ads
އިންޑިއާގެ ބޮޑު ވަޒީރު މޯދީ (ކ) އަދި ރައީސް ސޯލިހު (ވ) ސަލާމް ކުރައްވަނީ --
ރައީސް ސޯލިހު ވިދާޅުވަނީ ހުދުމުހުތާރު ވެރިންގެ ނިމުން އަވަސްކަމަށް
''ހުރިހާ ހުދުމުހުތާރު ވެރިން ވެރިކަން ކުރަނީ ބިރުވެތި ތިބި ހާލަތެއްގައެވެ. ނަމަވެސް ރައްޔިތުން އެކަތިގަނޑަކަށްވެއްޖެ ހިނދު ހުދުމުހުތާރު ވެރިންގެ ނިމުން ފިސާރި އަވަސްވެއެވެ. އެއްވެސް ވެރިއަކަށް މުޅި ގައުމާއި ރައްޔިތުން އެކީގައި ބަންދެއް ނުކުރެވޭނެއެވެ. ނުވަތަ މެރޭނެއެވެ. މިކަމަކީ ހަގީގަތެއްކަން ރޫމޭނިއާ މުޅި ދުނިޔެއަށް ދައްކުވައިދީފިއެވެ.''

އިސްވެ މި ބަޔާންކުރީ މީގެ 32 އަހަރު ކުރިން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު, ''ސަންގު'' މަޖައްލާއަށް ލިޔުއްވި މަޒުމޫނެއްގެ ފުރަތަމަ ޕެރެގްރާފެވެ. ސަންގު މަޖައްލާގެ އެ އަދަދު ނެރެފައިވަނީ 24 ޖަނަވަރީ 1990 ގައެވެ. ރައީސް ސޯލިހުގެ އެ ބަސްފުޅު މި ލިޔުމުގައި ހިމަނައިލީ މައުލޫއު ހުޅުވައިލުމުގެ ގޮތުންނެވެ.

ތެދެކެވެ. ރައީސް ސޯލިހު ވިދާޅުވި ފަދައިން އަޅުގަނޑުމެންނަށް ފެނިގެންދަނީ ރައްޔިތުން އެކަތިގަނޑަކަށްވެއްޖެ ހިނދު ހުދުމުހުތާރު ވެރިންގެ ނިމުން އަވަސްވެގެންދާ މަންޒަރެވެ. އެފަދަ ކިތަންމެ މަންޒަރެއް ވޭތުވެދިޔަ ތަނުގައި ދުނިޔޭގެ ކަންކޮޅުތަކުން ފެނިގެން ގޮސްފައިވާއިރު, ރާއްޖެއިން ވެސް އެ މަންޒަރު ފެނި ހާމަވެއްޖެއެވެ. 

ރާއްޖޭގެ ގާނޫނުއަސާސީގައިވާ ގޮތުން ވެރިކަމުގެ ދައުރަކީ ފަސް އަހަރު ކަމަށް ވިޔަސް, އަޅުގަނޑުމެންނަށް ފެނިގެންދިޔައީ 2008 ވަނަ އަހަރު ރައީސްކަމުގެ ހުވާކުރެއްވި ރައީސް މުހައްމަދު ނަޝީދު ދައުރު ހަމަނުވަނީސް 2012 ވަނަ އަހަރުގައި އަމިއްލަފުޅަށް އިސްތިއުފާ ދެއްވި ތަނެވެ. އެއީ އޭރުގެ އިދިކޮޅު ފަރާތްތަކުންނާއި ރައްޔިތުން ނިކުމެ ހިންގި ހައިޖާނުގަނޑުގެ ތެރެއިންނެވެ. އިސްތިއުފާ ދެއްވީ މަޖުބޫރުކުރުވައިގެންކަމަށް ވިދާޅުވި ނަމަވެސް, ގިނަ އަދަދެއްގެ ރައްޔިތުން އެ ވެރިކަމާއި ދެކޮޅަށް ނިކުންނާނީ ސަބަބެއް އޮވެގެންނެވެ. އަޅުގަނޑު ހިތުން އޭގެ އެއް ސަބަބަކީ ވެރިޔާގެ ހުދުމުހްތާރުކަމެވެ.

ދެން އަޅުގަނޑުމެންނަށް ފެނިގެންދިޔަ ރައީސް ޔާމިން އަބްދުލްގައްޔޫމް ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރެއްވި ނަމަވެސް, އެ މަނިކުފާނަށް ވެސް ފަސްއަހަރު ވެރިކަމުގައި ހުންނެވުނީ ކިރިޔަކިރިޔާއެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ފަސް އަހަރު ވެރިކަމުގައި ހުންނެވުނީ ނާޖާއިޒު ގޮތުގައި ބާރުގެ ބޭނުން ކުރައްވައިގެންނެވެ. އޭގެ އެއް ހެއްކަކީ އޭރުގެ އިިދިކޮޅު ލީޑަރުން, އަދި ކީއްތަ އެންމެ ކުޑަމިނުން ބޭބޭފުޅު ވެސް ކުޑަގޮޅިއަށް ލެއްވުމެވެ. އެ ހުދުމުހުތާރުކަން ނުދެއްކެވިނަމަ ދެވަނަ ދައުރެއް ލިބުނީސް ތޯއްޗެކެވެ.

މިހާރު މި ފެންނަނީ ރައީސް ސޯލިހުގެ ބަސް އަނބުރާ އެ މަނިކުފާނަށް ރައްދުވާ މަންޒަރެވެ. މިހާރުގެ އިދިކޮޅު ފަރާތްތަކުން އަދި އެއްކޮޅު ބައެއް ފަރާތްތަކުން ވެސް ގަބޫލުކުރާ ގޮތުގައި ރައީސް ސޯލިހަކީ ހުދުމުހުތާރު ވެރިއެކެވެ.

''ސީއެންއެމް'' އާއި ވާހަކަދައްކަވަމުން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރައްޔިތުން އިލްތިޒާމެއް އުފުލަންޖެހޭ އެއްވެސް ބާވަތެއްގެ އެގްރިމަންޓެއްގައި ސޮއިކުރާނަމަ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންވާނެ ކަމަށް ގާނޫނުއަސާސީގައި އޮންނަ ކަމަށެވެ. ނަމަވެސް މި ވެރިކަން އައިފަހުން އިންޑިއާއެކު ހަދާފައި ހުރި ބައެއް އެއްބަސްވުންތަކަކީ ރައްޔިތުންގެ މަޖިލީހަށް ނުވެސް ފޮނުވާ, ރައީސް ސޯލިހުގެ އަމިއްލަފުޅު ނިންމެވުންތައްކަމަށް އަދުރޭ ވިދާޅުވިއެވެ. އެއީ ރައީސް ސޯލިހުގެ ހުދުމުހުތާރުކަން ދޭހަވާ އެންމެ ބޮޑު އެއް ކަންތައްކަމަށް އަދުރޭ ވިދާޅުވިއެވެ. 

''މި ވެރިކަން އައިފަހުން އިންޑިއާއިން ހަދާފަ ހުރި ބައެއް އެއްބަސްވުންތަކަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެސް ނުވެސް ދައްކާ ރައްޔިތުންގެ މަޖިލީހަށް ނުވެސް ފޮނުވާ އެ މަނިކުފާނުގެ އަމިއްލަފުޅު ނިންމެވުންތައް. އެއަށްވުރެ ވަކިން ބޮޑަށް ހުދުމުހުތާރުކަން ފެންނާނެ އެހެންކަމެއް ނޯންނާނެ. އެއީ ގާނޫނު އަސާސީއާއި ހިލާފުވީ އަޅުގަނޑު ގަބޫލުކުރާ ގޮތުގަ.'' އަދުރޭ ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ވެރިކަމުގައި މި ނޫންވެސް ހުދުމުހުތާރު އެތައްކަމެއް ފެންނަކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. އެ ގޮތުން ޑިމޮކްރަަސީން ލިބިދޭންޖެހޭ ހައްގުތައް ނުވަތަ ޑިމޮކްރަަސީން ލާޒިމުކުރާ ގިނަ ކަންކަން އެއީ މި ރާއްޖޭގައި ނެތްކަމެއްކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

ކަންމިހެން ހުރިއިރު ރައީސް ސޯލިހަށް ދެން އިތުރު ދައުރެއް ލިބިވަޑައިނުގަންނަވާނެކަމަށް ސިޔާސީ ދާއިރާގެ ތަޖުރިބާކާރުން ދެކެވަޑައިގަންނަވައެވެ. ތެދެކެވެ. ހުދުމުހުތާރު ވެރިން ޖައްސަވާހައި ބެރަކަށް މި ޒަމާނުގައި ރައްޔިތުން ނަށާކަށް ނުތިބެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް