ads
ފޮޓޯ: ދިރާގު
އަންހެން ކުދިންނަށް އަމާޒުކޮށް ދިރާގުން ޑޭޓާ ލިޓްރަސީ އިނީޝިއޭޓިވްއެއް އިއުލާނުކޮށްފި
ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން އަންހެން ކުދިންނަށް އަމާޒުކޮށްގެން ޑޭޓާ ލިޓްރަސީ އިނީޝިއޭޓިވްއެއް އިއުލާންކޮށްފިއެވެ.

ދިރާގުން ބުނީ، "ގާލްސް އިން ޑޭޓާ" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ މިއަދުގެ ޑޭޓާ އިންޓެންސިވް ދުނިޔޭގައި ޑޭޓާގެ މުހިންމުކަން އަންހެން ކުދިންނަށް ދަސްކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމުގައި ޑޭޓާ އެއްކުރުމާއި، އޭގެން މާނަ ދޭހަކުރުމާއި، ޑޭޓާ ބޭނުންކޮށްގެން މުހިއްމު ނިންމުންތައް ނިންމާނެ ގޮތްތައް އެކުދިންނަށް ދަސްކޮށްދެވޭނެ ކަމަށް އެކުންފުނިން ބުންޏެވެ. 

މީގެ އިތުރުން ދިރާގުން ބުނީ، "ގާލްސް އިން ޑޭޓާ" ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ 28 މެއި 2022 ދުވަހު ކަމަށާއި، މި ޕްރޮގްރާމްގެ ފުރުތަމަ އެޑިޝަން އަމާޒުކުރެވިފައިވަނީ މާލެ ސަރަހައްދުގެ ގްރޭޑް ފަހެއް އަދި ހަތެއްގެ (10 އަހަރާއި 13 އަހަރާ) ދެމެދުގެ އަންހެން ކުދިންނަށް ކަމަށެވެ. 

މި ޕްރޮގްރާމްގެ ދޮޅު މަސްދުވަހަށް ދެމިގެންދާއިރު ކުލާސްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. އަދި ޕްރޮގްރާމް ސްޓްރަކްޗާ ކުރެވިފައިވާނީ ޑޭޓާ ބޭނުންކުރުމުގެ އަސްލު މިސާލުތަކާއި، ރާއްޖޭގެ ބައެއް ޑޭޓާ އިންޓެންސިވް އިދާރާތަކަށް ފީލްޑް ޓްރިޕްތައްވެސް ހިމަނައިގެން ކަމަށް ދިރާގުން ވަނީ ބުނެފައެވެ. 

މި ޕްރޮގްރާމްއަށް ރަޖިސްޓްރީ ކުރުމަށް މިއަދުން ފެށިގެން ވަނީ ހުޅުވާލާފައެވެ. ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން womenintechmv.org ވެބްސައިޓް މެދުވެރިކޮށް 20 މެއި 2022 ގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެއްވެސް ފީއެއް އެއް ނުނަގާނެއެވެ.

ވިމެން އިން ޓެކް މޯލްޑިވްސް އަކީ ޓެކް އިންޑަސްޓްރީގައި މަސައްކަތް ކުރާ އަންހެނުން ބާރުވެރިކުރުވައި، މިދާއިރާގައި މަސައްކަތް ކުރާ އަންހެނުން އިތުރުކުރުމަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާއެކެވެ. 

ޑޭޓާ ސައިންސް ހުނަރަކީ ޓެކް ދާއިރާގެ ވަރަށް މުހިއްމު ހުނަރެއް ކަމަށްވުމާއެކު، ޑޭޓާއަށް އަހުލުވެރި ބަޔަކަށް ވުމަކީ ކޮންމެ މީހަކަށް ވެސް، ހާއްސަކޮށް އަންހެން ކުދިންނަށް ނުހަނު ބޭނުންތެރި ކަމެއް ކަމަށް ވިމެން އިން ޓެކް މޯލްޑިވްސްއިން ގަބޫލުކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް