ads
ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް--
ޝިދާތާގެ އިސްތިއުފާއަކީ ހިތްވަރުގަދަ އަމަލެއް: އަދާލަތު ޕާޓީ
މިދިޔަ ބުރާސްފަތި ދުވަހު ޖެންޑާ މިނިސްޓަރުގެ މަގާމުން ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވުމަކީ ހިތްވަރުގަދަ އަމަލެއް ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

ޝިދާތާ ނިސްބަތްވެ ވަޑައިގަންނަވާ އަދާލަތު ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޝިދާތާ ޝަރީފުގެ އިސްތިއުފާ ދެއްވި ދެއްވުމަކީ ވަރަށް ހިތްވަރު ގަދަ އަމަލެއް ކަމަށާއި ހާއްސަކޮށް އެ މިނިސްޓްރީގެ އިތުބާރު ދެމެހެއްޓުމަށް ފުރުސަތު ދެއްވި ދެއްވުމަކީ އެޕާޓީން ވަރަށް އުފަލާއެކު ބަލައިގަންނަ ކަމެއް ކަމަށެވެ.

އެގޮތުން އަންހެނުންނާއި ކުޑަކުދިން އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާ ގުޅޭ މައްސަލަތަކުގެ ވާހަކަ ގިނަބަޔަކު ދައްކައި، އެފަދަ ކަންކަން ހައްލު ކުރުމަށް ރައްޔިތުން ހޭލުންތެރިވުމުގެ އިތުރުން އެފަދަ މައްސަލަތައް ހައްލުކުރުމަށް ކުރައްވާފައިވާ ބުރަ މަސައްކަތާއި އެޅުއްވި ފިޔަވަޅުތަކަކީ ވަރަށް ކާމިޔާބު ފިޔަވަޅު ތަކެއް ކަމަށެވެ. 

"އެކަމަނާ އެ މަސައްކަތް ކުރެއްވުމުގައި ގެންގުޅުއްވި އިހްލާސްތެރިކަމާއި ހަރުދަނާކަން މި ޕާޓީން ނިހާޔަތަށް ބަލައިގަންނަމެއް،" އަދާލަތު ޕާޓީގެ ބަޔާނުގައި ވެއެވެ. 

އޭގެ އިތުރުން، އެ ޕާޓީއާއެކު ޝިދާތާ ރައްޔިތުންނަށްޓަކައި އެތައް ގުރުބާނީއެއް ވެވަޑައިގެންނެވިކަން ފާހަގަކުރައްވާ ބަޔާނުގައި ބުނީ އެކިއެކި ފޯރަމްތަކުގައާއި މަގުމަތީގައި، އިސްލާހަށް ހިންގުނު ގިނަ ހަރަކާތްތަކެއްގައި ހިތްވަރާއެކު ޝިދާތާ ބައިވެރިވެވަޑައިގަތް ކަމަށެވެ. އަދި އެއީ ޕާޓީން އަބަދުވެސް ހަނދާންކޮށް ފާހަގަ ކުރާނެ ހިދުމަތްތަކެއް ކަމަށް އެ ބަޔާނުގައި ބުނެ އެވެ. 

އަދި ވަޒީރުކަމުން އިސްތިއުފާ ދެއްވިނަމަވެސް އެ ޕާޓީ އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތުގައި ޝިދާތާ ދެމިހުންނަވާނެ ކަމަށް ވެސް ބަޔާނުގައި ފާހަގަކުރެ އެވެ.

ޖެންޑާ މިނިސްޓަރުކަމުން ޝިދާތާ އިސްތިއުފާ ދެއްވި ދުވަހު ވެސް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ވަރަށް ބޮޑަށް ޝިދާތާއަށް ތައުރީފް ކުރައްވާފަ އެވެ. އެގޮތުން އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ޝިދާތާ އަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި އުފެދުނު ހިތްވަރުގަދަ ކަނބަލެއް ކަމަށް ވިދާޅުވި އެވެ. 

އަދި ޝިދާތާގެ ތަރި ރާއްޖޭގެ ސިޔާސީ އުދަރެހުން އޮއްސެން ގާތްވެސް ނުވާ ކަމަށްވެސް ވިދާޅުވި އެވެ. ސިޔާސީ ހަރަކާތުގައި ޝިދާތާ އަކީ އަދާލަތު ޕާޓީގެ އެއް މުގޫ ކަމަށްވެސް މިނިސްޓަރު އިމްރާން ވަނީ ވިދާޅުވެފަ އެވެ.  

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ ގޯނާގެ މައްސަލަތަކާއި ގުޅިގެން ޖެންޑާ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށް ގިނަ ބަޔަކު ގޮވާލަމުންދަނިކޮށް މިނިސްޓަރުކަމުން ޝިދާތާ އިސްތިއުފާ ދެއްވީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީވުމުގައި ހަރަކާތްތެރިވަމުން އަންނަ އަހުމަދު ހިޝާންގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކެއް މިނިސްޓްރީއަށް އެނގުން ނަމަވެސް އެކަމުގައި އިހުމާލުވި ކަމުގެ އަޑުތަކާއެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އާންމު ރައްޔިތުންގެ ފަރާތުން ކުރިމަތިވި ބޮޑެތި ފިއްތުއްތަކާ ގުޅިގެންނެވެ.  

ޖެންޑާ މިނިސްޓަރުކަމުން ޝިދާތާ އިސްތިއުފާދެއްވުމާއި ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެމަގާމަށް  އައިޝަތު މުހައްމަދު ދީދީ އައްޔަން ކުރައްވާފަ އެވެ.  ދިވެހިރާއްޖެއިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައި ހުންނެވި އައިޝަތު ދީދީ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ވެސް ޖެންޑާ މިނިސްޓަރުކަން ކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް