ads
ހިޝާންއަށް ގައުމީ އެވޯޑް ދިންއިރު ކުށުގެ ރިކޯޑެއް ނެތް!
އިޖުތިމާއީ ހިދުމަތުގެ ދާއިރާ އިން ހާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަކަށް ހިދުމަތްކޮށް އެ މީހުން ފުދުންތެރި ބަޔަކަށް ހެދުމަށް މަސައްކަތްކުރުމުގެ ހިތްވަރަށް ގައުމީ އެވޯޑް ދީފައިވާ، ގ. ނީރުވީކް އަހްމަދު ހިޝާންއަށް އެ އެވޯޑް ދިންއިރު އޭނާއަކީ ކުށުގެ ރިކޯޑް އޮތް މީހެއް ނޫން ކަމަށް ގައުމީ އިނާމާ ބެހޭ ކޮމެޓީން ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ އިނާމާ ބެހޭ ކޮމެޓީގެ ޗެއާޕާސަން އަނީސާ އަހުމަދު ވިދާޅުވީ، 2014 ވަނަ އަހަރު، ހިޝާންއަށް އެ އެވޯޑް ދީފައި ވަނީ އޭނާއަކީ ކުށުގެ ރިކޯޑެއް އޮތް މީހެއް ނޫން ކަމަށް ފުލުހުންނާއި ކޯޓުން ވެސް ދީފައިވާ މައުލޫމާތުގެ މައްޗަށް ބަލައި ޔަގީންވުމުން ކަމަށެވެ. 

އެގޮތުން ގައުމީ އިނާމު ކޮމިޓީން ކޮންމެ މީހަކަށް ވެސް އެވޯޑު ދިނުމުގެ ކުރިން އަބަދުވެސް އެމީހެއްގެ ކުށުގެ ރިކޯޑު ބަލައި ކަމަށާއި އަދި އިނާމު ދެނީ ވެސް ކުށުގެ ރިކޯޑް ނޯންނާތީ ކަމަށް އަނީސާ ވިދާޅުވި އެވެ. 

"ބައެއް ފަހަރު އަޅުގަނޑުމެން ކޮމިޓީން މި ބަލާބެލުމުގަ މާކުރީގެ ރިކޯޑެއް އޮތަސް ވެސް ކޮމިޓީން އެ ބޭފުޅަކަށް އިނާމު ނުދިނުމަށް ނިންމާ ލިބިވަޑައިނުގަތް ބޭފުޅުން މިހާރު ވެސް ތިއްބަވާނެ،" 

އޭގެ އިތުރުން އަނީސާ ވިދާޅުވީ، ގައުމީ އެވޯޑެއް ދިނުމުގެ ކުރިން އެމީހަކު ކުރާ މަސައްކަތާއި ގުޅޭ ފޮޓޯ އާއި ވީޑިއޯ އަދި އެމީހަކާއި ގުޅިގެން އެދާއިރާގައި މަސައްކަތް ކުރާ މާހިރުން ދޭ މައުލޫމާތުތައް ވެސް އެއްކުރެވޭ ކަމަށެވެ. އެގޮތުގެ މަތިން ނޫނީ އެއްވެސް ފަރާތެއް ޝޯޓްލިސްޓް ނުކުރާކަން ފާހަގަކުރައްވާ އަނީސާ ވިދާޅުވީ، އިނާމަށް އެދި ހުށަހަޅާއިރު ކުށުގެ ރިކޯޑް އަބަދުވެސް ހުށަހަޅަން ޖެހޭ ކަމަށެވެ.

"ކޮމީޓިން އިނާމު ދިނުމަށް ކޮމީޓީއަށް ފެންނަ ބަޔަކު ކަނޑައެޅުމަށް ފަހު އެބޭފުޅުންގެ އެއްވެސް އިރެއްގަ ޕޮލިސް ރިކޯޑެއްވިޔަސް އަދި ކުށުގެ އެހެން ރިކޯޑެއް ވިޔަސް ކޯޓު ތެރޭގަ އޮވޭތޯ ބަލާފަ އޮންނާނީ. އެހެންވީމަ މިހާ ބޮޑަށް ބެލެވިގެން ކޮންމެ ބޭފުޅަކަށް ވެސް އިނާމު އެރުވުމަށް ނިންމަނީ،" އަނީސާ ވިދާޅުވި އެވެ. 

އެހެންކަމުން، އަނީސާ ވިދާޅުވީ، ހިޝާންއަށް އެ އެވޯޑް ދެއްވާފައި ވަނީ އެއްގޮތަކަށް ވެސް ކޮމިޓީން އެވޯޑު ދިނުމުގެ ކުރިން ބަލަމުން އަންނަ އުސޫލުތަކާއި މިންގަނޑުތައް ގޯސްވެގެން ނޫން ކަމަށެވެ. 

ހިޝާންއަށް ދިން ގައުމީ އެވޯޑު އަތުލުމާ މެދު ގޮތެއް ނިންމައިފިތޯ ސުވާލުކުރުމުން އަނީސާ ވިދާޅުވީ ގައުމީ އިނާމު ދިނުމަށް ފަހު އެ އެވޯޑެއް ނިގުޅައިގަނެވޭނެ ކަމަށް އުސޫލުގައި ވަނީ އެފަދަ މައްސަލަތައް ބަލައި އަދި ނިގުޅައިގަންނަން ޖެހޭ ފަދަ ކަމެއް ފާހަގަކުރެވިއްޖަނަމަ އެކަމުގެ ތަފްސީލު، ސަބަބާއެކު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވުމުން ކަމަށެވެ.  

އެގޮތުން އަނީސާ ވިދާޅުވީ ގާނޫނުއަސާސީގައިވާ ގޮތުން ކުށެއް ކުރިކަން އެކަށީގެންވާ މިންވަރަށް ޝަރީއަތުގައި ސާބިތުނުކުރެވޭ ކަމުގައިވާނަމަ އެމީހަކީ ކުށެއް ނެތް މީހެއް ކަމަށާއި އަދި ހިޝާންގެ މައްޗަށް ކުރެވޭ ތުހުމަތުތައް ފުލުހުން ވެސް ދަނީ ތަހުގީގު ކުރަމުން ކަމަށެވެ. 

"މިހާރު ކޮމިޓީއަކަށް އެއީ ޖިނާއީ ކުށެއްގެ ގޮތުގަ ބައްލަވާކަމަށްވަންޏާ، ޖިނާއީ ތަހުގީގުކުރުމުގެ ފުރުސަތެއް ކޮމިޓީއަކަށް ނޯންނާނެ. އެހެންވީމަ އޭނާއާ މެދު ގޮތެއް ނިންމާ، ޝަރީއަތަށް އެކަން ސާބިތުވެއްޖެއްޔާ ކޮމިޓީން އެކަމާ ވިސްނާ ރައީސުލްޖުމްހޫރިއްޔާއަށް އަރުވަން ޖެހޭ މައުލޫމާތުތައް އަރުވާނަން،" 

ޖެންޑާ މިނިސްޓްރީން މީގެކުރިން އަހްމަދު ހިޝާންއަށް ދީފައިވާ އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރުގެ ލަގަބު އޭނާގެ އަތުން މިހާރު ނަގާފައިވާއިރު ހިޝާންގެ މައްޗަށް ކުރެވޭ ތުހުމަތުތައް ތަހުގީގުކުރުމަށް އޭނާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފަ އެވެ. 

ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތު ހިޝާންގެ މައްޗަށް ކުރެވޭއިރު އިޖުތިމާއީ ހިދުމަތްކުރުމަށް އޮނަރަރީ މަގާމުތަކަށް ކަނޑައަޅާ ފަރާތްތަކަކީ ނަޒާހަތްތެރި އަދި އާންމު ރައްޔިތުންގެ އިތުބާރު އޮންނަންޖެހޭ ފަރާތްތަކަކަށް ވާންޖެހޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. 

މިއަދުގެ މިނިސްޓްރީން ބުނި ގޮތުގައި ހިޝާންގެ ބެލުމުގެ ދަށުގައި ހުރި ނުކުޅެދުންތެރިކަން ހުންނަ ޒުވާނާ ދައުލަތުގެ ބެލުމުގެ ދަށަށް ވެސް ވަނީ ގެންގޮސްފަ އެވެ.

ހިޝާންއަށް ތުހުމަތުކުރާ މައްސަލަތަކެއް ބަޔަކު ސޯޝަލް މީޑިއާގައި ފެންމަތީ ކުރީ ހިޝާން އަށް ބަޔަކު ބިރު ދައްކަމުންދާ ކަމަށް ބުނެ އޭނާ ސޯޝަލް މީޑިއާގައި ކަންބޮޑުވުންތަކެއް ހިއްސާކުރަން ފެށި ފަހުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް