ads
ރަޝިޔާގެ ގޭސް ފެކްޓަރީއެއްގައި މަސައްކަތްތެރީން ހަރަކާތްތެރިވަނީ
ރަޝިޔާގެ ގޭސް އެތެރެކުރުން އޮސްޓްރޭލިޔާއިން ހުއްޓައެއް ނުލާނެ!
ރަޝިޔާގެ ގޭސް އެތެރެކުރުން ހުއްޓާ ނުލާނެ ކަމަށް އޮސްޓްރޭލިޔާއިން ބުނެފިއެވެ.

ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން އޮސްޓްރިއާއަށް ރަޝިޔާގެ ގޭސް އެތެރެކުރުން މަނާ ނުކުރެވޭނެކަމަށް އެގައުމުގެ މާލީ ވަޒީރު މެގްނާސް ބްރަނަ ވަނީ ވިދާޅުވެފައެވެ. 

ޔޫކްރެއިންގައި ރަޝިޔާއިން ހިންގާ އަސްކަރީ ކެމްޕެއިނާ ގުޅިގެން ހުޅަނގުގެ ގިނަ ގައުމުތަކުން ވަނީ ރަޝިޔާއާ ދެކޮޅަށް އިގްތިސާދީ ގޮތުން ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ.

ހުކުރު ދުވަހު ސީއެންއެން އަށް މައުލޫމާތު ދެއްވަމުން ބްރަނަ ވިދާޅުވީ އޭނާގެ ގައުމުން މޮސްކޯއާ ދެކޮޅަށް "ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް" އެޅުމަށް ތާއީދުކުރާ ކަމަށާއި ނަމަވެސް ގޭހުގެ ވިޔަފާރި ކުރުން ހުއްޓާ ނުލާނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އޮސްޓްރިއާގެ އިންޑަސްޓްރީތައް ރަޝިއާގެ ގޭހަށް ބަރޯސާ ވެފައިވާ ކަމަށާއި، އަދި އެނޫން އެހެން މަގެއް ފެނިފައި ނުވާ ކަމަށެވެ. 

މިދިޔަ މަހު އީޔޫއިން ވަނީ 2030 ވަނަ އަހަރު އަންނަންވާއިރަށް ރަޝިއާގެ ގޭހަށް ބަރޯސާވުން ހުއްޓާލުމުގެ ޕްލޭނެއް ތައާރަފުކޮށްފައެވެ. ޖަރުމަނުގެ އިތުރުން މެދުތެރޭ އަދި އިރުމަތީ ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުން އަދިވެސް ބަރޯސާވަނީ ރަޝިއާގެ ހަކަތައަށެވެ.

ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓަރު ރޮބަރޓް ހާބެކް މިދިޔަ މާރިޗު މަހު ވިދާޅުވީ ރަޝިޔާގެ ގޭހާއި ތެލުގެ އިމްޕޯޓް ވަގުތުން ހުއްޓަލުމުން ވަޒީފާ ނެތުމާއި،  ފަޤީރުކަން އިތުރު ވުމާއި،  ގެދޮރު ހޫނު ނުކުރެވޭ މީހުން އިތުރުވެދާނެ ކަމަށެވެ.

އަނެއްކޮޅުން، ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ، ރަޝިޔާގެ ތެލާއި ގޭސް ބޭނުންކުރުން މަނާކުރުމަށް ނުވަތަ މަދުކުރުމަށް "ސާފު ޓައިމްޓޭބަލެއް" ގެންގުޅުމަށް އީޔޫގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ރަޝިޔާއިން ޔޫކްރެއިން ގައި ހަނގުރާމަ ހިންގަން ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހުއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް