ads
ރައީސް ސޯލިހު އަދި ފިނޭންސް މިނިސްޓަރު
ރައީސްގެ ވިސްނުންފުޅަކީ މުޅި ދައުލަތުގެ ޕޭ ހާމަނައިޒްކުރުން: ފިނޭންސް
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވިސްނުން ފުޅަކީ ސަރުކާރުގެ މުވައްސަސާތަކުގެ އިތުރުން މުޅި ދައުލަތުގެ ހުރިހާ އިދާރާއެއްގައި މަސައްކަތްކުރާ މީހުންނަށް، އެމީހުން ކުރާ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ދިނުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ޓީޗަރުންގެ މުސާރަ ބޮޑުކުރުމާއެކު ލެކްޗަރަރުންގެ މުސާރަބޮޑުނުވާތީ އެކަމުގެ ކަންބޮޑުވުންތައް ފާޅުކުރަމުންގެންދިއުމާ ގުޅިގެން ފިނޭންސް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވިސްނުން ފުޅަކީ ސަރުކާރުގެ މުވައްސަސާތަކުގެ އިތުރުން މުޅި ދައުލަތުގެ ޕޭ ހާމަނައިޒްކުރުން(ކުރާ މަސައްކަތާ ބައްދަލު އުޖޫރައެއް ދިނުން) ކަމަށާއި، އެ މަސައްކަތް މިހާރު ދަނީ ފެށިގެން ކުރިޔަށް ކަމަށެވެ. 

އެ މަސައްކަތުގެ ދަށުން ފުރަތަމަ ޓީޗަރުންގެ މުސާރަ ބޮޑުކުރެވުނަސް ދައުލަތުގެ ހުރިހާ ދާއިރާތަކެއްގެ މުސާރަތަކުގެ މަސައްކަތްވެސް ކުރިޔަށްދާކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ، އެއް ހަމަ ޕޭ ފްރޭމްވަކެއް ހެދުމަކީ ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މުހިއްމު އެއް މަސައްކަތް ކަމަށާއި، ދައުލަތުގެ ޕޭ ފްރޭމްވަކަށް އަމަލުކުރަން ފެށުމާ ގުޅިގެން މިހާތަނަށް މުސާރައާއި އިނާޔަތް ދެމުންދިޔަ ގޮތަށް ބަދަލުތަކެއް ގެނެވޭނެ ކަަމަށެވެ. 

"ފުރަތަމަ ކަމަކަށް މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ރަނގަޅު ހެޔޮ ބަދަލުތަކެއް އަންނާނެ. އަދި ކުރީގައި އެއް މަޤާމެއްގައި އެއް މަސައްކަތެއްކުރާ ފަރާތްތަކަށް ލިބޭ އަސާސީ މުސާރައިގެ ފަރަގު ނައްތައިލެވޭނެ. އެގޮތުން މިމަސައްކަތަކީ ދިރާސާތައް ކުރެވިގެން އަދި ބަޖެޓުކުރެވިގެން ވަކި ޕްރޮސެސްއެއްގެ ތެރެއިން ކުރިޔަށް ގެންދާ މަސައްކަތެއް. ޓީޗަރުންގެ މުސާރަބޮޑުކުރުމާ ހަމައިން މި މަސައްކަތް ނުނިމޭނެ. އެގޮތުން ކަނޑައެޅިފައިވާ ޕްރޮސެސްގެ ތެރެއިން މި މަސައްކަތް ކުރިޔަށް ގެންގޮސް ދައުލަތުގެ ހުރިހާ އިދާރާއެއްގެ ޕޭ ހާމަނައިޒް ކުރެވިގެންދާނެ." ބަޔާނުގައިވެއެވެ.

ލެކްޗަރާ އިން އާ ޕޭ ފްރޭމް ވޯކަށް ބަދަލުކުރުމުގެ މަސައްކަތާ ގުޅޭގޮތުން ދާދިފަހުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުވެސް ވަނީ ލެކްޗަރާ އިން އާ ޕޭ ފްރޭމް ވޯކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުގެންދާކަމަށާއި އެމަސައްކަތް ވަރަށް އަވަހަށް ނިމުމަކާ ހަމައަކަށް އެޅޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ޓީޗަރުންގެ މުސާރަ ބޮޑުކޮށް އެކަން އިއުލާންކުރައްވައި ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅުގައި ވެސް ވަނީ ތައުލީމީ ދާއިރާގެ އިތުރުން ސިއްހީ ދާއިރާއާ އެ ނޫން ދާއިރާތަކަށް ވެސް މި ބަދަލު އަންނާނެކަން ހާމަކުރައްވާފައެވެ. އެގޮތުން ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ސަރުކާރުން ދިރާސާ ކުރައްވަމުންގެންދަވާކަން ވެސް ފާހަގަކުރެއްވިއެވެ.

ފިނޭންސުން މިގޮތަށް ބަޔާނެއް ނެރެފައި މިވަނީ ޔުނިވާސިޓީ ތަކުގައި މަސައްކަތް ކުރާ ތައުލީމީ ދާއިރާގެ މުވައްޒަފުން ސަރުކާރުން ބާކީ ކޮށްފައިވާ ކަމަށް ބުނެ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީއާއި އިސްލާމިކް ޔުނިވާސިޓީން މިއަދުގެ ވަގުތެއްގައި އިހްތިޖާޖް ކޮށްފައިވާތީ އެވެ.

މި މަހުގެ އެއް ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ މުސާރަ ބޮޑު ކުރައްވާ އަލަށް ގެންނެވި ބަދަލު ހިއްސާ ކުރައްވާފައެވެ. އެބަދަލާއި އެކު ގިނަ ޓީޗަރުންނަށް މަދުވެގެން 20،000 ރުފިޔާ މުސާރައިގެ ގޮތުގައި ލިބޭނެއެވެ.   

މި ގެނައި ބަދަލާއި އެކުވެސް ގުރުއާނާއި ބެހޭ މަރުކަޒުގައި މަސައްކަތް ކުރަމުން އަންނަ ޓީޗަރުންގެ މުސާރަ ބޮޑު ނުވާކަމަށް ބުނެ އެތަނުގައި މަސައްކަތް ކުރަމުން އަންނަ ޓީޗަރުން ވެސް ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އަދި ސަރުކާރުން މިފަދައިން ކަންކަން ކުރުމުން އެ ފަރާތްތައް ބާކީ ކޮށްފައިވާކަން ހާމަވެގެން ދާކަމަށް އެފަރާއްތަކުން ވަނީ ބުނެފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް