ads
ފ.ނިލަންދޫ ކައުންސިލްގެ ރައީސް- ނިލަންދޫ ކައުންސިލްގެ މަޝްވަރާ ކޮމެޓީގެ މެންބަރުންނާއި ބައްދަލުކުރައްވަނީ
ނަރުދަމާގެ މައްސަލަ ޖެހިފައި ހުންނަތާ ހަ އަހަރު، ހައްލު ބޭނުން: ކައުންސިލް
ފ. ނިލަންދޫގައި ނަރުދަމާ ނިޒާމުގެ މައްސަލަ އަށް ހައްލެއް ނުލިބި ހަ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި، އަވަސް ހައްލެއް މިކަމަށް ބޭނުންވާ ކަމަށާއި، ނަރުދަމާގެ މައްސަލައާއި ގުޅިގެން ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކުރަމުންދާކަމަށް ނިލަންދޫ ކައުންސިލުން ބުނެފި އެވެ.

ސީއެންއެމްއަށް ދެއްވި އިންޓަރވިއުއެއްގައި ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދު މިއަދު ވިދާޅުވީ ނިލަންދޫގެ ނަރުދަމާ ނިޒާމުގެ މައްސަލަ އަށް ހައްލު ހޯދުމަށް ކަމާއިބެހޭ ހުރިހައި އިދާރާއަކަށްވެސް ވަދެފައިވާ ކަމަށެވެ. 

ކައުންސިލްގެ ރައީސް ވިދާޅުވީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މިފަދަ ޒަރޫރީ މައްސަލަތަކުގައި ނިމިގެންދިޔަ ސަރުކާރާއި، އަދި މިސަރުކާރުންވެސް ހައްލު ހޯދާދެވިފައިނުވާ ކަމަށާއި، މިއީ ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށެވެ. 

" ހަ އަހަރަށްވުރެ ގިނަ ދުވަސް މިވީ. އަދިވެސް ހައްލެއް ނުލިބޭ. މީކީ އަޅުގަނޑުގެ އަމިއްލަ ކަމެއް ނޫން. ރައްޔިތުންނާ ގުޅުންހުރި ޒަރޫރީ މައްސަލައެއް. ރައްޔިތުން ޝަކުވާ މިކުރަނީ އަޅުގަނޑުމެންނަށް. ކޮންމެވެސް ކޮޅެއްްގަ ޖައްސަން އެބަޖެހޭދެއްތޯ މިކަން. " ކައުންސިލްގެ ރައީސް އަލީ އަހުމަދު ވިދާޅުވި އެވެ.

އާބާދީގައި ދެތިން ހާހަށްވުރެ ގިނަ ބަޔަކު ދިރިއުޅޭ މި ރަށުގައި ނަރުދަމާ ނިޒާމަށް އެދެވޭ ހައްލެއް ނުލިބި މަގުމަތީގައާއި، ގޯތި ތަކުގެ އެތެރޭގައި ހަދާފައިވާ ޖަންގުޝަންތަކުން އަބަދުވެސް ނަޖިސް ބޭރުވެގެން އެ ޝަކުވާ ކުރަމުންދާކަމަށް އަލީ ވިދާޅުވި އެވެ. 

" ރައްޔިތުން އަޅުގަނޑުމެން ކައިރީ ޝަކުވާ އެކުރަނީ. މުޅި ރައްޔިތުންގެ ތާޢީދާއެކު މިހިސާބަށް އާދެވުނީމަ އަޅުގަނޑަށްވެސް އެ ޝަކުވާ ހަޖަމުކޮށްލައިގެން ނުހުރެވޭނެ. މިކަމަށް ފެނަކައިން ހައްލު ހޯދައިދެއްވުމަށް ފެނަކަ އާ ސަރުކާރަށްވެސް ގޮވާލަން. "

އަލީ ވިދާޅުވީ ނަރުދަމާގެ މައްސަލަ ޖެހި ހައްލު ނުވުމުން މިކަމުގައި ޒިންމާވާންޖެހޭ ފަރާތް ނުވަތަ ފެނަކަ ކޯޕަރޭޝުން ދިނީ "ފިނި ޖަވާބެއް" ކަމަށާއި،"މައްސަލަ ހައްލުކޮށްދެއްވާނެ" ކަމަށް އަބަދުވެސް ވިދާޅުވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް މިހާތަނަށް މިކަމުގައި އަމަލީ ސިފައެއް ނުފެންނަ ކަމަށެވެ. 

ނަރުދަމާގެ މި މައްސަލަ އަކީ މިވަގުތު ނިލަންދޫގައި އޮތް އެންމެ ބޮޑު ކަންބޮޑުވުން ފާހަގަކޮށް އަލީ ވިދާޅުވީ މިކަމުގެ ސަބަބުން ނިލަންދޫގައި ބަލިމަޑުކަން ނުފިލާ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް