ads
ސައްޓު
ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް ކުޅުމާމެދު ހިތްހަމަ ޖެހޭ: ސައްޓު
އޭއެފްސީ އޭޝިއަން ކަޕް ފުޓްސަލް ކޮލިފައިންގައި ރާއްޖޭގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތްނަމަވެސް ޓީމުން މޮޅަށް ކުޅުނު ކަމަށް ގައުމީ ފުޓްސަލް ޓީމުގައި ހިމެނޭ އިޝާން އިބްރާހީމް – ސައްޓު ބުނެފިއެވެ.

އޭޝިއަން ކަޕް ކޮލިފައިގައި ކިރިގިސްތާނުގައި ކުޅުނު ރާއްޖެ ހިމެނޭ ގްރޫޕުގެ މެޗުތައް މިއަދު ވަނީ ރާއްޖެއަށް ނިމިފައެވެ. ކޮލިފައިންގައި ކުޅުނު ތިން މެޗުންވެސް ރާއްޖެ ބަލިވި ނަމަވެސް ސައްޓ ފާހަގަ ކުރި ގޮތުގައި ޓީމުން ރަނގަޅު ކުޅުމެއް ކުޅުނެވެ. ސޯޝަލް މީޑިއާގައި ސައްޓު ބުނީ ލިބިފައިވާ ވަސީލަތްތަކަށް ބަލާއިރު ކުޅުން ރަނގަޅު ކަމަށެވެ.

ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް މި ޓީމުން ރަނގަޅަށް ކުޅުނު. އަހަރުމެން ކުޅުނީ ހުރިހާ ވަސީލަތްތަކެއް ހުރި ޓީމުތަކާ. އަހަރުމެންގެ އެއްވެސް ވަސީލަތެއްވެސް ނެތް، ކުޑަ މިނުން އިންޑޯ ދަނޑެއްވެސް ނެތް. މި ޓީމަށް ފާޑު ކިޔަސް އެއްވެސް ކަމެއް ބަދަލެއް ނުވާނެ. އެކަމަކު ކުރިއަށް ދާން ބޭނުމިއްޔާ އަހަރުމެންނަށް ވަސީލަތްތައް ފޯރުކޮށްދީ. ޓީމުގެ ކޮންމެ ކުޅުންތެރިއަކާ މެދު ފަޚުރުވެރިވޭ

ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުގައި ރާއްޖޭން އިރާނު އަތުން ބޮޑު ތަފާތަކުން ބަލިވިއިރު ފަހު ދެ މެޗުންވެސް ބަލިވިއެވެ. އެހެންނަމަވެސް ފަހު ދެ މެޗުގައި ދިވެހި ޓީމުގެ ނަތީޖާ ކުރީ މެޗަށް ވުރެ ރަނގަޅެވެ.

ކޮލިފައިން މެޗުތަކަށް ދިވެހި ޓީމު ދިޔައީ މާލޭގައި އެތައް އުނދަގޫތަކެއް ތަހައްމަލު ކުރުމަށް ފަހުއެވެ. ދިވެހި ޓީމަށް ޕްރެކްޓިސް ކުރެވޭނެ ގޮތެއް ނެތިގެން އުޅެން ޖެހުނެވެ. މުބާރާތް ކުޅޭނީ އިންޑޯރ ކޯޓެއްގައި ނަމަވެސް ރާއްޖޭގައި އިންޑޯ ކޯޓެއް ނުވެސް ނެތެވެ. އިންޑޯ ކޯޓެއް ނެތްތާ ޓަރފު ދަނޑެއްގައިވެސް ޕްރެކްޓިސް ކުރުމަށް ގައުމީ ޓީމަށް އެކި ކަހަލަ ގޮން ޖެހުންތައް ކުރިމަތިވެފައިވެއެވެ. ދަނޑު ނުލިބުމާއި، ލިބޭ ދަނޑުތަކުގެ ސައިޒް ދިމާނުވުމާއި ދަނޑުތައް ހަލާކުވެފައި ހުރުމާއި މި ފަދަ އެތައް އުނދަގުލެއް ގައުމީ ފުޓްސަލް ޓީމުން ތަހައްމަލު ކުރިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް