ads
ރުގްޔާގެ ނަމުގައި ޖިންސީ ގޯނާ
ރުޤްޔާގެ ނަމުގައި 16 އަހަރުގެ ފިރިހެން ކުއްޖަކަށް ކުރި ޖިންސީ ގޯނާގެ ވާހަކަ
ރުގްޔާ ނަމުގައި އެކި އެކި ނުބައި އަމަލު މިފަހަކަށް އައިސް ރާއްޖޭގައި ހިންގައެވެ. މިއީ ވެސް ރާއްޖޭގައި ހިނގާފައިވާ އެފަދަ ނުބައި އަމަލެއްގެ ވާހަކަ އެކެވެ. މީގެ އަހަރުތަކެއް ކުރިން އުތުރުގެ އަތޮޅަކަށް ނިސްބަތްވާ ފިރިހެނަކު އާއިލީ ކުއްޖަކާ ބަދުއަހްލާގީ އަމަލު ހިންގިވާހަކައެވެ. ރުގްޔާ ކުރުމުގެ އުކުޅު ތަށް ބޭނުންކޮށް ކުއްޖާއާއި ބެހުނީ އެކުއްޖާ ހޭނެއްތުމަށްފަހު ގައެވެ. އެއީ މީގެ ހަތްވަރަކަށް އަހަރު ކުރިއެވެ. މިހާރު އެކުއްޖާ ވަނީ ބޮޑުވެ ތަސައްރަފް ފުދިފައެވެ.

މިފަދަ ނުބައި އަމަލު ތައް ރާއްޖޭގައި މަދުން ނަމަވެސް ފެންނަމުން ދެއެވެ. ރުގުޔާ ނަމުގަޔާއި، ފަންޑިތަވެރީންގެ އެހެނިހެން ކަންކަމުގެ ތެރެއިން އަންހެނުންނާއި ފިރިހެނުންގެ އިއްޒަތް ފޭރިގަންނަމުން ދަނީ އޮޅުވާލުމާއި މަކަރުގެ ތެރެއިންނެވެ. މިފަދަ ހާދިސާތައް ގިނައިން ދިމާވެފައި ހުންނަނީ އަންހެނުންނަށް ކަމުގައިވިޔަސް މަދުން ނަމަވެސް ފިރިހެނުންނަށްވެސް ދިމާވެފައި ހުރެއެވެ. މިއީ އޭގެ އެއްހާދިސާއެވެ. 

ނަމަވެސް މިފަދަ ގިނަ ކަންތައްތައް ވަނީ މީހުންނަށް ސިއްރު ވެފައެވެ. ބައެއް ކަންތައްތައް ނޫސްތަކުގެ ފަލަސުރުހީއަށް އެރި ނަމަވެސް ސިއްރުވެފައިވާ މިފަދަ ކަންތައްވެސް އެހާމެ ގިނައެވެ. ނަމަވެސް އެފަދަ ކަންތައްތަކުގެ ސަބަބުން މިފަދަ ކުދިންނަށް ނަފްސާނީ އެތައް އުނދަގުލެއް މުޅި ހަޔާތުގައި ތަހައްމަލް ކުރަން ޖެހެއެވެ. މިފަދަ ކަންކަމާއެކުވެސް ހިތްވަރުކޮށް މުޖްތަމައު އަށް ނުކުމެފައި ވަނީ މަދު ބައެކެވެ. މިއީވެސް އޭގެ ތެރެއިން ކުއްޖެއްގެ ހިތްދަތި ތަޖުރިބާގެ ވާހަކަ ތަކެކެވެ. 

މިވާހަކަ ތައް "ސީއެންއެމް" އަށް ހިއްސާ ކުރަމުން އަޝްހަދު ބުނީ އޭނާގެ އާއިލީ ބޮޑު ބޭބެއަކު ރުގުޔާ ކުރުމުގެ ނަމުގައި އޭނާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ މީގެ ހައެއްކަ އަހަރު ކުރިން ކަމަށެވެ. ބޮޑު ބޭބެ ފަތީހު އަބަދުވެސް ދިރިއުޅެމުން ދަނީ މާލޭގައި ކަމަށާއި، އޭނާ އަކީ ހަމައެކަނި ރުގުޔާ ކުރާ މީހެއް ނޫން ކަމަށާއި، ކުރިން އެރަށުގެ ސްކޫލުގެ ޓީޗަރެއްގެ މަގާމުގައިވެސް އުޅެފައިވާ ކަމަށް ބުންޏެވެ.

ޖިންސީ ގޯނާ ކުރުމަށްފަހު ބުނީ މީހެއްގެ ކައިރީ ބުނެގެން ނުވާނެ ކަމަށް! 

އަޝްހަދުއަށް އުނދަގޫތަކެއް ވާން ފެށީ ކުއްލިއަކަށެވެ. ވަރުދެރަވާން ފެށިއެވެ. ހަށިގަނޑަށް އެކި އެކި ގޮތްގޮތް ވާން ފެށިއެވެ. އޭރު ފަތީހު ހުރީ އެރަށަށް ޗުއްޓީއަށް ގޮހެވެ. ބައްޕަ މެން ފަތީހު ގެއަށް ގެނެސް އޭނާއަށް ގެ ދެއްކިއެވެ.  ގެ ބެލުމަށް ފަހު، ފަތީހު ބުނީ އެ ގެއަށް ބަޔަކު ސިހުރު ހަދާފައިވާ ކަމަށެވެ. 


ފަތީހު ބުނަނީ  އެގޭ ތާނގީގެ ފެން އެންމެ ފުރަތަމަ ބޮވުނީ އަޝްހަދު އަށް ކަމަށާއި އެހެންވެ އެގޮތަށް ވަރުބަލިވެ ކަންތައްތައް ވާން ފެށީ ކަމަށެވެ. 
"އެހެންވެ އަހަރެން ގެންގޮސް އޭނަ ކުރި ކަމެއް ކޮށްފައި ހަރަކާތް ހުއްޓުވާފައި ބޭއްވީ. ނަމަވެސް ކޮންމެވެސް ވަރަކަށް އެގޭ ކުރާ ކަންތައް.  އޭރު އުމުރުން 16 އަހަރު." އަޝްހަދު ބުންޏެވެ.

އަޝްހަދު ބުނީ އޭނާ ޖިންސީ ގޯނާ ކުރުމަށްފަހު އެވާހަކަ އެއްވެސް މީހަކު ކާރީގައި ބުނެގެން ނުވާނެ ކަމަށް ބުނި ކަމަށެވެ.  އެއީ ރުގުޔާގެ ތެރެއިން ހިގާނެ ކަންކަން ކަމަށްވެސް އޭނާ ބުނެފައިވާ ކަމަށާއި، އެއްވެސް މީހަކަށް އެނގިއްޖެ ކަމުގައިވަނަމަ ކުއްވެރި ވާނީ ހަމަ އަޝްހަދު ކަމަށް ވެސް ފަތީހު ބުނި ކަމަށް އަޝްހަދު ބުންޏެވެ. 

ވާހަކަ މަންމައަށް ކިޔައިދިނުމުން ގޭތެރެ ހަމަނުޖެހުމަކަށް!

އެދުވަހަށް ފަހު ވެފައި ހުރި ވަރުބަލި ކަމާއި ގަނެފައި ބިރުން ގެއިންވެސް ނުކުންނަން ނުކުރޭ ކަމަށް އަޝްހަދު ބުންޏެވެ.

"ނަމަވެސް މަންމަ ކައިރީ ބުނަން ވަރަށް ބޭނުންވި. އޭގެ ހަފްތާ އެއްގެ ފަހުން ކެތްނުވެގެން މަންމަ ކައިރީ ބުނަން ދިޔައިރު މަންމަ ހުރީ ނަމާދަށް. މަންމަ ނިމެންދެން ކޮޓަރީގައި މަަޑު ހުރީ. މަންމަ ނަމާދުން ނިމުނު ތަނުން ކިޔައިދިނީ މަންމަ އަށް. ރޮމުން މަންމައަށް ހުރިހާ ވާހަކައެއް ކިޔައިދިނީ." އަޝްހަދު ބުންޏެވެ.

އެއަޑު މަންމަގެ ކަންފަތުގައި ޖެހުމާއެކު މަންމަ އަށް ވެސް ބާރުބާރަށް ރޮވުނު ކަމަށާއި، މަންމަ، ބައްޕަ ގެނެސް އެވާހަކަތައް ކިޔައިދިން ކަމަށް އަޝްްހަދު ބުންޏެވެ. އެޒުވާބު ހޫނުވެ ގޭތެރޭގެ އަޑު ގަދަވުމުން ދިޔައިރު އަޝްހަދާއި، މަންމައަށް ރޮވުން ނޫން ކަމެއް ނުކުރެވުނު ކަމަށް އަޝްހަދު ބުންޏެވެ. 

އަޝްހަދު ބުނީ މައްސަލަ ހޫނުވެ އެންމެ ފަހުން ބައްޕަ ފަތީހުއަށް ގުޅުމުން ފަތީހު އަހަންނަށް ގުޅާފަ ދިނީ އަހަރެންގެ ޅަ ސިކުޑިއަށް ކެތްވާނެ ވަރުގެ ޖަވާބެއްނޫން ކަމަށެވެ. އެ އަޑު ކަންފަތުގައި ޖެހުމާއެކު ފައިދަށުން ބިންގަނޑު ދިޔަހެން ހީވިއެވެ. އެއަޑު މުޅި އުމުރަށް ކަންފަތުގައި ބާރު ހޮނު ގުގުރިއެއްފަދައިން ގުގުމާލަ ގުގުމާލަ ހުންނަ އަޑަކަށް ވެގެން ދިޔައެވެ.

"ފަތީހު ގުޅާފައި ބުނީ ބައްޕައާވެސް ގުޅުން އޮވެއޭ.......................... " ފަތީހު ބުނިގޮތަށް އަޝްހަދު ކިޔައިދިނެވެ. (ބައެއްވާހަކަތައް އުނިކޮށްފައި)

އެއްވެސް ބިރެއް ޖެހިލުމެއް ނެތި އަދި ލަދެއްވެސް ނެތި، ފަތީހުގެ ދުލުން އެވާހަކަތައް  ބައްޕަ ހިމަނައިގެން  ދެއްކި ކަމަށާއި، އެއީ އަޝްހަދު އިތުރަށް ނަފްސް ހަލާކު ކޮށްލުމަށް ކުރި ކަމެއް ކަމަށްވެސް އަޝްހަދު ބުންޏެވެ. 

ވާހަކަތައް މަންމަ ސިއްރު ކުރުން!

މިޒުވާބު ގޭތެރެ ހޫނުވެފައިވި ނަމަވެސް މިވާހަކަ ތައް މަންމަ ވެސް އެހާ ހިސާބުން ސިއްރު ކުރި އެވެ.

އެއީ ބައްޕަ ބަދުނާމު ވެދާނެ ތީއެވެ. ހަގީގަތް ހިމެނޭ ކަމެއް ނޫން ކަމަށް މަންމަ ބުނަމުން ދިޔައެވެ. މިހާރުވެސް މިވާހަކަތައް އެނގޭނީ ހަމައެކަނި ގޭތެރޭގައި އުޅޭ މީހުންނާއި އާއިލާގެ މަދު ބަޔަކަށް ކަމަށް މިވާހަކަ ކިޔައިދެމުން އަޝްހަދު ބުންޏެވެ.

ހުރިހާ ކަމެއްވެ މިހާރު ނިމިފައިވާ ކަމަށް ބުނެ އަޝްހަދު ބުނީ، އެ އުދަނގޫ ތައް އަދިވެސް ތަހައްމަލު ކުރަން ޖެހޭ ކަމަށެވެ. އެ ދުވަހު ބޭނުންވި ވަރަކަށް މައިބަފައިންގެ އެއްބާރުލުމެއް ނުލިބުނު ކަމަށެވެ. ފަތީހުގެ ފޯނު ކޯލާއި އެކު މައްސަލަ އޮބިގެން ދިޔަ ކަމަށެވެ. 

"މިހާރު މާލޭގައި އަޅުގަނޑު އުޅެނީ. ފަތީހު ބައެއް ދުވަސް ދުވަހު ފެނޭ. އޭނަ ފެންނާތީ ވަރަށް އުދަނގޫވޭ،" އަޝްހަދު ބުންޏެވެ.

އަޝްހަދު ބުނީ ހިތްވަރުނެރެ މިހާރު މަސައްކަތް ކުރަނީ އަމިއްލަ ފައި މައްޗަށް ތެދުވެ އެ ދުވަސް ހަދާން ނައްތާލުމަށް ކަމަށެވެ. ވަޒީފާ އެއް އަމިއްލަ މަސައްކަތުން ހޯދައި މިހާރު އުޅެނީ މާލޭގައި ކަމަށާއި، ބައްޕައާއި މަންމަގެ އެދުމުގެ މަތިން މައްސަލަ އޮއްބާލައި، ބަޔަކަށް ނޭނގުނު ނަމަވެސް އެ އުދަނގޫތަކުން އަރައި ގަތުމަށް މަސައްކަތް ކުރާ ކަމަށެވެ. 

އެޑިޓަރުގެ ނޯޓް:

މި އާޓިކަލްގައި މިވަނީ ރާއްޖޭގައި ހިނގި ހަގީގީ ހާދިސާއެކެވެ. ސީއެންއެމްއިން "ހަގީގީ ހާދިސާ" މި ނަމުގައި ގެނެސްދެމުންދާ ވާހަކަތަކުގައި ހިމެނޭ މީހުންގެ ޒާތީ މައުލޫމާތުތައް ރައްކާތެރި ކުރުމުގެ ގޮތުން ވާހަކައިގައި ބޭނުންކޮށްފައިވާނީ އެމީހުންގެ އަސްލު ނަމެއް ނޫނެވެ.

9%
ކަމުގޮސްފި
32%
އަޑުއެހިތާ މިހުރީ
41%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް