ads
ވާހަކަ
ހަގީގީ ވާހަކަ: ދަރިފުޅު ފަޅުރަށަކަށް އެއްލާލަން އުޅުނު ދިވެހި މަންމަ
މިއީ މީގެ އަހަރު ތަކެއް ކުރިން ރާއްޖޭގެ ދެކުނުގެ ރަށެއްގައި ހިނގި ހަގީގީ ހާދިސާ އެކެވެ. ލޯބިވެރިއާ އަށްޓަކައި ކުއްޖާ ފަޅު ރަށަކަށް އެއްލާލަން ދަތުރު ހަދައިގެން ކަނޑު މައްޗަށް އެރި އަންހެނެއްގެ ވާހަކަ އެވެ. މިވާހަކަތައް އަޅުގަނޑާ ހިއްސާ ކުރީ ސަމާހާގެ މަންމަ އެވެ. މި ވާހަކަ، ވާހަކައެއްގެ ޒަރިއްޔާއިން ގެނެސްދޭން އަޅުގަނޑު ގަސްދުކުރީ މިވާހަކަ އިން އިބްރަތެއްވެސް ލިބިދޭތީ އާއި އެކުއެވެ.

އައްޑޫ އަށް އުފަން ސަމާހާ ކުޑައިރު އޭނާގެ މަންމަޔާ ބައްޕަ މާލެ ބަދަލުވީ ސަމާހާއާއި އެއްބަނޑު އެހެން ކުދިންނަށް ކިޔަވައި ދިނުމަށެވެ. ސަމާހާގެ ބައްޕަ އަކީ މުށްބާރު މީހަކަށްވާތީ މާލޭގައި އުޅުމުގައި ހުރި ދަތި ތަކާއެކު މަންމަ ހަލީމާ އަށް މަޖުބޫރުވީ ވަޒީފާ އަކަށް ދިއުމަށެވެ. 

އެގޮތުން ހަލީމާ މާލޭގެ އައިޖީއެމްއެޗްގެ މަސައްކަތު މީހެއްގެ ވަޒީފާ އަށް ދިޔައެވެ. މުސާރަބޮޑު އެ ވަޒީފާ އަށް ހަލީމާ ދާން ފެމުން އާމަދަނީ އިތުރުވެ ތަނަވަސް ކަން އިތުރުވެގެން ދިޔައެވެ. ހަލީމާ ދިޔައީ އިތުރުގަޑި އާއި އެހެނިހެން ވަގުތު ތަކުގައި ވެސް ވަޒީފާގައި ގިނަވަގުތު ހޭދަކުރަމުން ނެވެ.

ކުދިންގެ ބައްޕަގެ ފަރާތުން އެއްޗެއް ނުލިބޭތީ ހަލީމާ އަށް މަޖުބޫރުވެ އަދާކުރަން ފެށި އެ ވަޒީފާގައި ގިނަ ވަގުތު ހޭދަ ކުރަމުން ދިއުމުގެ ސަބަބުން ކުދިންނަށް ވާނުވާ ވެސް ހަލީމާ އަކަށް ނުބެލެއެވެ. ސަމާހާވެސް ސްކޫލަށް ދިއުން އެއްކޮށް ހުއްޓާލިއެވެ. ފިރިހެނަކާއި ރައްޓެހިވެ، ބޭރު ތެރެއަށް ނުކުންނަން ފެށިއެވެ. ވިޔާނުދާ މަގަށް ކައްސާލައި ފިރިހެނުންނާއި އެކު އުޅެމުން ގޮސް ސަމާހާ ރަށްމެދަށް ބަލިވެ އިނެވެ.

ސަމާހާގެ މަންމަ ބުނީ ދަރިފުޅު ބަލިވެ އިން ކަން އެގުމުން ވަރަށް ދެރަވި ކަމަށާއި، ނަމަވެސް އެހާ ހިސާބުން ކުރާނެ މާބޮޑު ކަމެއް ނެތް ކަމަށެވެ. ސަމާހާ ބަލިވެ އިނދެ ނުވަމަހާއި ދިހަ ދުވަސް ފުރުވާ ވިހެއީ ސިއްހަތު ރަނގަޅު ފިރިހެން ކުއްޖެކެވެ.

ހަލީމާ ބުނީ ދަރިފުޅު ވިހެއުމަށް ފަހު ވެސް އޭނަގެ އުޅުމަށް މާބޮޑު ބަދަލެއް ނާންނަ ކަމަށެވެ. ދަރިފުޅު ގޭތެރޭގައި ބޭއްވުމަށް ފަހު ބޭރަށްދާ ގޮތަށް ގެއަށް އަންނަނީ ހިތަށް އެރި ފަހަރަކު ކަމަށެވެ. ކިތަންމެ ވަރަކަށް ނަސޭހަތް ދިނަސް އެއަޑަށް ސަމާހާ ދެމުން ދިޔައީ ބީރު ކަންފަތެއް ކަމަށެވެ.

"ދުވަސް ކޮޅެއް ފަހުން ގެއަށް ފިރިހެނަކު ގެނެސް އެމީހާ ދައްކާލުމަށް ފަހު ބުނި އަަހަރެން ކައިރީގައި މި އުޅެނީ މީހަކާ އިންނާށޭ. ދެން އަހަރެންވެސް މާ ބޮޑަށް އަޅާނުލަން. އޭނަ މީހަކާއި އިނީމައި އޭނަޔަށްވެސް ރަނގަޅުވާނެތާ. އެހެން ނަމަވެސް އެމީހާއަކީ އެހާ ރަނގަޅު މީހެއް ހެނެއް ހިއެއް ނުވޭ. އެވާހަކަ ސަމާހާ ކައިރީގައި ބުނުމުން އެވާހަކަތައް އޭނަ ގަބޫލެއް ނުކުރޭ. ދެން އަހަރެންވެސް ބުނިން އިންނާށޭ." ހަލީމާ ކިޔައި ދެމުން ދިޔައެވެ.

ސަމާހާ ގެއަށް ނާންނަތާ ތިންވަނަ އަށްވީ ދުވަހު ތެޅި މަރުވަމުން ކަހަލަ ގޮތަކަށް ގެއަށް އައިސް ވަދެ ދަރިފުޅު ގޮވައިގެން ބޭރަށް ދިޔައެވެ. ކޮންތާކަށްހޭ ތި ދަނީ ބުނީމައި ބުނީ ބޭރަށް ކުޑަކޮށް ގޮސްލާފައި އެބަ އަންނަ ކަމަށެވެ. އޭނަގެ ދަރިއެއް ވީމަ އޭނަވެސް ބޭރަށް ދާން ވީމަ ގޮސްލާފައި އައިސްދާނެ ކަމަށް ގަބޫލު ކުރީ ކަމަށް ހަލީމާ ބުންޏެވެ.

ނަމަވެސް ސައުވީސްގަޑި އިރު ފާއިތުވި އިރުވެސް ސަމާހާގެ ހަބަރެއް ނުވުމުން ކަންބޮޑުވި ކަމަށާއި، އެ ވިސްނުމުގައި ހަލީމާ ބުނީ އެރޭ ވެސް ނުނިދުނު ކަމަށެވެ. ހެނދުނު ތެދުވެ ވަޒީފާ އަށް ދާން ތައްޔާރު ވަމުން ދަނިކޮށް މީހަކު ދޮރުގައި ޓަކި ޖެހުމުން ދޮރު ހުޅުވާލި އިރު ބޭރުގައި ހުރީ ފުލުސްމީހެއް ހަލީމާ ބުންޏެވެ.

"އޭނާ އެހީ ތީ ސަމާހާގެ މަންމަ ހޭ. ވަރަށް ބިރުން ހުރެ އާނ... މީ ސަމާހާގެ މަންމަ ކަމަށް ބުނިން. ހެނދުނު 10 އެއް ޖަހަންވާ އިރަށް މާފަންނު ޕޮލިސް ސްޓޭޝަނަށް އައުމަށް ބުނި." ހަލީމާ ކިޔައިދިނެވެ.

ވެގެން އުޅޭ ގޮތެއް ނޭނގޭތީ 10 ޖަހަންވާ އިރަށް ޕޮލިސް ސްޓޭޝަނަށް ދިޔަ ކަމަށާއި، ފުލުހުން ދިން ޖަވާބުން ވަރަށް ދެރަވެ ލަދުގަތް ކަމަށް ހަލީމާ ބުންޏެވެ. "ސަމާހާ އޭނަގެ ލޯބިވެރިއާ ބުނެގެން އޭނަގެ ދަރިފުޅު ފަޅުރަށަކަށް އެއްލާލަން (ތުލުސްދޫ ކައިރީގައި އޮތް ފަޅުރަށެއް) މާލެއިން ފުރި ފެރީ އަކަށް އަރާ އިނދެ އެ ފިރިހެންމީހާ ކައިރީގައި އެ މަޝްވަރާ ކުރަމުން ދަނިކޮށް މީހަކު ރިޕޯޓް ކޮށްގެން އެބައިން ތުލުސްދޫ ޕޮލިސް ސްޓޭޝަނުގައި ހައްޔަރު ކޮށްފައި" ފުލުހުން ހަލީމާ އަށް ކިޔައިދިނެވެ.

ހަލީމާ ވަގުތުން ތުލުސްދޫ އަށް ސަމާހާގެ ދަރިފުޅުބަލާ ދިޔައެވެ. އެދަރިފުޅުވީ ދޯނީގައި އިނދެ ސަމާހާގެ ވާހަކަ އަޑު އަހައި އެ މައްސަލަ ރިޕޯޓް ކުރި މީހާ އަތުގައެވެ. ހަލީމާ ބުނީ އެމީހާ އަކީ ދަރިން ނުލިބޭ މީހެއް ކަމަށާއި އެމީހާގެ އެދުމުގެ މަތިން އެދަރިފުޅު އެމީހާ އަށް ދިނީ ކަމަށެވެ.

މި އާޓިކަލްގައި މިވަނީ ދިވެއްސެއްގެ ދިރިއުޅުމުގައި ހިނގި ހަގީގީ ހާދިސާއެކެވެ. ސީއެންއެމްއިން "ހަގީގީ ހާދިސާ" މި ނަމުގައި ގެނެސްދެމުންދާ އާޓިކަލްތަކުގައި ހިމެނޭ މީހުންގެ ޒާތީ މައުލޫމާތުތައް ރައްކާތެރި ކުރުމުގެ ގޮތުން ވާހަކައިގައި އެމީހުންގެ އަސްލު ނަން ނުވަތަ ރަށް އަދި ވަޒީފާ އަދާކުރި ތަނަށް ވަނީ ބަދަލު ގެނެވި ފައެވެ. 

16%
ކަމުގޮސްފި
53%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
19%
ވަރަށް ސަލާމް
ކޮމެންޓްސް