ads
"ފަޒީސް ހިޖާމާ ތެރަޕީ"
"ފަޒީސް ހިޖާމާ ތެރަޕީ" ހުއްޓުވައިދޭން ހެލްތު މިނިސްޓްރީން އެދިއްޖެ
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހިޖާމާ ޖެހުމުގެ ހިދުމަތް ދެމުން އަންނަ "ފަޒީސް ހިޖާމާ ތެރަޕީ" ކްލިނިކް ހުއްޓުވައި ދިނުމަށް ފުލުހުގައި އެދިފައި ވާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން މިހެން ބުނެފައި މިވަނީ، ޑޮކްޓަރަށް ނުދައްކާ އަދި ޑޮކްޓަރުންދޭ ބޭހުގެ ބަދަލުގައި ހިޖާމާ ޖަހައިގެން ގިނަ ބަލިތަކުން މީހާ ސަލާމަތް ވާކަމަށް ބުނެ އެ ކްލިނިކުން ކުރަމުން އަންނަ އިއުލާން ތަކާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން އަންނަ ވަގުތެއްގައެވެ. 

އެ ކްލިނިކުން މީގެ ދުވަސްކޮޅެއް ކުރިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ކުރު ބަލީގެ މީހުން އިންސިއުލިންގެ ބަދަލުގައި ހިޖާމާ ޖަހައިގެން ހަކުރު ބައްޔަށް ފަރުވާ ހޯދޭނެ ކަމަށެވެ. އެކަމާއި ގުޅިގެން ސިއްހީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ގިނަ ފަރާތްތަކެއް ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އަދި މިއީ އަސްލެއް ނެތް ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ. 

މިކަމާއި ގުޅިގެން ހެލްތު މިނިސްޓްރީގެ ޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ، އެ ކްލިނިކަކީ ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ކްލިނިކެއް ނޫން ކަމަށާއި، މީގެ ކުރިންވެސް އެ ކްލިނިކް ހިންގަމުން އަންނަ ފަރާތާއި ވާހަކަ ދައްކާ އެ ކްލިނިކުން ދެމުން އަންނަ ހިދުމަތްތައް ދިނުން ހުއްޓާލުމަށް އަންގާފައި ވާނެ ކަމަށެވެ. 

މީގެ އިތުރުން ތަސްލީމާ ވިދާޅުވީ، އެތަނަކީ ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ތަނަކަށް ނުވުމުން ތަން ބަންދު ނުކުރެވޭނެ ކަމަށެވެ. އެހެން ކަމުން އެ މައްސަލަ ބަލައިދިނުމަށް މިހާރު ފުލުހުންނަށް ހުށަހަޅާފައި ވާނެ ކަމަށް ތަސްލީމާ ވަނީ ވިދާޅުވެފައެވެ. އަދި އެތަނުގެ ވެރި ފަރާތް މިނިސްޓްރީއަށް ހާޒިރު ވުމަށްވެސް މިހާރު އަންގާފައި ވާކަމަށް ތަސްލީމާ ވަނީ ވިދާޅުވެފައެވެ. 

އެހެން ނަމަވެސް މިކަމާއި ގުޅިގެން އެ ކްލިނިކުން ބުނީ، ތަން ހިންގަމުން ގެންދަނީ ގަވައިދުގެ ތެރެއިން ރަޖިސްޓްރީ ކޮށްގެން ކަމަށެވެ. އަދި މިކަމަކީ ބަޔަކު އެތަނުގެ އަގު ވައްޓާލަން ކުރަމުން އަންނަ ކަމެއް ކަމަށް އެ ކްލިނިކުން ވަނީ ބުނެފައެވެ. 

އެހެން ނަމަވެސް މިކަމާއި ގުޅިގެން ތަސްލީމާ ވިދާޅުވީ، ހިޖާމާ ޖެހުމަށް ވަކި ހާއްސަ ހުއްދައެއް ނަގަން ޖެހޭނެ ކަމަށެވެ.

39%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
39%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް