ދުޅަހެޔޮ ހަންގަނޑެއް ހޯދުމަށް އެންމެ ފުރަތަމަ އަދި އެންމެ ފަސޭހައިން ކުރެވޭނެ ކަމަކީ ގަވާއިދުން ހަންގަނޑު ސާފުކުރުމާއި، ޓޯން ކުރުމުގެ އިތުުރުން މޮއިސްޗަރައިޒް ކުރުމެވެ. މިގޮތުން އެންމެ އެދެވިގެންވަނީ މޮއިސްޗަރައިޒިން ސައިބޯންޏެއް ބޭނުން ކުރުމެވެ. އެއީ އޭގެ ސަބަބުން ހަންގަނޑަށް ބޭނުންވާ ނިއުޓްރިއެންޓްސްތައް ލިއްބައިދިނުމުގެ އިތުރުން ހަންގަނޑު ތަޒާކަން މަތީ ބަހައްޓައި ދޭތީއެެވެ.
ދުޅަހެޔޮ ހަންގަނޑަކީ ބެލެންސް ޑައިޓެއްގެ ނަތީޖާއެވެ. އަހަރުމެން ކައިއުޅޭ ކާނާއަކީ ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުވުމަށް ޓަކައި ބޭނުންވާ ބިލްޑިން ބްލޮކްސް ތައް ފޯރުކޮށްދޭ އެއްޗެކެވެ. އަހަރެމެންގެ ޑައިޓަކީ ހަންގަނޑުގެ ދުޅަހެޔޮކަމާއި ހުރިހާ ގޮތަކުން ވެސް ގުޅިފައިވާ އެއްޗެކެވެ. ކާނާގައި އެކުލެވޭ ނިއުޓްރިއެންޓްސް، މިނަރަލްސް، އަދި ޕްރޮޓީންސް އަކީ ހެލްތީ ސެލް މެމްބްރޭން އަދި ކޮލާޖަން ޕްރޮޑަކްޝަން ގައި އެހީތެރިވެދިނުމުގެ އިތުރުން، ޔޫވީ އެކްސްޕޮޒާ ފަދަ ގެއްލުންދެނިވި ސްޓްރެސްތަކުން ހަންގަނޑު ރައްކާތެރިކޮށްދޭ އެއްޗެކެވެ.
އަހަރުމެންގެ ތެރެއިން ގިނަ މީހުން ހިނިތުންވެލާއިރު ހަންގަނޑަށް އަރާ ރޮނގުތަކުގެ ސަބަބުން ހިނިތުންވާން ފޫހިވެއެވެ. ނަމަވެސް އާދައިގެ ހިނިތުންވުމަކުން ލިބިގެންދާ ފައިދާތައް އަހަރުމެންނަށް އިހުސާސްކުރެވިގެންދަނީ މަދު ފަހަރަކުއެވެ. އަހަރުމެން ހިނިތުންވެލާ އިރު ހަންގަނޑަށް އިތުރު އޮކްސިޖަން އާއި ނިއުޓްރިއެންޓްސް ލިބުމުގެ އިތުރުން ހަންގަނޑުގައި ލޭ ދައުރުވާލެއް ރަނގަޅުވެގެން ދެއެވެ. މީގެ ސަބަބުން ހަންގަނޑުގެ ކުލަ އަލިވެ މީހާ ތާޒާކަމަށް ދައްކައެވެ.
އަހަރުމެންގެ ހަށިގަނޑުގެ 70 އިންސައްތައިގައި ފެން އެކުލެވޭ އިރު، އެކަށީގެންވާ މިންވަރަކަށް ފެން ބުއިމަކީ ހަންގަނޑު ދުޅަހެޔޮކޮށް ހައިޑްރޭޓްކޮށް ބެހެއްޓުމަށް އޮތް އެންމެ ފަސޭހަ މަގެވެ. އެކަށީގެންވާ ވަރަށް ފެން ބުއިމަކީ އަހަރެމެންގެ ހަށިގަނޑުން ވިހަ ބޭރުކޮށްދީ، އޮށާޅަ އާއި އެކްނޭ އިން ދުރުކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ހަންގަނޑުގެ އިލާސްޓިކްކަން އިތުރުކޮށްދިނުމަށް އެހީތެރިވެދޭ ކަމެކެވެ.
ހަންގަނޑު ގަވާއިދުން ސާފުކުރުމާއި ބޭނުންވާ އެންމެހާ ނިއުޓްރިޝަން ތައް ލިއްބައިދިނުމުގެ އިތުރުން ހަންގަނޑަށް ބޭނުންވާ މުހިންމު އަނެއް ކަމަކީ ހަންގަނޑު ހަރަކާތްތެރި ކުރުމެވެ. އަހަރުމެން ކެލޮރީސް މޫވް ކުރާއިރު ނުވަތަ އަންދާލާއިރު ހަށިގަނޑުން އެންޑޯފިން ނަމަކަށް ކިޔާ ކެމިކަލްތަކެއް އުފައްދައެވެ. މި އެންޑޯފިންތައް ސިކުނޑީގައި ހުންނަ ރިސެޕްޓާތަކާ އެކު މުއާމަލާތްކޮށް، ޕޮޒިޓިވް އިހްސާސްތަކާއި އުފާވެރި ޚިޔާލުތައް އުފައްދައެވެ. އުފާވެރި އިހުސާސް ތަކެއް ލިއްބައިދިނުމުގެ ސަބަބުން މީހާގެ މޫޑް މުޅިން ބަދަލުކޮށްލައި، ހަންގަނޑު އަލިކޮށް ބަހައްޓައިދެއެވެ.
އެހެންކަމުން، ދެން ފަހަރަކު އޮމާން އުފާވެރި ހަންގަނޑެއް ބޭނުން ނަމަ އެންމެ އާދައިގެ ކަންތައްތައް ކުރަން ހަނދާން ބަހައްޓާށެވެ. އަދި އާދަކޮށް އެ ކަންތައްތައް ކުރުން މަތީ ދެމިހުންނާށެވެ.