ads
ފެބުރުއަރީ 8 ވަނަ ދުވަހު ކުރި އިހުތިޖާޖުގެ ތެރެއިން: ފޮޓޯ ސަން
ރާއްޖެ ސަލާމަތްކުރަން އެމްޑީޕީއަށް ވޯޓުދީ: ރައީސް ނަޝީދު
ރާއްޖެ ސަލާމަތްކުރަން ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ދޭން ޖެހޭކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

2012 ވަނަ އަހަރުގެ ފެބުރުއަރީ 8 ވަނަ ދުވަހާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ މީގެ 7 އަހަރު ކުރިން އެމްޑީޕީން ބުނިބުނުން މިއަދު ހަގީގަތަކަށް ވެފައިވާކަމަށެވެ. 

"މީގެ 7 އަހަރު ކުރިން އެމްޑީޕީން ބުނިބުނުން މި އޮޑިއެއް ނުފެތޭނޭ، މި އޮޑިއެއް ނުފެތޭނޭ، މި އަޒުމެއް ނުގުޑާނޭ، މި ފިކުރެއް ރާއްޖެއިން ނުފޮހެވޭނޭ، އަޅުގަނޑުމެން އެނބުރި އަންނާނަމޭ. މިއަދު އެމްޑީޕީ މިތިބީ އެނބުރި އައިސް. އަދި މާ އުފާވެރި ހަބަރަކާއެކު. އެޖެންޑާ 19 އާއެކު. އެމްޑީޕީއާށް ވޯޓު ދެއްވާ. ރާއްޖެ ސަލާމަތް ކުރައްވާ،" ރައީސް ނަޝީދު ވިދާޅުވިއެވެ. 

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ޑިމޮކްރަޓިކް މަލްޓިޕާޓީ ސިސްޓަމެއްގެ ތެރެއިން އައި ވެރިކަން ނިމުމަކަށް ގެނައީ 2012 ވަނަ އަހަރުގެ ފެބުރުއަރީ 7 ވަނަ ދުވަހުއެވެ. އެކަމުގެ ޖަޒުބާތުގައި ޖެހި އެމްޑީޕީ އަދި ރައީސް މުހައްމަދު ނަޝީދުގެ އެތައް ހާސް ސަޕޯޓަރުންނެއް ފެބުރުއަރީ 8 ވަަނަ ދުވަހު މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް މަގުތަކަށް ނުކުމެ އިހްތިޖާޖުކުރިއެވެ. މި އިހްތިޖާޖުތަކުގެ ތެރޭގައި އާންމުންނާއި ސަލާމަތީ ބާރުތަކެގެ މެންބަރުންނަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. 

ކުރިއަށް އޮތް ލޯކަލްކައުންސިލް އިންތިހާބުގައި އެމްޑީޕީން އެއްވެސް ޕާޓީއަކާއެކު އިއްތިހާދެއް (ކޯލިޝަން) ނުހަދާނެ ކަމަށާއި، އެހެން ކަމަށް އެ އިންތިހާބު ކާމިޔާބު ކުރެވޭނަކަމަށް އެމްޑީޕީގެ ރައީސް، ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. 

ރައީސް ނަޝީދު ވިދާޅުވީ އިދިކޮޅު ޕީއެމްއެމްފަދަ ޕާޓީތަކުން އިންތިހާބުގައި ބައިވެރިވިއަސް އިންތިހާބު ކާމިޔާބު ނުކުރެވޭނެކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ބައެއް ރަށްރަގެ މުޅި ރައްޔިތުން ވޯޓުލާން ނުކުތް މިންވަރަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެކަނި ވެސް ވޯޓުލާން ނުކުތްކަމަށެވެ.  

"އަޅުގަނޑުމެން އެއްވެސް ޕާޓީއަކު އިއްތިހާދެއް ނުވާނަން. އަޅުގަނޑުމެން ހުރިހާ ރަށަކުން މެޖޯރިޓީ ނަގާނަން،" ރައީސް ނަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން ތާއީދު މަދު ރަށްރަށް ބަލައި އެތަންތަނުން ގޮނޑިތައް ކާމިޔާބު ކުރަން މަސައްކަތް ކުރާނެކަމަށެވެ. 

އެމްޑީޕީގެ ޕްރައިމަރީން ބަލިވި މީހުން 'ބާކީ' ނުވާނެކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. 

"އަޅުގަނޑާ ބައްދަލުވެއްޖެ އަނަސްއާ ވެސް. އަޅުގަނޑާ ދިމާވެއްޖެ ނިޔާޒު އާ ވެސް. އެ ބޭފުޅުން ވެސް ވިދާޅުވަނީ ކުރިން ކައުންސިލްތަކުގައި ތިއްބެވި ބޭފުޅުންނާ މޭޔަރުން ފަދަ ބޭފުޅުންގެ ތަޖުރިބާގެ ބޭނުން ހިފޭނެކަމަށް. އަލަށް މިއެކުލަވާލި ގާނޫނުން އެކަމަށް މަގުފަހިވާކަމަށް،"

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން 93 ރަށެއްގައި ޖެނުއަރީ 3 ވަނަ ދުވަހު ބާއްވާފައިވާއިރު، 160 އަށް ވުރެ ގިނަ ފޮށި ވަނީ ވޯޓްލާން ބަހައްޓައިފައެވެ. 

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށަހެޅި 389 ކެންޑިޑޭޓަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ކަށަވަރުވެފައިވެއެވެ. 

އެމްޑީޕީގެ ޕްރައިމަރީގައި 1228 ކެންޑިޑޭޓުން  ވާދަކުރިއެވެ. 

ރަށު ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލުމަށް އެމްޑީޕީގެ ޓިކެޓް ހޯދުމަށް 1067 ފަރާތަކުން ވާދަކުރިއެވެ.

ސިޓީ ކައުންސިލްތަކައް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް 108 ފަރާތަކުން ފޯމް ހުށަހަޅާފައިވާއިރު، އަތޮޅު ކައުންސިލަށް 53 ފަރާތަކުން ވާދަކުރިއެވެ. 

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކެންޑިޑޭޓުން އިންތިހާބު ކުރަންޖެހެ އެވެ. މިއިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އެވެ.

50%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް