ads
ފްރާންސް ރައީސް އެމަނުއެލް މެކްރޯން
ފްރާންސްގެ ރައީސް ސަލާމަތްވީ ދޮޅު ލައްކަ ރުފިޔާގެ ކުޑައެއްގެ ސަބަބުން
ފްރާންސް ރައީސް އެމަނުއެލް މެކްރޯން އަށް އަމާޒުކޮށް އުކި ކުނި ޓޮމާޓޯ ތަކަކަކުން އެމަނިކުފާނު ސަލާމަތްވީ 8000 ޕައުންޑުގެ އަގު ބޮޑު ކުޑައިގެ ސަބަބުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ފްރާންސްގެ ރައީސް ކަމުގެ މަގާމަށް އަލުން އިންތިހާބުވުމާއި ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުންނާއި ބައްދަލު ކުރައްވަން ޕެރިސްގެ މަގުތައް މަތީ ހިންގަވަމުން ގެންދަވަނިކޮށް އިއްޔެގެ ވަގުތެއްގައި ބައެއް ފަރާތްތަކުން ވަނީ ކުނިވެފައިވާ ޓޮމާޓޯތަކެއް އެމަނިކުފާނާއި ދިމާލަށް އުކާފައެވެ. 

އެހެން ނަމަވެސް އެ ޓޮމާޓޯތަކުން މެކްރޯން ސަލާމަތްވީ ދޮޅުލައްކަ ރުފިޔާގެ އަގުހުރި ކެލްވާ ކުޑައިގެ ސަބަބުންނެވެ. ޓޮމާޓޯތައް އެމަނިކުފާނާއި ދިމާލަށް އުކި ނަމަވެސް އެއްވެސް ޓޮމާޓޯއެއް ސީދާ އެމަނިކުފާނުގެ ހަށިގަނޑުގައި ޖެހިފައި ނުވެއެވެ. 

މިހާރު ދައުރުވަމުން އަންނަ ވީޑިއޯ ތަކުން ފެންނަ އެމަނިކުފާނުގެ ބޮޑީ ގާޑުން ވަނީ ވަގުތުން އެ ކުޑައިން މެކްރޯން އަށް ހިމާޔަތް ދެއްވާފައެވެ. 

މި ކުޑައަކީ ވަޅީގެ ހަމަލާ ތަކާއި، ކުއްތާއެއް ދީފާނެ ހަމަލާއަކުން ދިފާއު ވެވޭ ފެންވަރުގެ ވަރުގަދަ ކުޑައެއް ކަމަށް މީޑީއާ ރިޕޯޓްތައް ވަނީ ބުނެފައެވެ. އަދި ދީފާނެ އެސިޑު ހަމަލާއަކުންވެސް މި ކުޑައިގެ ސަބަބުން ސަލާމަތްކަން ލިބިގެން ދާނެ ކަމަށްވެސް ވަނީ ބުނެފައެވެ. 

މެކްރޯން އާއި ދިމާލަށް ޓޮމާޓޯ އުކި މީހުން ހޯދާ އެމީހުންނާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެގައުމުގެ ފުލުހުން ވަނީ ބުނެފައެވެ. 

މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭ އެގައުމުގައި އޮތް ޖަލްސާއަކަށް ފަހު މެކްރޯން އާއްމުންނާއި ސަލާމް ކުރައްވަމުން ގެންދަވަނިކޮށް ފިރިހެނަކު ވަނީ އެމަނިކުފާނުގެ މޫނު މަތީ ޖަހާފައެވެ. އޭނާގެ މައްޗަށް ކޯޓުން ވަނީ 18 މަހުގެ ހުކުމެއް އިއްވާފައެވެ. 

ކޯޓުން އޭނާގެ މައްޗަށް 18 މަހުގެ ހުކުމެއް ކުރި ނަމަވެސް 4 މަސް ފަހުން ޖަލުން ދޫކޮށްލާނެއެވެ. ބާކީ 14 މަސްދުވަހު އެއްވެސް ކުށެއް ކޮށްފިނަމަ އެ ކުށަކާއެކު ބާކީ 14 މަަސްދުވަހުގެ ހުކުމެއް ތަންފީޒު ކުރަން އޭނާއަށް ޖެހޭނެއެވެ.

އޭނާ ކޯޓުގައި ބުނެފައިވަނީ މެކްރޯން ފްރާންސްގެ ދެކުނުގެ ޑްރޯމް ސަރަހައްދަށް ވަޑައިގަތުމުގެ ކުރިން އޭނާ ވިސްނައިގެންހުރީ، ބިސް ނުވަތަ ކްރީމް ޒާތުގެ އެއްޗެއް ޖެހުމަށް ކަމަށެވެ.

ފްރާންސްގެ ގާނޫނުގައި ވާގޮތުން އިސްވެރިއަކަށް ހަމަލާ ދިނުމުގެ ކުށުގެ ހުކުމަކީ ގިނަވެގެން 3 އަހަރު ދުވަހުގެ ޖަލު ހުކުމާކާއެކު 45،000 ޔޫރޯ އިން ޖޫރިމަނާ ކުރުމެވެ. 

36%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
45%
ވަރަށް ސަލާމް
ކޮމެންޓްސް