ads
ފޮޓޯ: ރައީސް އޮފީސް
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ ދެއްވާފައިވާ އެންމެ ބޮޑުއެއް ނިއުމަތް: ނައިބު ރައީސް
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ މާތްﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ އެންމެ ބޮޑުއެއް ނިއުމަތްކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށްޓަކައި ގިޔާސުއްދީން އިންޓާނޭޝަނަލް ސްކޫލުގައި ރޭ ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، އަޅުގަނޑުމެންގެ ވަށައިގެންވާ ތިމާވެށްޓަކީ ދުޅަހެޔޮ ވެށްޓަކަށް ވެގެން މެނުވީ ހަގީގީ ދުޅަހެޔޮކަން ނުލިބޭނެ ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެ ފާހަގަވެގެން ގޮސްފައިވަނީ ބައިނަލްއަގްވާމީ މުޖުތަމައުގައި ތިމާވެށްޓަށް އަންނަމުންދާ ނޭދެވޭ އަސަރުތަކާއި ތިމާވެށީގެ ނާޒުކުކަން ހާމަކޮށްދީ، ތިމާވެށި ހިމާޔަތް ކުރުމަށް ވަކާލާތު ކުރާ ގައުމެއްގެ ގޮތުގައި ކަމުގައި ވިދާޅުވިއެވެ. 

މިމޭރުމުން އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވަނީ ތިމާވެށި ހިމާޔަތް ކުރުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދެމުން ގެންދަވާކަމުގައި ވިދާޅުވެފައެވެ. އެގޮތުން އ.ދ. ގެ އާންމު މަޖިލީހާއި އެންމެފަހުން ބޭއްވުނު ކޮންފަރެންސް އޮފް ޕާޓީސް (ކޮޕް) ސަމިޓުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވި ތަގުރީރުގައި ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ތަރައްގީވެފައިވާ ގައުމުތަކުން ޖައްވަށް ދޫކުރާ ވިހަގޭސްތައް މަދުކޮށް ތިމާވެށި ހިމާޔަތް ކުރުމަށް ބާރު އަޅުއްވާފައިވާކަން ފާހަގަކުރެއްވިއެވެ.

‎ނައިބު ރައީސްގެ ވާހަކަފުޅުގައި، ރައްޔިތުންނަށް ފަސޭހައިން ސިއްހީ ހިދުމަތްތައް ލިބިދިނުމަކީ ރައީސް ސޯލިހު ހާއްސަ އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވާ، ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ސިއްހީ ހިދުމަތް ފުޅާކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން ދިވެހިރާއްޖޭގެ ފަސް ސަރަހައްދުގައި ޓާޝަރީ ހޮސްޕިޓަލްތައް ގާއިމުކުރުމަށްޓަކައި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކުރެއްވިއެވެ. އަދި މިފަދަ ބޮޑު މަސައްކަތެއް ކުރިއަށް ގެންދާއިރު މި ފަސް ސަރަޙައްދަށާއި މުޅި ސިއްހީ ދާއިރާއަށް ބޭނުންވާ މިންވަރަށް ސިއްހީ ހިދުމަތްތެރިން ތަމްރީނުކުރުމުގެ މުހިއްމުކަމުގެ މައްޗަށް އެ މަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

‎ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށްޓަކައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ނައިބު ރައީސް ވަނީ "ގްރީން ސްމާޓް އައިލެންޑް ޕްރޮޖެކްޓް" އިފްތިތާހުކޮށްދެއްވާފައެވެ. 

މި ޖަލްސާގައި "ގްރީން ސްމާޓް އައިލެންޑް ޕްރޮޖެކްޓް" އާއި ގުޅޭ ކޮމިޓްމަންޓްގައި ކައުންސިލްތަކުގެ މަންދޫބުން ސޮއިކުރައްވާފައިވެއެވެ. ރޭގެ ޖަލްސާގައި މިނިސްޓާ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، އާމިނަތު ޝައުނާ ވަނީ ކްލައިމެޓް ސްމާޓް ހޮސްޕިޓަލް ޕޮލިސީ ސްޓްރެޓަޖީ އިފްތިތާހުކޮށްދެއްވާފައެވެ. އަދި މިނިސްޓާ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީ ވަނީ އިންޓާ ސްކޫލް އާޓް އަދި ކުރުވާހަކަ ލިޔުމުގެ މުބާރާތް އިފްތިތާހުކޮށްދެއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް