ads
ލަމްހާ އަބްދުއްރަހްމާން
މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ: ލަމްހާ
ބަލިހާލަތު ހުރިގޮތުން ޖަލުގައި އުޅެން އުނދަގޫވާތީ ގެއަށް ބަދަލުކޮށްދިނުމަށް މޭރީ ގްރޭސްއޮނެޑް ޕިނެޑާ މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ހަލީމަތު ލަމްހާ އަބްދުއްރަހްމާން ފަރާތުން މިއަދު ކްރިމިނަލް ކޯޓުގައި އެދިފި އެވެ.

މިއަދު ބޭއްވި ބަންދު މުރާޖައާކުރުމުގެ އަޑުއެހުމުގައި ލަމްހާގެ ދިފާއީ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު، ޖަލުގެ ފާހާނާ ތެރެއަށް ވެއްޓިގެން އިމަޖެންސީގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ލަމްހާ ފަރުވާ ހޯދާފައިވާ ކަމަށާއި، އޭގެފަހުން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިއްޔެ ޖަލަށް ގެންގޮސްފައިވާ ކަމަށެވެ. 

ހެދި ޓެސްޓުތަކުން، ލަމްހާގެ ޑިސްކެއްގައި ރެނދު ލާފައިވާކަމަށް ދައްކާތީ "ބެޑް ރެސްޓް" ކުރުމަށާއި ބަރު އެއްޗެހި ނުއުފުލުމަށް ޑޮކްޓަރު އިރުޝާދު ދެއްވާފައިވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. އެއީ ބަންދުން ދޫކޮށްލެވޭނެ ހާއްސަ ހާލަތެއްކަމުން ލަމްހާ ގޭބަންދަށް ދޫކޮށްލުމަށް ވަކީލުންގެ ފަރާތުން ވަނީ އެދިފައެވެ.

ލަމްހާއަށް ވާހަކަދައްކަން ލިބުނު ފުރުސަތުގައި އޭނާ ބުނީ އޭނާ އަކީ "ޑިސްކް ޑީޖެނެރޭޓިވް ޑިޒީސް" ތަހަންމަލު ކުރަމުންދާ މީހެއް ކަމަށާއި، ހައްޔަރުކުރުމުގެ ކުރިން އުޅެނީ ވަރަށް ބޮޑަށް ބަލައިގެން ކަމަށެވެ. އޭރު ގަވާއިދުން ކަސްރަތުވެސް ކުރާކަން ފާހަގަކޮށް ލަމްހާ ބުނީ ޖަލުގައި އެ އިންތިޒާމު ހަމަޖެހިފައި ނުވާތީ އެކަން ނުކުރެވި އުޅެނިކޮށް އެމެޖެންސީގައި ހޮސްޕިޓަލަށް ދާންޖެހުނީ ފާހާނާ ތެރެއަށް ވެއްޓިގެން ކަމަށެވެ.

ދެ ބަދައެއްގެ ދެމެދު އިންނަ ޑިސްކެއްގައި ވަރަށް ބޮޑަށް ރެނދުލާފައިވާކަން އެމްއާރްއައިން ވެސް ދައްކާފައިވާ ކަމަށާއި، އެހެންކަމުން ޖަލުގައި ހޭދަކުރަމުންދާ ދުވަސްތަކަކީ ވަރަށް ވޭނީ ދުވަސްތަކެެއް ކަމަށް ލަމްހާ ބުންޏެވެ.

ޖަލުގައި ފެންވަރަށްވެސް ޖެހެނީ ބާލިދީއަށް ފެންފުރައިގެން އެ ބާލިދީ އުފުލައިގެން ކަމުން އެކަމުގެ ސަބަބުންވެސް ވަރަށް ބޮޑަށް އުނދަގޫވާކަން އޭނާ ފާހަގަކުރިއެވެ. އަދި ފަހަތަށް ބިޑި އަޅުވާފައި ހުންނާތީވެސް އުނދަގޫ ވާކަމަށް އޭނާ ބުންޏެވެ.

"އަސްލު ވަރަށް ޕެއިންފުލް ކޮންޑިޝަނެއް މިއީ އަޅުގަނޑަށް ވެސް މިތާ އުޅެން، ބަކެޓު އުފުލައިގެން ހުރިހާ ކަމެއް ކުރަންޖެހެނީ. މިތާކު އެ ގޮތަށް ހެލްޕު ވެދޭނެ މީހަކު ނާންނާނެ. އެހެންވީމަ ވަރަށް އުނދަގޫ އުޅެން،" ލަމްހާ ބުންޏެވެ. ސެލްގެ ގައިދީންނަކަށް އަޅުގަނޑަކަށް އަބަދަކު ހެލްޕަކަށް ނުވެސް ގޮވޭނެ. މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ،" ލަމްހާ ބުންޏެވެ.

ލަމްހާގެ ވާހަަކަތަކަށްފަހު ޖަލުގައި ބަރު އެއްޗެހި ނުއުފުލައި އަރާމު ކުރެވޭނެ އިންތިޒާމް ހަމަޖެއްސޭނެތޯ ގަޒީ ދައުލަތާއި ސުވާލުކުރުމުން ދައުލަތުން ބުނީ އެކަމަށް ޖަވާބެއް ދެވޭނީ ކަރެކްޝަންސްގެ ބަހެއް ލިބިގެން ކަމަށެވެ. އެހެންކަމުން، މިއަދު ލަމްހާގެ ބަންދު މުރާޖައާކުރުމާ މެދު މިއަދު ވަކި ގޮތެއް ނިންމާފައެެއް ނުވެއެވެ.

63%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
12%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް