ads
ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއް
ކުށުގެ ވެށީގައި ކުޑަކުދިން، މުޅިންވެސް އިހުމާލު!
ބަރަކާތްތެރި ރަމަޟާން މަސް އަހަރެމެންނާ އަލްވަދާއި ކީ އެތައް ނަސޭހަތެއް ދެމުންނެވެ. އެކަކު އަނެކަކަށް އަޅާލައި ގުޅުންތައް ބަދަހި ކުރުމަށް ވަސިއްޔަތް ކުރަމުންނެވެ. އެކުވެރިކަން ބަދަހި ކުރުމަށް ގޮވާލަމުންނެވެ.

އެހެން ނަމަވެސް ރަމަޟާން މަސް އަލްވަދާއު ކިޔާ، ބަރަކާތްތެރި ފިތުރު އީދު ދިވެހިންނާއި ކުރިމަތި ވީ، އީދު ދުވަހުގެ ބަރަކާތް ބަޔަކު މީހުން ކަނޑާލި ހަބަރާއި އެކު އެވެ. މާލޭގެ ދެ ސަރަހައްދެއްގައި ވަޅިން ބަޔަކަށް ހަމަލާދީ ބަޔަކު "ކޮށާލި" ބިރުވެރި ހަބަރާއި އެކުއެވެ. އެ މާރާމާރީ ތަކުގައި އަނިޔާވި އެއްބަޔަކަށް އަދިވެސް ގެންދަނީ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ. 

ކޮންމެއަކަސް އީދު ބައްދަލު ކުރީ މާލޭގެ ރައްޔިތުންނަށް ބިރުވެރިކަން ގެނެސްދިން ހަބަރަކުންނެވެ. އެއާއި އެކު ދެން އިވިގެން ދިޔައީ، ހުޅުމާލޭގައިވެސް ބަޔަކު މާރާމާރީއެއް ހިންގައިގެން އުޅޭ ވާހަކައެވެ. ކެފޭ އެއްތެރޭ ކޮފީބޯން ތިބި ބަޔަކަށް ވަޅިން ހަމަލާދިން ވާހަކަ އާއި، ހިޔާ ފުލެޓު ހިމެނޭ ސަރަހައްދުގައި ބަޔަކު މާރާމާރީ ހިންގި ވާހަކައެވެ. އެރޭ ހުޅުމާލޭގައި ހިނގި މާރާމާރީ އާއި ގުޅިގެން ފަސް މީިހުން ހައްޔަރު ކުރިއިރު، އޭގެ ފަހުން އިތުރު ދެ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. 

ހައްޔަރު ކުރި މީހުންގެ ތެރޭ އުމުރުން 15 އަހަރުގެ ކުއްޖެއް ހިމެނޭކަން ފުލުހުން އާއްމު ކުރި މައުލޫމާތު ތަކުން އެނގެއެވެ. އެއާއި އެކު މިކަމުގައި ހުރި ބިރުވެރިކަން އިހުސާސް ކުރެވެއެވެ. ކުޑަކުދިން ކުށުގެ ވެށީގައި އުޅެމުންދާ ވަރު މިކަމުގެ ސަބަބުންވެސް އަންދާޒާ ކޮށްލެވެއެވެ. މިކަމުގައި އެކުދިން އެއްވެސް ވަރަކަށް ޖެހިލުންވާހެނެއް ކުދިންގެ އަމަލު ތަކުގެ ސަބަބުން ހިއެއް ނުވެއެވެ. 

ކުޑަކުދިންނަކީ މާދަމާގެ ގައުމުގެ މުސްތަގުބަލަށް ވާއިރު، މި ފެންނަ މަންޒަރު ތަކުން ގައުމުގެ މުސްތަގުބަލު މިވަނީ އަނދިރި ކަމެއްގެ ތެރޭގައެވެ. ކުޑަކުދިން ހިމަނައިގެން ބޮޑެތި މާރާމާރީތައް ހިންގަމުން ދާއިރު، ކުޑަކުދިން ލައްވާ މަސްތުވާތަކެތީގެ ވިޔަފާރިތައްވެސް ފުޅާ ދާއިރާއެއްގައި ކުރުވަމުން އަންނަ ކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.

ކޮންމެއަކަސް މިކަންކަން މިހާހިސާބައް ދިއުމަށް ކޮންމެވެސް ސަބަބުތަކެއް ހުންނާނެ ކަމީ ހަމަ ޔަގީން ކަމެކެވެ. ފަހަރުގައި އެކުދިން އެ މަގު އެހުތިޔާރު ކުރަނީ، ގޭތެރެއިން ލިބެންޖެހޭ ތަރުބިއްޔަތު ނުލިބުމުން ކަމަށްވެސް ވެދާނެއެވެ. މީގެ ކުރިން ރާއްޖޭގައި ހެދި ސާވޭ އަކުން ދައްކާ ގޮތުން ކުށުގެ ވެށީގައި އުޅޭ ގިނަ ކުޑަކުދިންނަކީ އާއިލާތައް ރޫޅުމުގެ ސަބަބުން ދިމާވާ އެކި ކަންކަމާއި ގުޅިގެން ލިބެންޖެހޭ ތަރުބިއްޔަތު ނުލިބި ބޮޑުވާ ކުދިންނެވެ. 

ތަފާސްހިސާބުތަކަށް ބަލާއިރު ކުޑަކުދިން ކުށްތަކަށް އަރައިގަންނަން ފަށާ އެންމެ އާއްމު އުމުރަކީ 14 އަހަރާއި 15 އަހަރާ ދެމެދު އެވެ. އަދި ބޮޑެތި ކުށްތަކަށް އަރައިގަންނަނީ ކޮންމެވެސް ބައެއްގެ ނުފޫޒެއްގެ ދަށުން ނޫނީ އެކަމަށް މަގު ދައްކައިދީގެން ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. 

އެހެން ނަމަވެސް ތަރުބިއްޔަތުގެ ބޮލުގައި މި އިލްޒާމު އަޅުވައިގެން ތިބެވޭކަށް ނެތެވެ. އެކުދިން މިއަދު ކުށެއް ކުރުމުން ކަމާއި ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް އެޅޭނެ މާބޮޑު ފިޔަވަޅެއް ނެތެވެ. ގާނޫނު އަސާސީއިން ކުޑަކުދިންނަށް ލިބޭ ހާއްސަ ރައްކާތެރި ކަމުގެ ސަބަބުން އެކުދިންނަށް އެޅޭ ފިޔަވަޅެއް ގިނަ ފަހަރު ނޯވެއެވެ. ނުވަތަ އަޅަންޖެހޭ ފިޔަވަޅު ކޮންމެވެސް ސަބަބަކާއި ހުރެ ނޭޅެއެވެ. 

ކުށްކުރާ ކުދިން ރިހިބިލިޓޭޓްކޮށް އަލުން މުޖުތަމައުގެ ތެރެއަށް ނެރެން މިހާރު ވެސް މަސައްކަތްތަކެއް ކުރެ އެވެ. އެގޮތުން ކުޑަކުދިން ކުރާ ކުށްތަކަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލަށް ފޮނުވުމުން، ދައުވާ ކުރުމުގެ ބަދަލުގައި ދައުލަތުން އެ ކުއްޖާގެ މައްޗަށް ލާޒިމް ކުރަނީ އިސްލާހީ ޕްރޮގްރާމް ތަކެއްގައި ބައިވެރިވުމަށެވެ. އަދި ޕްރޮގްރާމް ފުރިހަމަކޮށް، ތިން އަހަރު ވަންދެން ކުށަކަށް އަރައި ނުގަންނަ ނަމަ ކުރިން ކުރި ކުށުގެ މައްސަލަ ބާތިލް ކުރެ އެވެ.

އެހެން ނަމަވެސް މަގުމަތީ ކޮންމެ ކަންމައްޗެއްހެން ފުލުހުންނާއި ސިފައިން ގެންދަނީ ހަރަކާތްތެރި ވަމުންނެވެ. ބެނާއެއް ނަގަން ވެއްޖެނަމަ ލަހެއް ފަހެއް ނޯވެއެވެ. ނުގަވައިދަށް ޕާކު ކޮށްފިނަމަ ފަޅި ސިކުންތެއް ތެރޭ ސްޓިކާ ޖަހައެވެ. އެހެންކަމުން މިފަދަ މާރާމާރީތައް ހިންގާ އިރު އެ ހުއްޓުވަންވެސް ފުލުހުންނަށް ކުރަންޖެހޭ ކަންކަން ކުރެވެން ޖެހޭނެއެވެ. އަދި މިކަމުގައި ހިމެނޭ ފަރާތްތަކަށް ހައްގު އަދަބު ދޭން ޖެހޭނެއެވެ. 

ކުޑަކުދިންނަށް ދޭންޖެހޭ ތަރުބިއްޔަތު ގޭގެ ތެރެއިން ފުރިހަމައަށް ނުދެވޭނަމަ، އެކުދިން ކުށުގެ ވެށި އިހުތިޔާރު ކުރުމަށްވެސް ކޮންމެސް ސަބަބުތަކެއް ހުންނާނެއެވެ. މި ސަބަބުތައް ދެނަގަނެ އެކުދިން ކުށުގެ ވެށި އިހުތިޔާރު ނުކުރާނެ މަގުތައް ދައުލަތުގެ ކަމާއި ބެހޭ އިދާރާތަކުން ހަދަން ޖެހޭނެއެވެ. ފިނި ކޮޓަރީގައި އިނދެގެން މަހަކު އެއްފަހަރު ނެރޭ ތަފާސްހިސާބުތައް ނެރުމުގެ ބަދަލުގައި މުސްތަގުބަލަށް ވިސްނާ މާދަމާގެ ޒުވާނުންނަށް މަގެއް ދައްކައި ދިނުމަކީ އިދާރާތަކުގެ ޒިންމާއެކެވެ. 

ފަހަރުގައިވެސް މިއީ ގޭތެރެއިން ދޭންޖެހޭ ތަރުބިއްޔަތު ނުދޭށޭ ބުނާ ބުނުމެއް ނޫނެވެ. އާއިލާ ރޫޅުނު ކަމުގައި ވީނަމަވެސް އަދި ނުވި ކަމުގައި ވީނަމަވެސް ދަރިންނަށް ދޭންޖެހޭ ތަރުބިއްޔަތު ދޭން ޖެހޭނެއެވެ. ހެވާއި ނުބައި އެކުދިންނަށް ކިޔައިދޭން ޖެހޭނެއެވެ. މީހެއްގެ ފުރާނަ ނަގާލުމަކީ ކިހާ ބޮޑު ފާފައެއްކަން އެކުދިންނަށް ކިޔައިދޭން ޖެހޭނެއެވެ. ގައުމު އާރާސްތު ކުރުމުގައި އެކުދިންގެ މުހިއްމުކަން އެކުދިންނަށް ވިސްނައިދޭން ޖެހޭނެއެވެ. 

މަސްތުވާތަކެތީގެ ވަބާގައި ޖެހި ކުދިން ދުނިޔެއަށް ގިނަވަމުން އަންނައިރު، އެކުދިންގެ ފުށުން ގޭންގު ތަކުގެ ވެރިން އަންނަނީ ބޮޑެތި މަންފާތައް ހޯދަމުންނެވެ. ފަހަތުގައި ފޮރުވިގެން ތިބެ އެކުދިން ލައްވާ އެ ވިޔަފާރި އެފަރާތްތަކުން ކުރަމުން އަންނަ ކަމަށް އެންމެވެސް އެއްބަސްވެއެވެ. މައިންބަފައިންނާއި ސަރުކާރުގެ އިދާރާތަކުންވެސް އެކަމަށް އެއްބަސްވެއެވެ. އެހެން ނަމަވެސް އެކަން ހުއްޓުވެން ނެތް ކަމަށްބުނެ ދެ އަތް އުރާލައިގެން ތިބެވޭކަތް ނެތެވެ. "ދަނޑިމާރު" އަޅައިގެން ނަމަވެސް އެ ކުދިން މިއަދު މައިތިރި ނުކުރެވިއްޖެނަމަ މާދަމާ އެކުދިން ދާން އޮތީ ޖަލުގެ ތޭރި ތަކުގެ ތެރެއަށެވެ. އޭރުން ކުދިންގެ މުސްތަގުބަލު މުޅިން ގެއްލުނީއެވެ. ހަމައެކަނި އޭރުން ގެއްލުން ވާނީ އެކުއްޖާއަކަށް ނޫނެވެ. މުޅި ގައުމަށް އޭރުން އެކަމުގެ ގެއްލުން ހުއްޓެވެ. 

ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ މުޅިންވެސް އިހުމާލެވެ. ތަންފީޒީ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ކަމެވެ. މައިބަފައިން ދޭންޖެހޭ ތަރުބިއްޔަތު ނުދޭ ވާހަކައެވެ. މަދަރުސާތަކުން އަޅާ ނުލާ ވާހަކައެވެ. އެހެން ކަމުން މިކަންކަމަށް ވިސްނާ މި ވަބާއިން އެކުދިން ސަލާމަތް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ހުރިހާ ފަރާތެއްގެ ޒިންމާއެކެވެ. އެހެން ނޫންނަމަ ރާއްޖޭގެ ދެން އަންނަން އޮތް ޖީލު ނެތި ގެއްލިދާނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް