ads
ޑާކް ސާކަލްސް އިން ސަލާމަތް ވާނެ ގޮތް
އިންސާނުންނަކީ އެންމެ ފުރިހަމަ މީހުންނެއް ނޫނެވެ. ހެނދުނު އަވަހަށް ތެދުވަން ޖެހޭކަން އެނގޭ ނަމަވެސް އެންމެ ކަމުދާ ސީރީޒް ނުބަލައި ވެސް ނުހުރެވެއެވެ. އަހަރުމެންނަށް ބޭރަށް ނުކުންނަ އިރު ސަންސްކްރީން ލޯޝަން ހާކަން ޖެހޭކަން އެނގުނު ނަމަވެސް ވަގުތު ކުޑަތަން ވާތީ އެކަން ވެސް ނުކުރެވެއެވެ. މީގެ ސަބަބުން ހަންގަނޑަށް އެތަކެއް ނުރަނގަޅު އަސަރުތަކެއް ކުރިމަތިވެއެވެ.

ފަހަކަށް އައިސް ލޯ ކައިރީގައި ޑާކް ސާކަލް ތައް ދާއިމީ ގޮތެއްގައި ހުރުން އިތުރުވެފައިވެއެވެ. ނަމަވެސް މި މައްސަލަ ހައްލުކުރުމުގެ އުންމީދު އެބައޮތް ކަމަށާއި، މި ހުރިހާ ކަމެއް ވެސް ދިމާވަނީ ފުރަތަމަ ކޮޅު އެކަންކަން އިތުރަށް ގޯސްވާ ހިސާބުން ކަމަށް ނަޓޫރޯޕަތެއް ކަމަށްވާ ޑރ ގަގަން ބަޓިއާ ބުނެފައިވެއެވެ. 

ބަޓިއާ އިތުރަށް ބުނެފައިވަނީ ލޮލުގެ ސަރަހައްދަކީ ހަށިގަނޑުގެ އެންމެ ނާޒުކު ސަރަހައްދު ކަމަށެވެ. އަހަރުމެންގެ ހަންގަނޑު އެހެން ހުރިހާ ތަނެއްގައި ގާތްގަނޑަކަށް ދެ މިލިމީޓަރު ހުންނައިރު، އަހަރުމެންގެ ލޮލުގެ ވަށައިގެން ހުންނަނީ ގާތްގަނޑަކަށް 0.5 މިލިމީޓަރުގެ ހަމެވެ. އުމުރުން ދުވަސްވުމުން ކޮލަޖަން އާއި އިލާސްޓިން އުފައްދާ މިންވަރު ދަށްވުމުން ހަންގަނޑުގައި ލަކުނު ލާ މިންވަރު އިތުރު ކޮށްލައި، ހަންގަނޑު ތުނި ވުމަށް މެދުވެރިވެއެވެ. އަދި ލޭ ހޮޅިތައް ޑައިލޭޓް ވުމުގެ ސަބަބުން ހަންގަނޑު ތުނިވެ، އަނދިރިވެގެން ދެއެވެ. ގިނަ މީހުންނަށް ހީވެފައި އޮންނަނީ ޑާކް ސާކަލްސް އަކީ ވަރުބަލި ކަމުގެ ނިޝާން ތަކެއް ކަމަށެވެ. މިއީ ކޮންމެވެސް ވަރަކަށް ހަގީގަތް ނަމަވެސް ރަނގަޅަށް ނިދި ނުލިބުމުގެ ސަބަބުން ވެސް ޑާކް ސާކަލްސް އުފެދުމަށް މެދުވެރިވެއެވެ.  

އެހެންކަމުން ޑާކް ސާކަލްސް އިން ސަލާމަތްވާނެ ބައެއް ގޮތްތައް މި އާޓިކަލްގައި ހިއްސާކޮށްލާނަމެވެ. 

ލޯ ކައިރި ފިނި ކުރުން

ހެނދުނު ނުވަތަ ހަވީރު ދިހަ ވަރަކަށް މިނެޓު ވަންދެން ލޯ ކައިރި ފިނިކުރާށެވެ. މާސްކެއް ހުރިނަމަ ފްރިޖްގައި ބަހައްޓައިގެން ދުވާލަކު ދެ ފަހަރު ބޭނުން ކުރެވިދާނެއެވެ. މާސްކެއް ނެތް ނަމަ ސައި ފަތް ޕެކެޓެއް ވެސް ބޭނުން ކުރެވިދާނެ އެވެ. ސައި ފަތް ޕެެކެޓު ބޭނުން ކުރާ އިރު ގްރީން ޓީ ފަދަ އިތުރު ފައިދާތައް ލިއްބައިދޭ ސައި ފަތް ޕެކެޓު ތައް ބޭނުންކުރާށެވެ. 

ކިއުކަމްބާ ބޭނުންކުރުން

ކިއުކަމްބާ އަކީ ހަމައެކަނި ސެލެޑްތައް އަލިކޮށްލާ އެއްޗެއް ނޫނެެވެ. ކިއުކަމްބާ ގައި ގިނަ އަދަދަކަށް ފެން އެކުލެވިގެން ވުމުން ލޯ ކަިއރީ ހުންނަ ޑާކް ސާކަލްސް ތައް މަދުކުރެވިދާނެއެވެ. ތާޒާ ކިއުކަމްބާ އެއް ސްލައިސްކޮށް ކޮށުމަށްފަހު އައިސް އަލަމާރި އަށް 30 މިނެޓު ވަންދެން ލާށެވެ. އެއަށްފަހު ލޯ މަތީގައި 10 މިނެޓު ވަންދެން އަޅައިފައި ބެހެއްޓުމަށްފަހު ތާފެނާ ފެނުން ދޮވެލާށެވެ.  

އަލްމަންޑް ތެޔޮ ބޭނުން ކުރުން

އަލްމަންޑް ތެލާއި ވިޓަމިން އީ ގެ މިކްސްޗާ އަކީ ޒަމާނާ އެކު ބޭނުން ކޮށްފި ނަމަ ޑާކް ސާކަލްސް އަށް ގުދުރަތީ ފަރުވާއެއް ދެވިދާނެ އެއްޗެކެވެ. ނިދަން އޮށޯތުމުގެ ކުރިން މި މިކްސްޗާ ބޭނުން ކޮށްގެން ލޯ ކައިރި މަސާޖު ކޮށްލާށެވެ. އަދި ހެނދުނު ތެދުވެ އައިސް ފެނުން މޫނު ދޮވެލާށެވެ. 

އެންޓިއޮކްސިޑެންޓް ބޭނުންކުރުން

ބައެއް ކަހަލަ ތައްޔާރީ ކާނާ ކެއުމަކީ އޮކްސިޑޭޓިވް ސްޓްރެސް އިތުރުވެދާނެ ކަމެކެވެ. އެންޓިއޮކްސިޑެންޓްސް އިން މުއްސަނދި ވެފައިވާ ކާނާގެ ބާވަތްތައް ކަމުގައިވާ ބެރީސް، ޑާކް ޗޮކްލެޓް، އަދި ބީންސް އަކީ އިންފްލެމޭޝަން އާއި ދެކޮޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދޭނެ ކާނާގެ ބާވަތްތަކެކެވެ.

އައިސް ކިރު

ކިރު ފަދަ ޑައިރީ ޕްރޮޑަކްޓް ތަކަކީ ވިޓަމިން އޭ ގިނަ އަދަދަކަށް އެކުލެވިގެންވާ އެއްޗެކެވެ. މި ޕްރޮޑަކްޓް ތަކުގައި ހަންގަނޑު އަލިކޮށް ޒުވާންކޮށް ބެހެއްޓުމަށް ބޭނުންވާ ރެޓިނޮއިޑްސް އެކުލެވިގެންވެއެވެ. މޭކަޕް ރިމޫވާ ޕެޑްއެއް ނުވަތަ ކަފަކޮޅެއް އައިސް ކިރުގެ ތެރެއަށް ލުމަށްފަހު ލޯމަތީގައި އަޅާށެވެ. 10 މިނެޓު ވަންދެން ދުވާލަކު ދެ ފަހަރު މި ޕެޑް ލޯ މަތީގައި އަޅާށެވެ. އަދި ތާފެނާ ފެނުން ދޮވެލާށެވެ. 

ރޯސްވޯޓާ އަކީ ވެސް ހަންގަނޑު އޮމާންކޮށްދީ، ޒުވާންކަން ގެނެސްދިނުމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ.

ގިނައިން ނިދުން

އެކަށީގެންވާ މިންވަރަށް ނިދި ނުލިބުމަކީ ލޮލުގެ ދަށުގައި ފްލުއިޑް ގިނަވުމަށް މަގުފަހިކުރުވާ ކަމެކެވެ. އެކަށީގެންވާ މިންވަރަށް ނިދި ލިބޭތޯ ޔަގީން ކުރުމަށް، ނިދުމުގެ ރޫޓީން ބަދަލުކުރަން ޖެހިދާނެއެވެ. ސްޓްރެސް ކުޑަކޮށް، ގިނައިން ނިދުމާއި ގަވާއިދުން ކަސްރަތު ކުރަން އާދަކުރާށެވެ.

އިރުގެ ގަދަ އަވިންނާއި، ތަޢައްޔަރުވުމުގެ އިތުރުން އުމުރުން ދުވަސްވުމުގެ ސަބަބުން ހަންގަނޑަށް ނޭދެވޭ އަސަރުތައް ކުރަމުން ދެއެވެ. މިފަދަ އަސަރުތައް ކުޑަކުރުމަށް ގޭތެރޭގައި ހަންގަނޑަށް ދެވޭ މި ފަދަ ފަރުވާތައް ދިނުން އާދަކުރާށެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް