ads
ސިހުރު ހެދުމަށް ބޭނުންކޮށްފައިވާ އެއްޗެހިތަކެއް--
ފުލުހުންގެ ކިބައިން ސަލާމަތްވާން ސިހުރު ތަވީދެއް ގެންގުޅުނު މީހެއްގެ ވާހަކަ!
މިއީ ވެސްޓު އެފްރިކާގެ ރަށެއް ކަމަށްވާ ސިއެރެ ލިއޯންއަށް ވިޔަފާރި ކުރަން ދިޔަ އިންގްލޭންޑުގެ ރައްޔިތަކަށް އިސްލާމުދީނުގެ ހިދާޔަތު ލިބުނު ގޮތް އޭނާގެ ދުލުން ކިޔާދީފައިވާ ހަގީގީ ހާދިސާއެކެވެ. މި އާޓިކަލުގައި މި ވާހަކަ މި ހިމަނާލަނީ އޭނާ ކިޔާދީފައިވާ ގޮތަށެވެ.

އެއީ އަހަރެން އިސްލާމުވުމުގެ ކުރީގެ ހަދާންތަކެކެވެ. އެއީ އޭގެ ހަގީގަތް ނޭނގި ޖީބަށްލައިގެން ގެންގުޅުނު އެއްޗެއް ނަމަވެސް ދެއަހަރު ވަންދެން އަހަރެންގެ ފަޓުލޫނު ޖީބުގައި އެ ތަވީދު ބާއްވައިގެން އުޅެވުނެއެވެ.

އެކަމާއި މިއަދު އަހަރެން ހިތާމަ ކުރަމެވެ. އަދި ޝުކުރު ވެރި ވަމެެވެ. ހިތާމަކުރަނީ ނޭގިނަމަވެސް އަހަރެން ކުރަމުން އައީ ފާފައެއް ކަމުންނެވެ. ޖީބުގައި ރޯ ނުވިޔަސް ޖީބުގައި ބާއްވައިގެން އުޅުނީ ނަރަކައިގެ އަލިފާން ކަމަށް ވުމުންނެވެ. އުފާކޮށް ޝުކުރުވެރިވަނީ އެއީ އަހަރެންނަށް އިސްލާމުނުދީނުގެ ނޫރު އޭގެ ސަބަބުން ފެނުނު އެއްޗަކަށް ވުމުންނެވެ.

އޭރު އަހަރެން ވިޔަފާރި ކުރަމުންދިޔައީ ވެސްޓު އެފްރިކާގެ ސިއެރެ ލިއޯންގައެވެ. އެ ރަށުގައި ވަރަށް ބޮޑަށް ސިހުރު ހަދާ އުޅެއެވެ. އެކަމަކު އެމީހުން އެއަށް ކިޔަނީ ސިހުރެއް ނުވަތަ ޖާދޫއެއްވެސް ނޫނެވެ. އެމީހުން ވިސްނައިގެން ތިބެނީ އެއީ އިސްލާމުދީނުގެ ބައެއް ކަމަށެވެ. އެމީހުން އަތުގައި އެމިއުލެޓްސް އެއް ގެންގުޅެއެވެ. (އޭރު އަހަރެން ހީކުރަނީ އެއީ ޖާދޫގެ ފަށެއް ކަމަށް).

your imageއެ ހާދިސާ ހިއްސާކުރި އިންގްލޭންޑުގެ ރައްޔިތުމީހާ--

ހަގީގަތުގައި އެއީ އެމިއުލެޓްސް އެއް ނުވަތަ ފަށެއް ވެސް ނޫނެވެ. އެއީ ސިހުރެވެ. އަހަރެން އެފަދަ ފަށެއް ހުޅުވީމެވެ. އޭގެ އެތެރޭގައި ގުރުއާންގެ އަޔާތްތަކާއި، ނަންބަރުތަކާއި، ފާޑުފާޑުގެ ނަންނަމާއި ކުރެހުންތައް ހުރެއެެވެ. 

އެމީހުން އެ އެއްޗެހި ބޭނުންކޮށް އުޅެނީ ކުށްތައް ކުރުމަށްފަހު ފުލުހުންގެ ކިބައިން ސަލާމަތް ވުމަށެވެ. އަހަރެންނަށްވެސް އެމީހުން އެފަދަ ފަށެއް ދިނީ ފުލުހުންގެ ކިބައިން ސަލާމަތް ވާށެވެ. އައޫޒްބިއްލާހި، އަހަރެންގެ ޖީބުގައި އެ ދެއަހަރު ގެންގުޅެވުނެއެވެ. 

އެއީ ވަރަށް ކުޑަކުުޑަ ފުލެއް ލާފައި އިންނަ ފަށެކެވެ. އޭރު އެ ފުލުގެ އެތެރޭގައި ހުރީ ކޯޗެއް ކަމެއް އަަހަންނަކަށް ނޭނގެއެވެ. އެފްރިކަން އެމީހުން އަހަރެން ކައިރީ ބުނީ އަހަރެންގެ ނަފްސު ވަރަށް ގިނަ ކަންކަމުން އޭގެ ސަބަބުން ސަލާމަތް ވާނެ ކަމަށެވެ. ނަމަވެސް އޭރު އަހަރެން އެކަން ގަބޫލެއް ނުކުރަމެވެ. އެކަމަކު ޖީބުގައި ގެންގުޅެލުމަކުން ވަކި ވާނެ ދެރައެއް ނޯންނާނެތީ އަހަރެން އެ ޖީބަށް ލީއެވެ. 

އަހަރެން ހަނދާން އެބަހުއްޓެވެ. ސިއެރެ ލިއޯންގައި އެއްފަހަރު ފުލުހުން އަހަރެން ހިފެހެއްޓިއެވެ. ކާރުން ބޭލުމަށްފަހު ޖީބުވެސް ބަލާ ފާސްކުރިއެވެ. ޖީބުގައި އޭރު އެއްކަލަ ފަށް އޮންނާނެއެވެ. ޖީބުން އޭތި ނެގުމަށްފަހު ވަގުތުން ސިއްސައިގެން ގޮސް އެ ފަށް އޭނާ އެއްލާލިއެވެ. އޭރު އޭނާގެ އަތްތިލަ ފިހިފައި އޮއްވާ އަހަރެން ދުށީމެވެ. އޭނާ ވަގުތުން ހުރިހާ އެއްޗެއް ހިފައިގެން އަވަހަށް ދިއުމަށް އެދުނެއެވެ. 

އެ ހާދިސާއަށްފަހު އަހަރެންނަށް އެ ފަށް މުހިންމުވިއެވެ. އަދި އެއީ ހަގީގަތުގައިވެސް ޖާދޫގެ ފަށެއް ކަމަށް އަންހަނަށް ގަބޫލުކުރެވުނެއެވެ. އޭރު އަހަންނަށް ނުވިސްނުނު ކަމަކީ އެ ފުލުސް މީހާގެ އަތް ފިހުނީ އެ ފަށުން ނޫންކަމާއި، އެއީ ޝައިތާނާ އަހަރެންގެ ސިކުޑިއަށާއި ލޮލަށް ދެއްކި ވަހުމެއް ކަމެވެ. އެ ފުލުސްމީހާ އެހާ ބިރުގަތީ ކޮންއެއްޗެއް ފެނިގެންކަން ނުވަތަ އޭނާގެ އަތް ފިހުނީ ކިހިނެތްކަން އަހަންނަކަށް އަދިވެސް ނޭނގެއެވެ. ނަމަވެސް އަހަންނަށް އެގޭހާވެސް ކަމަކީ އެއީ ޝައިތޯނާގެ އަމަލެއް ކަމެވެ. ޝައިތޯނާ ބޭނުންވީ އެ ފަށުގެ މޮޅުކަން އަހަރެންގެ ހިތަށް ވައްދާ އެ ބޭނުންކޮށް ފާފައިގެ ތެރޭގައި އަހަރެން ދެމިހުރުމެވެ. 

އެކަމަކު ދެރައީ އޭރު އަހަންނަށް މިވިސްނުން ނުވިސްނުނީމައެވެ. އެފަދައިން އަހަރެންނަށް ތިން ހަތަރު ފަހަރެއްގައި އެކިއެކި ފަހަރުތަކުގައި ޝައިތޯނާ އެ ވަހުމު ދެއްކިއެވެ. އަހަރެން ހިފަހައްޓާ ކޮންމެ ފަހަރަކުވެސް ފުލުހުންގެ އަތުގައި އެފަށް ޖެހުމާއިއެކު ވަގުތުން ސިހުމާއިއެކު އަތް ދަމައިގަނެ އަހަރެން ދޫކޮށްލައެވެ. އެހެންވީމަ މި ބޭނުންކުރާ ކޮންމެ މީހަކަށްވެސް ހީވެފައި އޮންނަނީ އޭނާގެ އަތުގައި އާދަޔާ ހިލާފު ބާރެއް އޮތް ކަމަށެވެ. އެ އެފަދަ ފަށެއް ގަނެ އެ ބޭނުންކޮށްގެން ވައްކަމާއި، ފޭރުމާއި، ޑްރަގުގެ ވިޔަފާރިފަދަ ހަރާމު އަދި ބޮޑެތި ފާފަތައް ކުރެވޭނެ ކަމަށް ހީކުރެއެވެ. 

ނަމަވެސް ބުނަން ހެއްޔެވެ. އެއިން އެއްވެސް ކަމެއް މާތްﷲގެ އިރާދަފުޅާއި ނުލާ ނޫނީ، އިޒުނަނެތި ނުކުރެވޭނެއެވެ. އެކަމެއް އެވަނީ މާތްﷲ އެކަމަށް އިރާދަކުރެއްވީތީއެވެ. ބައެއް ފަހަރަށް އިންސާނުން ކުށްތަކަށް އަރައިގަތުމުގެ ފުރުސަތު މާތްﷲ ދެއްވައެވެ. އެއީ އެމީހަކު އިމްތިހާނު ކުރެއްވުމަށެވެ. އެކަމަކު އެމީހަކު އީމާންކަން ގެއްލުވާއެލަނީ އޭނާ އަމިއްލައަށެވެ. އަހަންނަށް މިކަހަލަ ކިތަންމެ މަންޒަރެއް ފެނިފައިވެއެވެ. 

ސިއެރެ ލިއޯންގައި އޮންނަ ކަބެލާ ކިޔާ ޖަންގަލި ހިސާބެއް އޮވެއެވެ. އެއީ ސިހުރަށް މަޝްހޫރުތަނެކެވެ. އެ ސިޓީގައި ސިހުރު ހަދަން ތިބޭ މީހުންނަށް ޖާދޫގަރުންނެކޭ ނުވަތަ ސިހުރުވެރިންނެކޭ ނުކިޔައެވެ. އެމީހުނަށް ކިޔަނީ ހަމަ ޝެއިހުންނެވެ. އެމީހުން ތިބެނީވެސް މުސްލިމުން ތިބޭ ގޮތަށެވެ. އެމީހުންގެ ތުބުޅިވެސް ހުރެއެވެ. ހެދުން އަޅަނީ ޝެއިހުން ހެނެވެ. އެމީހުން ޤުރުއާން ވެސް ކިޔަވައެވެ. އަތުގައި ތަސްބީހަފަތިވެސް އޮވެއެވެ. ތިބެނީ ހަމަ ޝެއިހުން ހެނެވެ. 

އެމީހުން ގާތުގައި ޖިންނިން ތިބެއެވެ. އަހަރެންނަށް އެމަންޒަރު ހުރީ ފެނިފައެވެ. ފެނުނީ ޖިންނީންނެއް ނޫނެވެ. އެމީހުން ފެންނަނީ ހަމައެކަނި އެ ސިހުރުވެރިންނަށެވެ. އެމީހުން އެވަގުތު ވާހަކަދައްކާ ޖިންނީންގެ ނަންތަކާއިއެކު އެމީހުން އެ ޖިންނީންނާއި ވާހަކަދައްކާ އުޅެއެވެ. ވާނެގޮތްތަކާއި ވެދާނެ ގޮތްތައް ބުނެދެއެވެ. މީހުން ބޮޑެތި މައްސަލަތަކުގައި ޖާދޫ ހަދާ މީހުން ކަމަށް ހީކޮށް އެމީހުން ކައިރިއަށް ގޮސް އުޅެއެވެ. ކައިވެނީގެ ކަންކަމުގަޔާއި، ދަރިންގެ ކަންކަމުގައި އަދި ތައުލީމުގެ ކަންކަމުގައި މީހުން އެމީހުން ކައިރިއަށް ދެއެވެ. ދަރިން ނުލިބޭ މީހުންނަށް ދަރިން ލިބޭގޮތް ވެދެއެވެ. ކައިވެނި ކުރަން ބޭނުންވެގެން އުޅޭ އަންހެން ކުއްޖާ ލިބިދެއެވެ. ޓެސްޓުން ފާސްވެދައެވެ. 

އެކަމަކު އެކުވެރިންނޭއެވެ. މިއީ ހަރާން ކަންކަމެވެ. އަހަރެން އެބުރި އިންގްލެންޑަށް ދިޔައީ އެތަނުގައި މިހުރިހާ މަންޒަރެއް ފެނިގެން އަޖައިބުވެގެންނެވެ. އަހަރެން އެބުރި އިންގްލެންޑަށް އައުމަށްފަހު އަހަރެންގެ މުސްލިމު ރަށްޓެއްސަކާއި މިވާހަކަތައް ހިއްސާކޮށް، މުސްލިމުންނަކީ ވަރަށް ބާރުގަދަ ބައެއް ކަމަށް ބުނެ ވާހަކަދައްކަން ފެށީމެވެ. މިވާހަކަތައް ކިޔައިދޭން ފެށުމުން އޭނާ ވަގުތުން އެއީ ހަރާން ކަންކަން ކަމަށާއި، ކޮށްގެން ނުވާނެ ކަންކަން ކަމަށް ބުނެ ނަސޭހަތްތެރިވާން ފެށިއެވެ. އޭނާ ބުނިގޮތުން އެއީ ޝިރުކެވެ. އެއީ ޝައްކެވެ. މާތްﷲ އާއިމެދު ކުރެވޭ ޝައްކެކެވެ. ޝިރުކެކެވެ. 

އަހަންނަކީ އޭރު މުސްލިމެއް ނޫނެވެ. އަހަރެން މިގޮތަށް ވާހަކަދައްކަން ފެށުމުން އަހަރެން ދައްކާ ވާހަކަތަކަކީ އިސްލާމުދީނުގެ ކަންކަން ނޫންކަން ސާބިތުކޮށްދޭން އޭނާ އަހަންނަށް އޭނާ ދީނީ އިލްމުވެރިންގެ ވީޑިއޯތަކާއި ގުރާއާން އާޔަތްތަކެއް ހިމެނޭ ފޮތެކެވެ. އަދި ދުއާ ފޮތެއްވެސް އަހަންނަށް ދިނެވެ. ދެ ފޮތް އަޅާކިޔާލިއިރު އެއީ އެއްވާހަކަތަކެއް ހިމެނޭ އެކަމަކު ތަފާތު ދެފޮތެއް ކަން އަހަންނަށް އެގުނެއެވެ. އެއް ފޮތަކީ ގުރުއާނެވެ. އަނެއް ފޮތަކީ ހެދުނާއި ހަވީރާއި ރޭގަނޑުގެ ޒިކްރު އަދި ދުއާތައް ހިމެނޭ ފޮތެކެވެ. 

ކޮންމެ ފަހަރަކު އަަހަރެން ގުރުއާންގެ އާޔަތްތައް ހިމެނޭފޮތް ކިޔަމުންދިޔައިރު، އަހަރެންގެ ހިތުގެ ފުންމިނުން އިހުސާސްތައް ކުރުވަމުން ދިޔައެވެ. އަހަރެން ކިޔަވަމުންދިޔައީ އިގިރޭސީން ކަމަށް ވާއިރުވެސް އަހަންނަށް ގުރުއާންގެ ކޮންމެ އާޔަތެއްގައި ބުނާއެއްޗެއް އިހުސާސް ކުރެވެމުންދިޔައެވެ. 

އޭގެތެރެއިން އެއް އާޔަތެކެވެ. އެއީ ސޫރަތުލް ފަލަގް އެވެ. އެ ސޫރަތަކީ ސިހުރުގެ ނުބައިކަން ވާރިދުވެފައިވާ އާޔަތެކެވެ. އެކަން ސިހުރުވެރިން ކުރާގޮތް އެއާޔަތުގައި ވަރަށް ސާފުކޮށް ބަޔާކޮށްދީފައި އޮތެވެ. އެއާޔަތުގެ މާނަ ކިޔަމުންދިޔައިރު އަހަންނަށް ދިޔައީ ރޮވެމުންނެވެ. 

އަހަރެން ހިތަށް އަރަމުންދިޔައެވެ. ސުބުހާނައްﷲ އެވެ. މިކަންކަން ކުރަނިކޮށް އަހަރެން ދުށީމެވެ. ތަވީދުގައި ރޮދިބަނެ، ގޮއްޖަހައި، ގޮށްގޮށަށް ފުމޭތައް އަހަރެންގެ ލޮލުން ދުށީމެވެ. އެމީހުން އެކަން ކުރަނީ އިރުއަރާ ވަގުތެވެ. ބައެއް ފަހަރު، އިރު އިއްސޭ ވަގުތެވެ. އަހަރެން އެތަން ދުށީމެވެ. މިފޮތުގައި މިއޮތީ ހަަމަ އެވާހަކަތަކެވެ.

އެއާޔަތް އަހަރެންގެ މުޅި ދިރިއުޅުން ބަދަލުކޮށްލިއެވެ. އަހަރެން ރައްކާތެރި ކޮށްދޭނެ އާޔަަތަކީ އެ އާޔަތް ކަން އަހަންނަށް ވަގުތުން އިހުސާސް ކުރެވުނެެވެ. އެދުވަހުން ފެށިގެން އަހަރެންގެ ޖީބުގައި ގެންގުޅުނު ތަވީދުގެ ބަަދަލުގައި އަހަރެން ގެންގުޅެން ފެށީ އެ ދުއާ ފޮތެވެ. ކުޑަކުޑަ އެ ދުއާފޮތް އަހަރެން ދާ ކޮންމެ ތަނަކަށް އަހަރެން ގެންދަމެވެ. ދުވާލާއި ރޭގަނޑު އަހަރެން އެ ދުއާތައް ކިޔަމެވެ. އަހަރެން ހިމާޔަތް ކޮށްދޭ އެއްޗަަކަށް އެ ކުޑަކުޑަ ފޮތްވިއެވެ. ތަވީދު ގެންގުޅުނު އިރު އަހަރެންގެ ހިތަށް ކޮންމެ ދުވަހަކު އަރާ ޝައިތޯނީ ވަސްވާސްތަކާއި ގޯސްކަންކަން ކުރުމުގެ ހިޔާލު މުޅިހެން އަހަރެންގެ ގައިން ނެތިގެންދިޔައެވެ. ދިރިއުޅުން ފަސޭހަވެގެންދިޔައެވެ. ހާސްކަން ބޮޑު ދިރިއުޅުން ލުއިވިހެންވެސް ހީވިއެވެ. މީހާ ސާފުތާހިރުވިހެންވެސް ހީވިއެވެ. ޔަގީންކުރާށެވެ. އަހަރެން ޖީބުން އެ ތަވީދު ނެގާ ޒިކުރުތަކާއި ދުއާ ފޮތް އެކުވެރިއަަކަށް ހެދި ދުވަހުން ފެށިގެން ހިމާޔަތްތެރިކަމާއި ރައްކާތެރިކަން އިހުސާސް މިކުރެވޭހާ މިންވަރާއި ގާތަށްވެސް އަހަންނަށް އެ ތަވީދު ޖީބުގައި އޮތް ދެއަހަރު އިހުސާސްއެއް ނުކުރެވެއެވެ. 

އޭރު ހުވަފެނުގައި ފެންނަމުންދިޔަ ބިރުވެރި ކަންކަން މުޅިންހެން ހުއްޓުނެވެ. މީހަކު އަބަދުވެސް ފަހަތުގައި ނުވަތަ ބަލަން ހުންނަހެން އަންހަންނަށް ހީވާ ހީވުން މުޅިހެން ހުއްޓިގެން ދިޔައެވެ. ފުލުހުން އަހަރެން ހިފެހެއްޓި ހަދާނެއް ނުވެއެވެ. އެއީ އަހަރެން ގޯސް ކަންކަމާއި ދުރުވިވަރެެވެ. ތަވީދު ނެތުމަކުން ވަކި އަހަރެން ނުރައްކަލަކަށް ހުށަނޭޅެއެވެ. އަހަރެންވީ ނުރައްކަލާއި ދުރެވެ. ގޯސްކަންކަމާއި ދުރެވެ.

ސިޙުރަކީ މާތް ﷲ ހަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައިވާ ބޮޑު ފާފައެކެވެ. ސިހުރުގެ ސަބަބުން ބައެއް މީހުން ނިދިން މަހްރޫމުވެ އަނެއް ބަޔަކަށް ނުތަނަވަސްކަމާއި ހިތްހަމަނުޖެހުން ވެރިވެ އެވެ. 

ސިހުރު ހާހޫރަ ހަދާ މީހުން އެކަން ކުރަނީ އީމާންކަން ބަލިކަށިވުމުންނެވެ. ތިމާގެ ކިބައިގައި ނެތް ކުޅަދާނަކަމެއް ހޯދުމުގެ މަޤްސަދުގައެވެ. ނަމަވެސް އެފަދަ މީހުންނަށް ވިސަނައިނުގަނެވޭ ކަމަކީ އެއީ، ދާއިމީ ގޮތެއްގައި ލިބޭ ކުޅަދާނަ ކަމެއް ނޫންކަމެވެ. އެކަމުގެ ނުރައްކަލަކީ، ސިހުރު ހަދާ މީހާ މާތް ﷲ އަށް އުރެދި، ޝައިޠާނާގެ އަމުރުތަކަށް ކިޔަމަންވާން ޖެހުމެވެ. އެކުޅަދާނަކަން ހޯދޭނީ ޝައިޠާނާ މެދުވެރިކޮށް ކަމަށްވާތީ، ދީނުން ބޭރުވާ ކަންކަން ކުރުމަށް ސިހުރު ހަދާ މީހާ އަށް ޝައިޠާނާ އަމުރުކުރެ އެވެ. އެ އަމުރުތަކަށް ކިޔަމަންވުމުން ނޫނީ ޝައިޠާނާގެ ވާގިވެރިކަމެއް ނުލިބެ އެވެ.

ސިޙުރު ހެދުމަކީ ޝައިޠާނީ އަމަލެކެވެ. ޝިރުކު ކޮށްގެންނާއި ހުތުރު ރޫހުތަކާ ގާތް ގުޅުމެއް އުފައްދައިގެން އެ ތަކެތީގެ ބަހަށް ހެއްލިގެން މެނުވީ އެކަމެއް ނުކުރެވެ އެވެ. ސޫރަތުލް ބަޤަރާގެ 102 ވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެ އެވެ. "އެހެނެއްކަމަކު، އެޝައިޠާނުން ކާފިރު ވޫއެވެ. އެއުރެން މީސްތަކުންނަށް ސިހުރު އުނގަންނައި ދިނުމުންނެވެ."

ބަޤަރާ ސޫރަތުގެ 102 ވަނަ އާޔަތުގެ މާނައިގައިވެ އެވެ. "ފަހެ، މީހާ އާއި އެމީހާގެ އަނބިމީހާއާ ދެމެދު ދުރުކޮށް ވަކިކުރާނޭ ގޮތް އެ ދެ މަލާއިކަތުންގެ ކިބައިން އެއުރެން އުނގެނި އުޅެތެވެ." އަދި ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ. "ފަނާކުރަނިވި ހަތް ފާފައިން ތިޔަބައިމީހުން އެއްކިބާވާށެވެ. ދެންނެވުނެވެ. އެއީ ކޮން ކަންތައްތަކެއް ތޯއެވެ؟" ޙަދީޘްކުރެއްވި އެވެ. "މާތް ﷲ އަށް ޝަރީކު ކުރުމާއި، ސިޙުރު ހެދުމާއި ޙައްޤަކާ ނުލައި މީހަކު މެރުމާއި ރިބާ ކެއުމާއި ޔަތީމުންގެ މުދާ ޙައްޤަކާ ނުލައި ކެއުމާއި ހަނގުރާމައިގެ މައިދާނުން ފިލުމާއި އިއްފަތްތެރި މުއުމިނު އަންހެނުންނަށް ޤަޛްފު ކުރުމެވެ."

އެބައިމީހުންނަށް އެހީތެރިވާ ޝައިޠާނުން ބަދަލަކާ ނުލައި އެހީތެރިނުވާނެއެވެ. އަންއާމު ސޫރަތުގެ 128، 129 ވަނަ އާޔަތުގެ މާނައިގައިވެ އެވެ. "އެކަލާނގެ، އެއުރެން އެންމެން އެއްކުރައްވާ ދުވަސް ހަނދުމަ ކުރާށެވެ!. އެކަލާނގެ ވަހީ ކުރައްވާނެތެވެ. އޭ ޖިންނީންގެ ޖަމާއަތުގެ މީހުންނޭވެ! ތިޔަބައިމީހުން އިންސީންގެ ވަރަށް ގިނަ މީހުންނަށް މަގުއޮޅުވައިލީމު އެވެ. 

ދެން އިންސީންގެ ތެރެއިން އެއުރެންގެ އެކުވެރިން ދަންނަވާނެތެވެ. އަޅަމެންގެ ވެރި ރަސްކަލާކޯ އެވެ! އަޅަމެންގެ އެއް ބަޔަކު އަނެއް ބަޔެއްގެ ކިބައިން ފައިދާ ހޯދީމުއެވެ. އަދި އިބަރަސްކަލާނގެ، އަޅަމެންނަށް ކަނޑައަޅުއްވައިދެއްވައިފައިވާ އަޖަލަށް އަޅަމެން ފޯރައްޖައީމު އެވެ. އެކަލާނގެ ވަހީ ކުރައްވާނެތެވެ. ތިޔަބައިމީހުން ތިބޭނެ ތަނަކީ ނަރަކަ އެވެ. الله އިރާދަކުރެއްވި ވަގުތަކަށް މެނުވީ، އެއުރެން އެތާނގައި ދެމިތިބެނިވި ގޮތުގައެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ ޙަކީމްވަންތަ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ. ހަމަ އެފަދައިން އެއުރެން ހޯދައިގަތް ކަމުގައިވީ ކަންތަކުގެ ސަބަބުން، ތިމަންރަސްކަލާނގެ އަނިޔާވެރިންގެ އެއްބަޔަކު އަނެއްބަޔަކާ މަތިކުރެއްވީމެވެ."

80%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
4%
ސަތޭކައަކުން ސުމެއް
2%
ވަރަށް ސަލާމް
ކޮމެންޓްސް