ads
މަސްވެރިން ކުރި މުޒާހަރާގެ ތެރެއިން
70 ޓަނުމަހާއެކު އައިސް މިތިބީ ހުޅުމާލެއަށް!ކިއު ނަމްބަރު ޖެހޭނީ މާދަން ނޫން އަނެއް ދުވަހު!
ގއ. ކޫއްޑޫއިން ދޯންޏަކުން ފަސް ޓަނު މަސް ގަންނަ ގޮތަށް ނިންމުމުމާއި ގުޅިގެން ދެކުނުގެ މަސްވެރިން މަސް ނުކިރިގެން ހުޅުމާލެއަށް އަންނަން ފަށައިފިއެވެ.

މީގެ ތެރޭގައި 70 ޓަނު މަހާ އެއްކޮށް ހުޅުމާލެ ކަންނެލި ޖެޓީގެ ކިއުއަށް އެރި ދޯންޏެއްވެސް ހިމެނެއެވެ. 

" 70 ޓަނުމަހާއެކު އަހަރެމެން އައިސް މިތިބީ. ކޫއްޑޫއަށް މަސް ނުކިރިގެން އައިސް މިތިބީ" އެދޯނިން ވާހަކަ ދެއްކި މަސްވެރިއަކު ބުންޏެވެ. 

ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް އާދަޔާއި ހިލާފަށް މަސްވެރިކަން ރަނގަޅުވެ، ކޫއްޑޫއިން ކޮންމެ ދޯންޏަކުން ވެސް މިހާރު ގަންނަނީ ފަސް ޓަނު މަހެވެ. 

މިކަމާ ގުޅިގެން ގިނަ މަސްވެރިން ހިތްހަމަ ނުޖެހުން ފާޅު ކުރަމުންދާ މި ދަނޑިވަޅުގައި، އެ ސަރަހައްދުގެ ބައެއް ދޯނިތައް ވަނީ ހުޅުމާލޭގެ ކަންނެލި ޖެޓީއަށް، މސް ކިރުމަށް އައިސްފައެވެ. 

އެގޮތުން މިހާރުވެސް ހުޅުމާލެ ކަންނެލި ޖެޓީގައި، ދެކުނުގެ ގިނަ ދޯނިފަހަރު ތައް ކިއުގައި ތިބި ކަމަށާއި، ކޮންމެ ދޯންޏެއްގައި ވެސް 30 ޓަނަށްވުރެ ގިނައިން މަސް ހުންނާނެ ކަމަށް ހުޅުމާލެ ކަންނެލި ޖެޓީގައި ކިއުގައި އޮތް ދޯއްޏެއްގެ މަސްވެރިއަކު ބުންޏެވެ. 

"އެހާ ދުރުން ދަތުރު ކޮށްފައި އައިސް މިތާ މި ތިބެނީ ވެސް ހަމަ ކިއުގައި. މަހަށް ނުނުކުމެވި އެތައް ދުވަހެއް ތިބެން ޖެހޭ. ކިއު ނަމްބަރު އަހަރެމެން ދޯންޏަށް ޖެހޭނީ މާދަން ނޫން އަނެއް ދުވަހު. ދެންމެ މަސް ކިރައިގެން ހިނގައްޖެ ދާންދޫން ދޯންޏެއް. އެއީވެސް ތިރީސް ޓަނު" 70 ޓަނު މަހާއި އެކު ކިއުގައި އޮތް ގއ. ގެމަނަފުށީ މަސްދޯއްޏެއްގެ މަސްވެރިއަކު ބުންނެވެ.

މަސްވެރިން ބުނާ ގޮތުން މިހާރު މަސް ވިއްކަމުން އެދަނީ އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑަށެވެ.

މިކަމާއި ގުޅިގެން ގިނަ މަސްވެރިން އަންނަނީ ނުރުހުން ފާޅުކޮށް ސަރުކާރުން މިކަމަށް ކޮންމެސް ހައްލެއް ހޯދައިދޭން ގޮވާލަމުންނެވެ. އަދި ގިނައިން މަސްބޭނޭ ދުވަސްވަރެއްގައި އެމަހަށް އެކަށީގެންވާ ފައިސާ ނުލިބުމަކީ ހިތާމަ ކުރާ ކަމެއް ކަމަށްވެސް މަސްވެރިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް