ads
ޝެހްބާޒް ޝަރީފް
ޝެހްބާޒް ޝަރީފް ޕާކިސްތާނުގެ އާ ބޮޑުވަޒީރު ކަމަށް އިންތިހާބު ކޮށްފި
ޕާކިސްތާނުގެ އާ ބޮޑުވަޒީރު ކަމުގެ މަގާމަށް، އެގައުމުގެ އިދިކޮޅު ލީޑަރު ޝެހްބާޒް ޝަރީފް އިންތިހާބު ކޮށްފިއެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުން ޝެހްބާޒް ޝަރީފް ބޮޑުވަޒީރު ކަމުގެ މަގާމަށް އިންތިހާބު ކޮށްފައިވާއިރު، އެ މަގާމުގައި މީގެ ކުރިން ހުންނެވި، އިމްރާން ހާންގެ އިތުބާރު ނެތްކަމަށް ނިންމާ 174 މެމްބަރުންގެ ވޯޓާއިއެކު މިމަހުގެ ނުވަ ވަނަ ދުވަހު އޭނާ ވަނީ މަގާމުން ދުރުކޮށްފައެވެ. މިއީ 342 މެމްބަރުން ތިއްބަވާ އެމަޖިލީހުގައި ބޮޑުވަޒީރެއްގެ އިތުބާރު ނެތްކަމުގެ ވޯޓަށް ބޭނުންވާ 172 ވޯޓަށް ވުރެވެސް ގިނަ އަދަދެކެވެ. 

އަދި މިއީ ޕާކިސްތާންގެ ތާރީހުގައިވެސް ބޮޑުވަޒީރެއްގެ އިތުބާރު ނެތްކަމުގެ ވޯޓާއިއެކު މަގާމުން ދުރުވެގެންދިޔަ ފުރަތަމަ ބޮޑު ވަޒީރެވެ. 

ނަވާޒް ޝަރީފުގެ ކޮއްކޯފުޅު ޝެހްބާޒް ޝަރީފް ބޮޑުވަޒީރު ކަމަށް އިންތިހާބު ކުރީ، މަޖިލީހުގެ 174 މެމްބަރުންގެ ވޯޓާއިއެކުއެވެ. 

އުމުރުން 70 އަހަރުގެ ޝެހްބާޒްއަކީ ޕާކިސްތާނުގައި ތިން ފަހަރަށް ބޮޑު ވަޒީރުކަން ކުރައްވާފައިވާ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކޮއްކޯފުޅެވެ.

ޝެހްބާޒް ސިޔާސީ ހަރަކާތުގެ ތެރެއަށް ވަދެވަޑައިގަތީ ޕަންޖާބް ޕްރޮވިންސްގެ ޗީފް މިނިސްޓަރެއްގެ ގޮތުގައި 1997 ވަނަ އަހަރު އެވެ. ނަމަވެސް އަސްކަރީ ބަގާވާތެއްގައި އެމަނިކުފާނު ޖަލުގައި ބަންދު ކުރުމަށްފަހު، 2000 ވަނަ އަހަރު ސައުދީ އަރަބިއްޔާއަށް އަރުވާލި އެވެ. އެނބުރި ގައުމަށް ވަޑައިގެން، ސިޔާސީ މަސައްކަތް އަލުން ފެއްޓެވީ 2007 ވަނަ އަހަރު އެވެ.

ޝެހެބާޒުގެ ހިންގުމުގެ އުކުޅުތައް އެންމެބޮޑަށް ފާހަގަކުރެވިގެންދިޔައީ ޕަންޖާބު ޕްރޮވިންސްގެ ޗީފް މިނިސްޓަރުގެ ހައިސިއްޔަތުން ޗައިނާއާއިއެކު ބެއިންޖިން ފަންޑު ޕްރޮޖެކްޓުގެ މަސައްކަތް ކުރި ދުވަސްވަރުއެވެ.

ގާތްގަނޑަކަށް 220 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޕާކިސްތާންގައި އަސްކަރީ ވެރިންގެ ސީދާ ނުފޫޒުން، ތިން ފަހަރަށް ސަރުކާރު ވައްޓާލާފައިވެ އެވެ. އަދި އިނގިރޭސިވިލާތުގެ އަޅުވެތިކަމުގައި އޮތުމަށްފަހު 1947 ވަނަ އަހަރު ޕާކިސްތާނަށް މިނިވަންކަން ލިބުނު ފަހުން، އެއްވެސް ބޮޑު ވަޒީރަކަށް ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެވިފައެއްވެސް ނުވެއެވެ.

0%
ކަމުގޮސްފި
57%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް