
އިންޑިއާސް ބެސްޓް ޑާންސާގެ ސީޒަން ދޭއްގެ ޖަޖުންގެ ގޮތުގައި ފެނިގެންދިޔަ ޓެރެންސް އާއި ނޯރާގެ ކެމިސްޓްރީ ފެނި ވަރަށް ގިނަ ބަޔަކު އެދެމީހުން ރަށްޓެހިވެެގެން އުޅޭކަމަށް ސުވާލު އުފެއްދިއެވެ. ނޫނީ ޓެރެންސް ނޯރާއާއި ހިތާވާ ކަމަށް ސުވާލު އުފެއްދިއެވެ. އެދެމީހުން ވެސް އެ ޝޯތެރޭ އެކަކު އަނެކަކަށް ފްލާޓް ކުރާތަންވެސް ފެނެއެވެ.
އެހެންކަމުން އެދެމީހުން ރަށްޓެހިވެެގެން އުޅޭ ކަމަށް ކުރެވޭ ސުވާލަށް ޖަވާބުދިނުމަށް އިންޓަވިއުއެއްގައި ޓެރެންސްކައިރީ އެހެމުން އެންމެފަހުން ޓެރެންސް ވަނީ "އެ ސިއްރު ސިއްރެއްގެ ގޮތުގައި ބާއްވާ" ދިނުމަށް އެދިފައެވެ. ނަމަވެސް ކެމެރާގެ ފުރަގަހުގައި އެވާހަކައަށް އެއްޗެއް ބުނެވިދާނެކަމަށް އޭނާ ބުންޏެވެ.
އޭގެފަހުން އިންޓަވިއުގެ ތެރޭގައި އޭނާ ވަނީ ނޯރާއަށް ވަރަށް ތައުރީފުކޮށް ވެސް ވާހަކަދައްކާފައެވެ. އޭނާ ބުނީ، އެދެމީހުންނަކީ ވަރަށް ރަނގަޅު ރަށްޓެހިންކަމަށާއި، ސްކްރީންގައި ދެމީހުންގެ ކެމިސްޓްރީ ވަރަށް ރަނގަޅުކަމަށް ގަބޫލުކުރާ ކަމަށެވެ. ނޯރާއަކީ ވަރަށް މިނިވަން ހިޔާލެއްގެ ވެރިއެއް ކަމަށާއި ނޯރާގެ ވައިބް އޭނާއަށް ވަރަށް ކަމުދާކަމަށްވެސް ޓެރެންސް ބުންޏެވެ.
ކަލާސް ޓީވީ އިން ދައްކާ މަޝްހޫރު ޝޯ، ބިގް ބޮސް ނުވައެއްގައި ވެސް ފެނިފައިވާ ނޯރާ ބޮލީވުޑުގައި މަސައްކަތް ކުރަން ފަށާފައިވަނީ 2014 ވަނަ އަހަރުއެވެ.
ނަމަވެސް ނޯރާ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވަނީ ސަތްޔަމޭވަ ޖަޔަތޭގެ ލަވައެއްކަމަށްވާ "ދިލްބަރް" އަށް ފަހު ގައެވެ. އެއަށް ފަހު ގިނަ ބޮލީވުޑް ލަވަތަކުން ނޯރާ ވަނީ ފެނިގެންގޮސްފައެވެ.
މިހާތަނަށް ގިނަ އައިޓަމް ސޯންގް ތަކަކުން ފެނިގެންދިޔަ ނޯރާގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ޑާންސް މެރި ރާނީ" ވެސް ހިމެނެއެވެ.