ads
ލަންކާގައި ކިޔަވާ ކުއްޖަކު -- ފޮޓޯ؛ ރޮއިޓާސް
ކަރަންޓާ ނުލައި، ލަންކާގައި ތިބި ދިވެހިންނަށް އުނދަގޫ ދިރިއުޅުމެއް!
ކަރަންޓާ ނުލައި، ދަތި ދިރިއުޅުމެއް އުޅެމުންދާ ކަމަށް ސްރީލަންކާގައި ދިރިއުޅެމުން އަންނަ ދިވެހިންތަކެއް ބުނެފިއެވެ.

"ސީއެންއެމް" އާ ވާހަކަދައްކަމުން ލަންކާގައި ދިރިއުޅެމުން އަންނަ ކިޔަވާ ކުއްޖަކު ބުނީ، ކޮންމެ ދުވަހެއްގެ ދުވާލު 4 ވަރަކަށް ގަޑިއިރު އަދި ރޭގަނޑު 3 ވަރަކަށް ގަޑިއިރު ކަރަންޓް ކަނޑާލާ ކަމަށާއި، އަދި ބައެއް ފަހަރު ކަރަންޓު ނުލިބި 6 ގަޑިއިރުވެސް ހުންނަން ޖެހޭ ކަމަށެވެ. 

ކިޔެވުމަށް ގިނަ ހުރަސްތަކެއް ދިމާވާކަން ފާހަގަކުރަމުން އޭނާ ބުނީ، ލެޕްޓޮޕް ބޭނުންކުރާ ކުދިންނަށް ޗާޖު ދިޔުމަށްފަހު އެ ބޭނުން ނުކުރެވޭ ކަމަށާއި، އަދި ޕީސީ ބޭނުންކުރާ ކުދިންނަށް ކަރަންޓު ދިޔުމުން އެ ބޭނުން ނުކުރެވޭ ކަމަށެވެ.

މިގޮތުން އޭނާ ބުނީ، ނޯޓްސްތަކާއި، ކިޔަވަން ބޭނުންކުރާ ގިނަ ފިލާފަޅުތަކަކީ ޑިޖިޓަލައިޒްކޮށް ބޭނުންކުރަން ޖެހޭ އެއްޗެއްސަށްވާއިރު، އެކަމަށް ގިނަ ހުރަސްތައް ދިމާވެ، ކިޔަވަން އުނދަގޫތައް ކުރިމަތިވަމުން އަންނަ ކަމަށެވެ. 

"ކަރަންޓު ކެނޑުން ބޮޑު އުނދަގުލަކަށް ވެފައި މިއޮތީ. ދުވާލާއި ރޭގަނޑު މި ތިބެންޖެހެނީ ކަރަންޓާއި ނުލައި ވަކި އިރެއް ވަންދެން. ކަރަންޓު ނުހުންނަ ވަގުތު އިންޓަނެޓު ނުލިބޭ އަދި ރޭންޖެއްވެސް ނުލިބޭ. ވަރަށް ދަތި ދިރިއުޅުމެއް މި ރޯދަ މަހު އުޅެން ޖެހިފައި މިވަނީ. މިތާ މިހާރު ދިރިއުޅެވޭ ވަރެއް ނޫން އަސްލު" ސީއެންއެމްއާ ވާހަކަ ދެއްކި ކިޔަވާ ކުއްޖާ ބުނިއެވެ. 

މީގެއިތުރުން ސީއެންއެމްއާ ވާހަކަ ދެއްކި އިތުރު މީހަކު ބުނީ، ލަންކާގައި އާންމު ހިދުމަތް ހޯދަން މާ ބޮޑު އުނދަގޫތަކެއް ކުރިމަތި ނުވި ނަމަވެސް، މުޒާހަރާ ކުރާ ސަރަހައްދުތަކުގައި ހިދުމަތްތައް ހޯދަން އުނދަގޫ ކަމަށެވެ. 

މިއާއެކު، ލަންކާގެ އިންފްލޭޝަން މައްޗަށް ގޮސްފައިވާ ވަރުން ތަކެތީގެ އަގު ކުރިޔަށްވުރެ ބޮޑުކަން ފާހަގަކޮށް އޭނާ ބުނީ ހާއްސަކޮށް ހިކި ކިރު އަދި ފްރެޝް މިލްކު ހޯދަން އުނދަގޫތައް ކުރިމަތިވާ ކަމަށާއި، ކިރު ލިބެން ހުންނަ ފިހާރަތަކުން އެ ލިބެނީ އަތް ނުފޯރާ ވަރަށް އަގު ބޮޑުކޮށް ކަމަށެވެ. 

ލަންކާގެ ޕެޓްރޯލް އަގަށް އައިސްފައިވާ ބަދަލާއެކު އެ ގައުމުގެ ޓްރާންސްޕޯޓުގެ އަގުވެސް އަތް ނުފޯރާ ވަރަށް މަތިވެފައިވާއިރު، ގޭހާއި، ޕެޓްރޯލް، ޑީސަލް އަދި ކަރާސީން ލިބޭ ތަންތަނުގައި ކިއު ބޮޑު ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. 

"މިތާ ދިރިއުޅޭ ދިވެހިންނަށް މާބޮޑު ދައްޗެއް ކުރިމަތި ނުވޭ. ނަމަވެސް ލަންކާ އާންމު ރައްޔިތުން އުޅެނީ ވަރަށް ހާލުގައި. ކަރަންސީގެ ވެލިއު ވެއްޓުމާއެކު ދިވެހިންނަށް ބައެއް ފައިދާތައް ވި. ހަމައެކަނި މައްސަލައަކީ ކަރަންޓު. އޭގެ ސަބަބުން އެތައް އުނދަގުލެއް އެބަ ކުރިމަތިވޭ" ލަންކާގައި ދިރިއުޅޭ މީހަކު ސީއެންއެމްއާ ވާހަކަދައްކަމުން ބުނިއެވެ.

ލަންކާއަށް ދިމާވެގެން އުޅެނީ އިގްތިސާދީ ކާރިސާއަކަށްވާއިރު، ޑޮލަރުގެ ދަތިކަމާ ހެދި ލަންކާއަށް ބޭނުންވާ ޒަރޫރީ ތަކެތި އިމްޕޯޓް ނުކުރެވުމުގެ ސަބަބުން ކަރަންޓޫގެ ހިދުމަތް ކަނޑައި އާންމު ދިރިއުޅުމަށް ވަނީ ބުރޫ އަރާފައެވެ. މިއާއެކު، އެގައުމުގައި އަންނަނީ ކޮންމެ ދުވަހަކު ސަރުކާރުގެ އިސްވެރިން އަދި ޕާލަމަންޓު މެމްބަރުންގެ ގެކޮޅު ކައިރީގައި މުޒާހަރާ ކުރަމުންނެވެ. 

މި މުޒާހަރާތަކާއެކު، ލަންކާގެ މުޅި ކެބިނެޓް އެއްކޮށް އިސްތިއުފާ ވަނީ ދެއްވާފައެވެ. ނަމަވެސް ލަންކާގެ ރައީސް އާއި ބޮޑު ވަޒީރު ވަނީ އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވާފައެވެ. 

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް