ads
އެސްޓީއޯއިން ގެނައި އެމްބިއުލާންސްތައް-----
ރާއްޖޭގެ އިތުރު 19 ރަށަކަށް އެމްބިއުލާންސް ފޮނުވައިފި
އެމްބިއުލާންސް އަށް ބޭނުން ޖެހިފައިވާ ރާއްޖޭގެ 19 ރަށަކަށް ސަރުކާރުން އެމްބިއުލޭންސް ފޮނުވައިފިއެވެ.

މި އެމްބިއުލާންސް ތަކަކީ، ހެލްތު މިނިސްޓްރީން އެސްޓީއޯއާއި ހަވާލު ކޮށްގެން ގެނައި 96 އެމްބިއުލާންސް ތަކުގެ ތެރެއިން އެމްބިއުލާންސް ތަކެކެވެ. 

އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސްއާއި އެސްޓީއޯއާއެކު ހެލްތު މިނިސްޓްރީން ސޮއި ކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ. އެ ހުރިހާ އެމްބިއުލާންސް އެއް ރާއްޖެއަށް ގެނެސް ހެލްތު މިނިސްޓްރީއާއި ހަވާލު ކުރީ މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުއެވެ. 

ހެލްތު މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި އަތޮޅު ތެރޭގެ ބޭނުން ޖެހިފައިވާ 19 ރަށަކަށް އެންބިއުލާންސް ފޮނުވުމަށް މިއަދު ވަނީ ދަތުރުތައް ފަށާފައެވެ. 

މިކަމާއި ގުޅުގެން "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވީ، މިއަދު މި ފޮނުވުނު އެމްބިއުލާންސް ތަކަކީ އެސްޓީއޯއާއި އެކު ވެވުނު އެއްބަސްވުމުގެ ދަށުން ގެނައި 96 އެމްބިއުލާންސްގެ ތެރެއިން ރަށްތަކަށް ނުފޮނުވި ބާކީ ހުރި 19 އެމްބިއުލާންސް ކަމަށާއި، މި ހުރިހާ އެމްބިއުލާންސް ތަކަކަކީވެސް މުޅިން އާ އެމްބިއުލާންސްތައް ކަމަށެވެ. އަދި އުއްމީދު ކުރިހާ އަވަހަށް އެމްބިއުލާންސްތައް ރާއްޖެއަށް ނުގެނެވުނީ ކޮވިޑްގެ ސަބަބުން ދިމާވި ހުރަސްތަކުގެ ސަބަބުން ކަމަށްވެސް އާދިލް ވިދާޅުވިއެވެ. 

"މިއަދު މި ފޮނުވުނު 19 އެމްބިއުލާންސް އާއި އެކު ހުރިހާ އެމްބިއުލާންސް އެއް މިހާރު މިވަނީ ފޮނުވާ ނިމިފ. އިރާދަ ކުރެއްވީޔާ މިހާރު އެމްބިއުލާންސް ނެތް ރަށެއް ނުހުންނާނެ. އެހެން ނަމަވެސް ބައެއް ރަށްތަކުގައި ހުރި އެމްބިއުލާންސް ތަކަކީ ކޮންމެސް ވަރެއްގެ މައްސަލަތަކެއް ދިމާވެފައި ހުރި އެމްބިއުލާންސް ތަކެއް ކަމުން އަންނަ އަހަރު ނިމުމުގެ ކުރިން އެ އެމްބިއުލާންސްތައްވެސް ބަދަލު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. އިރާދަ ކުރެއްވިއްޔާ އެކަން ކުރާނަން." އާދިލް ވިދާޅުވިއެވެ.

މީގެ އިތުރުން އާދިލް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިއްހީ ދާއިރާއާއި ދޭތެރޭ ބަހައްޓަވާ އަހައްމިއްޔަތު ކަމަކީ ރާއްޖޭގެ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ބެހެއްޓެވި އަހައްމިއްޔަތު ކަމެއް ނޫން ކަމަށާއި، އެކަމަށްޓަކައި އެމަނިކުފާނަށް ހާއްސަ ޝުކުރެއް އަދާ ކުރައްވާ ކަމަށެވެ.

"އެއްވެސް ސަބަބަކާއި ހުރި ސިއްހީ ދާއިރާގެ އެއްވެސް ކަމެއް ލަސްވާނަމަ ހުދު އެމަނިކުފާނު އައިސް އެކަމެއް ބައްލަވާ އެކަމެއް ލަސްވާ ސަބަބު އެބަ ސާފު ކުރައްވާ. އަދި އެކަންކަން އަވަސް ކޮށްދެވެން އޮތް ގޮތްތައް ބައްލަވާ އެކަންކަން އަވަސް ކޮށްދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ." އާދިލް ވިދާޅުވިއެވެ.

އާދިލްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އަދިވެސް އިތުރު އެމްބިއުލާންސް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެގޮތުން މި އަހަރުގެ ޖޫން ޖުލައި މަހު ޖަޕާނު ސަރުކާރުގެ އެހީގެ ދަށުން ރާއްޖެއަށް އިތުރު އަށް އެމްބިއުލާންސް ލިބިގެން ދާނެ ކަމަށެވެ. 

އެމްބިއުލާންސްތައް ފޮނުވާ ރަށްތައް:

  1. ހއ. މުރައިދޫ
  2. ހއ. އިހަވަންދޫ
  3. ހދ. ނޮޅިވަރަންފަރު
  4. ށ. މާއުނގޫދޫ
  5. ނ. ހޮޅުދޫ
  6. ނ. ލަންދޫ
  7. ނ. ހުޅުދުއްފާރު
  8. ބ. ކަމަދޫ
  9. ބ. ހިތާދޫ
  10. ކ. ހިއްމަފުށި 
  11. ކ. ގުޅި
  12. އދ. އޮމަދޫ
  13. ދ. ބަނޑިދޫ
  14. ދ. ހުޅުދެލި
  15. ތ. ގުރައިދޫ
  16. ލ. ފޮނަދޫ
  17. ގއ. ދެއްވަދޫ
  18. ގދ. ގައްދޫ
  19. ގދ. ހޯނޑެއްދޫ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް