންކުރައްވާފައިވާކަން މިތަނުގައި ފާހަގަކޮށްލަން ޖެހެ އެވެ.

ނިދުމުގެ ކުރިން މައުލޫމާތުގެ ފަރުވާ ދެވިފައިވާ މީހުންގެ ބަލި ފަސޭހަވުމުގައި އެ ފަރުވާ ބައިވެރިވެ އެވެ. އެކަން އެނގެނީ ނިދިން ހޭލާއިރު އެމީހުންގެ ބަލި ފަސޭހަވެފައިވާ މިންވަރާއި، އަދި އެމީހުންގެ ހަށިގަނޑުގައިވާ ދިފާއީ ނިޒާމަށް އަލަށް ލިބިފައިވާ ބާރުންނެވެ. ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި، މިކަން މިހެން މިވަނީ ބަލިމީހާ ދުލުންކިޔާ ކޮންމެ އިބާރާތަކީ، އޭނާގެ ސިކުނޑިއަށް އެއިން އަސަރުކުރާނެ މައުލޫމާތެއްކަމުގައި ވާތީއެވެ. ސިކުނޑީގެ ދިރުންތައް މަސައްކަތްކުރަނީ އެއަށް ދެވޭ މައުލޫމާތުގެ އަލީގަ އެވެ. ހަށިގަނޑުގެ ހުރިހައި ދިރުންތަކަކީ، ގުޅި ލާމެހިފައިވާ ވިއުގައެއް ކަމަށްވާތީ، ސިކުނޑީގެ ދިރުންތަކަށް ދެވޭ މައުލޫމާތު، ހަށިގަނޑުގެ އެހެން ދިރުންތަކަށް ވާސިލުވެ އެވެ. މައުލޫމާތުގެ ސަބަބުން ބަލިމީހާގެ ހަށިގަނޑަށް ހެޔޮބަދަލު އަންނަނީ މިކަން މިހެން ހިނގާތީ އެވެ.

މައުލޫމާތުން ފަރުވާކުރައްވާ މާހިރުން، ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަ އާއި އެއްބަސްވެ ވަޑައިގަނެއެވެ. އެބޭފުޅުން ވެސް ވިދާޅުވަނީ، ފަގީރުންނަށް ސަދަގާތް ދޭންޖެހޭނެ ކަމަށެވެ. ބަލި ފަސޭހަކުރުމަށްޓަކައި އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. އެހެނީ، އެކަމުގެ ސަބަބުން އިންސާނާގެ ނަފުސަށް އަރާމާއި ހިތްހަމަޖެހުން ލިއްބައިދެ އެވެ. އެއްޗަކަށް ބޭނުންވެފައިވާ ފަގީރަކަށް، އޭނާގެ ބޭނުން ފުއްދައިދިނުމުން، އެ ހެޔޮކަން ކުރި މީހާގެ ހިތުގައި އުފެދޭ ޝުއޫރަކީ އޭނާގެ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށްޓަކައި ނުހަނު ބޭނުންތެރި ޝުއޫރެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް