ބޮލީވުޑު ތަރިންގެ ތެރެއިން އެެއް ފިލްޑަކުން ދިމާވެ، ކައިވެނިކުރި މީހުންގެ ތެރެއިން ކާޖަލް އާއި އަޖޭއަކީ މިހާ ދިގު މުއްދަތަކަށް ކައިވެނި ދެމެހެއްޓުނު މަދު ތަރިންގެ ތެރޭގައި ހިމެނޭ ދެމަފިރިންނެވެ.
އެހާ ދިގު މުއްދަތަކަށް ކައިވެނި ދެމެހެއްޓުމުގެ ސިއްރާއި ބެހޭގޮތުން މިފަހުން އިންޓަވިއުއެއްގައި ސުވާލުކުރުމުން އޭނާ ބުނީ، ވަރަށް ފުރިހަމަޔަށް ދިގު މުއްދަތެއްގައި ކައިވެނި ދެމެހެއްޓިއްޖެކަމަށާއި، ނަމަވެސް އެހެން ކައިވެނިތަކެކޭ ވެސް އެއްގޮތަށް އަޑިގުޑަން ތަކާއިވެސް އެކު ކަމަށެވެ.
އެހެން ދެމަފިރިންނެކޭ އެއްގޮތަށް އެދެމަފިރިންގެ ދެމެދުގައިވެސް ހިތްހަމަނުޖެހުންތަކާއި، ޒުވާބުތައްވެސް ހިނގާކަން އޭނާ ފާހަގަކުރިއެވެ. އެކަމަކު އެންމެ މުހިންމު ކަމަކީ އެކަމާއި ދެމީހުންގެ ތެރޭގައި ވާހަކަދައްކާ ކަންކަން ހައްލުކުރަން މަސައްކަތް ކުރުން ކަމަށެވެ.
އަދި ތިމާއަށް ގޯސް ހެދޭ ދަނޑިވަޅުތަކުގައި ދެބަސްވުމުގެ ބަދަލުގައި، ކުށް ގަބޫލުކޮށް މައާފަށް އެދުންވެސް މުހިންމުކަމަށާއި، އެކަން ނުކޮށް ދެމީހުންވެސް ގޮތްދޫނުކުރަން ތިބޭނަމަ ގުޅުން ދެމެހެއްޓުމަށް ވަރަށް އުނދަގޫ ވާނެ ކަމަށް އޭނާ ބުންޏެވެ.
އޭނާއަކީ ރޮމޭންޓިކް މީހެއްތޯ އެހެމުން ބުނެފައިވަނީ އޭނާ އަކީ “ފިޒިކަލް މީހެއް ނޫން” ކަމަށާއި، އޭނާ ލޯބި ފާޅުކުރަނީ އަނބިމީހާއަށް ދޭ އަޅާލުމާއި އޯގާތެރިކަމުން ކަމަށެވެ. އަޅާލުމާއި އޯގާތެރިކަމަކީ ލޯތްބަށްވުރެ ވަރުގަދަ އެއްޗެއް ކަމަށް އަޖޭ ބުންޏެވެ. އަދި ގުޅުމެއް ދަމަހައްޓަން ހަމައެކަނި ލޯބި ނުފުދޭ ކަމަށް އޭނާ ބުންޏެވެ.
ދެ ފަންނާނުން ފުރަަތަމަ ފެނިގެން ގޮސްފައިވަނީ 1995 ގައި ނިކުތް ބޮލީވުޑްގެ ފިލްމު "ހަލްޗަލް" އިންނެވެ. މިއަށް ފަހު ކާމިޔާބު އެތައް ފިލްމު ތަކަކުން މިދެތަރިން އެއްކޮށް ވަނީ ފެނިގެން ގޮސްފައެވެ.