ads
ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކުގެ ތެރެއިން -- ފޮޓޯ:ހެލްތު މިނިސްޓްރީ
ކޮރޯނާ ވައިރަސްއަށް ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި
ނޮވެލް ކޮރޯނާވައިރަސްއަށް ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކެއް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންގޮސްފި އެވެ.

މިޕްރޮގްރާމުގެ ތެރެއިން 130 ހެލްތް ފެސިލިޓީއަކުން 6،461 ފަރާތަކަށް މިވައިރަހާ ގުޅޭ މައުލޫމާތު ދީފައިވާ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެ އެވެ. 

އަތޮޅުތެރޭގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ތެރެއިން ދޮރުން ދޮރަށް ހިނގާ އާއްމުންނަށް މައުލޫމާތު ދިނުމާއި ސްކޫލްތަކުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ. 

ހެލްތު މިނިސްޓްރީން ބުނީ ސަރުކާރުގެ އެކި އޮފީސްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށާއި އެހެނިހެން މުއައްސަސާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ބައެއް ސެޝަންތައް ވެސް ނަގައިދީފައިވާނެ ކަމަށެވެ. އަދި އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލްތަކުގެ ޕަބްލިކް ހެލްތް ވޯކަރުން، ޑޮކްޓަރުން، ނަރުހުން އަދި ލެބޯޓްރީ ޓެކްނީޝަނުންނަށް ޓެލެކޮންފަރަންސެއް ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ.

މި ޓެލެކޮންފަރަންސްގައި 306 ފަރާތެއް ބައިވެރިވެފައިވާ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެ އެވެ.

މިހަރަކާތުގެ ތެރެއިން ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަހާއި ގުޅޭ މައުލޫމާތާއި އެވައިރަސް ފެތުރޭ ގޮތާއި އޭގެއިން ރައްކާތެރިވުމަށް ފަރުދީ ގޮތުންނާއި މުޖުތަމައު ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގެ މައުލޫމާތު ދީފައިވެ އެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި 30 ޖެނުއަރީން ތިނެއް ފެބުރުއަރީއަށް ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކެއް ހިންގާފައިވެ އެވެ. އެގޮތުން ނޮވެލް ކޮރޯނާވައިރަސްއާ ބެހޭ އާންމު މައުލޫމާތު ދިނުމާއި ޕޯޓް ތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރާ ތަކެތި ރަނގަޅު ގޮތުގައި ބޭނުންކުރާނެ ގޮތް ކިޔާދީފައިވެ އެވެ. ހަމައެހެންމެ އާއްމުން މި ވައިރަހަށް ހޭލުންތެރިކުރުވުމުގެ ގޮތުން މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުތަކާއި މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ހިންގާފައިވެ އެވެ. 

ހެލްތު މިނިސްޓްރީން ބުނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އަމާޒުކޮށްގެން މޯލްޑިވްސް ރެޑްކްރެސެންޓާއެކު ހޭލުންތެރިކުރުވުމަށް ފަސް ބަހަކުން ހޭލުންތެރިކުރުވުމުގެ މައުލޫމާތު ތައްޔާރުކޮށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ނޮވެލް ކޮރޯނާވައިރަސްއަށް ތައްޔާރުވުުގެ ގޮތުން އެއާޕޯޓްގައި ހަރަކާތްތެރިވާ މުއަައްސަސާތަކަށް ފަރިތަކުރުމުގެ ޓޭބަލް ޓޮޕް އެކްސަސައިޒް އެއް ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ. 

މިހަރަކާތުގައި އިންޓަނޭޝަނަލް ބޯޑަ ހެލްތް، މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ކަސްޓަމްސް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ، އެމްއެންޑީއެފް، އެވްސެކޮމް، ޕޮލިސް، ނެޝަނަލް ޑިޒާސްޓަ މެނޭޖުމަންޓް އޮތޯރިޓީ، މިނިސްޓްރީ އޮފް ހެލްތް އަދި އެޗްޕީއޭ އިން 75 ފަރާތެއް ބައިވެރިވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް