ads
މޫސުން ގޯސް ދުވަހެއްގައި ކަނޑުމަތީގައި އުޅަނދުތަކެއް ހަރަކާތްތެރިވަނީ -- ފޮޓޯ: ވީނިއުސް
ރާއްޖޭގެ ބައެއް ސަރަހައްދު ތަކަށް ރީނދޫ ސަމާލު ނެރެފި
ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ.

ދެކުނުގެ ސަރަހައްދުތަކަށް ރީނދޫ އިންޒާރު ނެރެފައި ވާއިރު، މެޓް އޮފީހުން ވަނީ ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ހުދު ސަމާލު ނެރެފައެވެ. 

މެޓް އޮފީހުން ކުރި އިއުލާނެއްގައި ބުނީ، ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށް ކުރިއަށް ހުރި ވަގުތު ތަކުގައި ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި އެ ސަރަހައްދުގެ ރަށްތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. 

މި ސަމާލު އެއިދާރާއިން ނެރެފައިވަނީ މިއަދުގެ މެންދުރު 14:00 އާއި ހަމައަށެވެ. 

މެޓުން މިމަހަށް ލަފާކުރާ މޫސުމުގައި ވާގޮތުން އެންމެ އުތުރު އަތޮޅުތަކަށް އާންމުކޮށް ވެހޭވަރަށްވުރެ އިތުރުވާނެ ކަމަށް ބެލެވެއެވެ. އަދި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އާންމުކޮށް ވެހޭވަރަށް ވާރޭވެހޭނެ ކަމަށް ބެލެވުނު ނަމަވެސް އެެހެން ހިސާބުތަކަށް ވާރޭވެހޭ މިންވަރު ކުޑަތަންކޮޅެއް މަދުވާނެކަމަށް ލަފާކުރެވެއެވެ.

މިދުވަސްވަރު ފިނިހޫނުމިން އުތުރުއަތޮޅުތަކުގައި އާންމު މިންގަޑުގައި ހުންނާނެކަމަށް ބެލެވޭ ނަމަވެސް އެހެން ހިސާބުތަކުގައި އާންމު މިންގަނޑަށްވުރެ ތަންކޮޅެއް މަތި ވާނެ ކަމަށް ލަފާ ކުރެވޭކަމަށް ވެސް މެޓުން ބުނެއެވެ. 

ރާއްޖޭގެ ކަނޑުތައް ގަދަވެ އަށް ފޫޓަށް ކަނޑުތައް އުފުލޭނެކަމަށް މެޓުން ލަފާކުރާއިރު، އިންޑިއާ ކަނޑުގައި ވަނީ ދެ ތޫފާނެއް އުފެދިފަ އެވެ. އެއީ ބޭ އޮފް ބެންގަލް ސަރަހައްދުގައި އުފެދިފައިވާ ތޫފާން "އަސަނި" އާއި، ސަދަން ހެމިސްފިއާގައި އުފެދިފައިވާ ތޫފާން "ކާރިމް" އެވެ.

ތޫފާން އަސަނި އިންޑިއާގެ އަންދުރަ ޕްރަދޭޝާއި، އޮޑިޝާ ސަރަހައްދާއި ދިމާލަށް މިހާރު ދަނީ ދަތުރުކުރަމުންނެވެ. އަދި މި މިތޫފާނުގެ ބާރު ކުރިއަށް އޮތް 24 ގަޑިއިރު ގަދަވާނެ ކަމަށް އިންޑިއާގެ މޫސުމާއި ބެހޭ އިދާރާ (އައިއެމްޑީ) އިން ވަނީ ލަފާ ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް