ads
ހައިކޯޓު
ބޭސްފަރުވާއަށް ބަންދުން ދޫކުރާ އުސޫލު ނިމުމަކަށް ގެންނަންޖެހޭ: ހައިކޯޓު
ޝަރީއަތް ނިންމެންދެން ބަންދުކުރެވިފައިވާ ފަރާތެއް ނުވަތަ އެނޫން އެހެންވެސް ބަންދެއްގައިވާ ފަރާތެއްގެ ސިއްހީ ހާލަތައް ރިއާޔަތްކޮށް، އެފަރާތެއްގެ ބަންދާމެދު ގޮތް ކަނޑައަޅާ، ބަންދުން ދޫކުރުން ނިމުމަކަށް ގެންނަން ޖެހޭކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.

ކަންނެލި ދޯނިން ކަނޑުމަގުން ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލާގައި ހައްޔަރުކުރި ޕީއެންސީގެ ކުރީގެ ކައުންސިލް މެމްބަރު ގއ. ވިލިނގިލިީ ލައިޓްހައުސް ޝަހީބް އިބްރާހީމް އާއި ހއ. ހޯރަފުށީ ވައިލެޓްވިލާ އަހުމަދު މޫސާ ބޭސްފަރުވާއަށް ކްރިމިނަލް ކޯޓުން ދޫކޮށްލި ނިންމުން މިއަދު ހައި ކޯޓުން ބާތިލްކޮށް، އެދެމީހުން އަލުން ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ ހުކުމް ކޮށްފައެވެ. 

އެ ހުކުމް އިއްވުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ހައިކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ ޝަރީޢަތް ނިންމެންދެން ބަންދުކުރެވިފައި ވާ ފަރާތެއް ނުވަތަ އެނޫން ވެސް ބަންދެއްގައިވާ ފަރާތެއްގެ ސިއްހީ ހާލަތައް ރިއާޔަތްކޮށް، މައްސަލަ ބަލާ ފަނޑިޔާރު ބަންދު މުރާޖައާ ކުރުމުގައި ޝަރީއަތުން އެފަރާތެއްގެ ބަންދާމެދު ގޮތެއް ކަނޑައަޅަންޖެހޭ އެއްވެސް ޤާނޫނީ އުސޫލެއް ލިޔެވި ފެންނާން އޮތްކަން އެނގޭކަށް ނެތް ކަމަށެވެ.

ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ޤާނޫނުއަސާސީއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ސަބަބުތަކުން ކުރެ ސަބަބެއް އޮތްތޯ ނުވަތަ ނޫން ތޯ އެކަމުގެ މައްޗަށްކަމާއި، އެއިން ސަބަބެއް އޮވެއްޖެނަމަ އެފަދަ ފަރާތެއް ބަންދުގައި ބެހެއްޓުމީ ފަނޑިޔާރުގެ މައްޗަށް ލާޒިމުކަމެއްކަން އެނގެން އޮންނަ ކަމަށްވެސް ބުނެފައިވެއެވެ. 

ޖިނާއީ މައްސަލަތަކުގައި ޖަލު ބަންދަށް ހުކުމްކުރާ ފަރާތްތަކުގެ ސިއްހީ ނުވަތަ ބޭސްފަރުވާގެ ކަންކަން ކުރިއަށްދަނީ، އެކަމުގައި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އެކަމަށް ހާއްސަކުރެވިފައިވާ އިދާރާތަކުގެ ބެލުމުގެ ދަށުން ކަމަށް ހުކުމުގައި ވެއެވެ. އެފަދަ ފަރާތެއްގެ ބަންދަށް އެއްވެސްކަހަލަ ބަދަލެއް ގެ ނައުމުގައި އެމީހެއްގެ މައްޗަށް ހުކުމްކުރި ކޯޓެއްގެ ނުވަތަ ފަނޑިޔާރެއްގެ ބަސް ނުހޯދާކަމަށް ބުނެފައިވެއެވެ.

"ޝަރީއަތް ނިންމެންދެން ބަންދުކުރެވިފައިވާ ފަރާތެއް ނުވަތަ އެނޫން އެހެންވެސް ބަންދެއްގައިވާ ފަރާތެއްގެ ސިއްހީ ހާލަތައް ރިއާޔަތްކޮށް، އެފަރާތެއްގެ ބަންދާމެދު ގޮތް ކަނޑައެޅުމާ ބެހޭގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓު ގަޒިއްޔާތަކުގައި ބަޔާންކުރެވިފައިވާ އުސޫލުތަކާ ދުރަށް ދާންޖެހޭކަމަށް ދެކެމެވެ." އެ ހުކުމުގައި އިސް ފަނޑިޔާރު ހުސައިން ޝަހީދު ބުނެފައިވެއެވެ.

މިކަމުގައި ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔު ތަފާތު

ކްްރިމިނަލް ކޯޓުގެ އިސްތިއުނާފުކުރެވިފައިވާ ދެ ނިންމުން ބާޠިލުކުރުމަށް އެ މައްސަލައިގެ ރިޔާސަތު ފަނޑިޔާރު، ފަނޑިޔާރު ހުސައިން ޝަހީދު ނިންމާފައިވާ ނިންމުމަށް ފަނޑިޔާރު ޝަފީއުވެސް ތާއިދުކުރެއްވިއެވެ. ނަމަވެސް ސިއްހީ ކަންކަމަށް ބަންދަށް ލުއިދިނުމުގެ އުސޫލުތަކާއި މުޅިން ދުރަށްދާންޖެހޭ ކަމާއި އޭނާ މުޅިއަކުން އެއްބަސްވެވަޑައި ނުގަންނަވައެެވެ. 

ޝަފީއުގެ ރައުޔުގައި އެ ހުކުމުގައި ބުނެފައިވަނީ، ާންމު އުޞޫލެއްގެ ގޮތުން ބަންދުގެ މުރާޖަޢާގެ އަޑުއެހުންތަކުގައި ސިއްޙީ ޙާލަތުގެ މައްޗަށް ރިޢާޔަތްކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ މަގު މުޠުލަޤަށް ހުޅުވިފައި އޮންނަކަމަކަށް އޭނާވެސް ނުދެކޭ ކަމަށެވެ. ނަމަވެސް ބަންދުގެ މުރާޖައާގެ އަޑުއެހުންތަކަކީ އެމީހަކު ބަންދުގައި ބެހެއްޓުމަށް ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ފަދަ ހާލަތެއް އޮތްކަން ނުވަތަ ނޫންކަން ބެލުމަށްފަހު ފަނޑިޔާރު ގޮތެއް ނިންމުމަށް ދެވިފައިވާ ސިއްހީ ހާލަތެއްގެ ސަބަބުންވެސް ބަންދުގައި ބެހެއްޓުމަށް ނިންމާފައިވާ ފުރުސަތެއްކަން އެނގެން އޮތަތީ، ނިންމުމަށް ބަދަލެއް ގެންނަންޖެހޭފަދަ ހާލަތެއް އުފަންވުމުގެ އިހްތިމާލު އޮތްކަމަށް ބެލެވޭކަމަށް ވިދާޅުވިއެވެ. 

ދިވެހި ދައުލަތުން ބަލައިގެންފައިވާ "ދި މަންޑޭލާ ރޫލްސްގެ" ޤާޢިދާތަކަށް ބަލާއިރުވެސް އާންމު މީހެކޭ އެއްފަދައަކުން ބަންދުގައި ތިބޭފަރާތްތަކަށް ބޭސް ފަރުވާ ލިބެންޖެހެއެވެ. ޤައިދީންނަށް ބޭސް ފަރުވާ ލިބުމަކީ އަސާސީ ހައްގެއްގެ ގޮތުގައި އޮންނަ ކަމެކެވެ. 

ބޭސްފަރުވާ ލިބުމުގެ ހައްގަކީ އަސާސީ ހައްގަކަށްވާއިރު އެފަދަ ހައްގެއް ލިބިދިނުމަކީ ބަންދު މަރުކަޒުގެ ޒިންމާއެއް ނަމަވެސް އެކަން ސާބިތުކޮށްދިނުމަކީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ ތަރަހައިގެ ތެރެއިން ކުރަންޖެހޭ ކަމެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް