ads
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފުލުހުންގެ އިސްވެރިންނާއިއެކު
ހިތާމަވެރި ހާދިސާއެއް ނުހިނގާވަރަށް ކަންކަން މެނޭޖުކުރާން: ހޯމް މިނިސްޓަރު
ރައްޔިތުންނަށް ބޮޑު ގެއްލުމެއް، ހިތާމަވެރި ހާދިސާއެއް ހިނގައިގެން ނުދާވަރަށް އިރާދަކުރެއްވިއްޔާ ރާއްޖޭގެ މިމުއައްސަސާތަކުން އެކަންކަން މެނޭޖްކުރަމުން ގެންދާނެކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ ހުޅުމާލޭގައި ތިން ފަތުރުވެރިއަކަށް ހަމަލާ ދިން މައްސަލައެއް ފެން މަތިވެފައިވަނިކޮށެވެ. 

އެގޮތުން މިނިސްޓަރު އިމްރަން އަބްދުﷲ ވިދާޅުވީ، ފަތުރުވެރިންނަށް ހަމަލާ ދިން މީހުންގެ ވިސްނުން ހުރީ ރާއްޖޭގައި އުޅޭ ފަތުރުވެރިންނަށް ވަރަށް ފުޅާކޮށް ހަމަލާތައް ދިނުމަށް ރާވާފައިކަމަށެވެ. 

"ހަމަލާ ރޭވި ފުޅާމިނުގައި އެކަން ނުކުރެވުނީ ރާއްޖޭގެ ސަލާމަތީ ބާރުތަކުން، ހާއްސަކޮށް ފުލުހުން އަޅާފައިވާ ހަރުދަނާ ބައެއް ފިޔަވަޅުތަކުގެ ސަބަބުން،" އިމްރާން ވިދާޅުވިއެވެ.

ހުޅުމާލޭގައި ފަތުރުވެރިންތަކަކަށް މި މަހު 4 ވީ އަންގާރަ ދުވަހުގެ ރޭ ދިން ހަމަލާ އާއި ގުޅިގެން ހަ މީހަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން  ހާމަކޮށްފައިވެއެވެ. 

މި ހަމަލާއާއި ގުޅިގެން އަނިޔާވެފައިވަނީ ޗައިނާ ދެ ފިރިހެނުންނާއި އޮސްޓްރޭލިއާ ފިރިހެނަކަށް ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ. އަދި މިތަނުން ޗައިނާގެ އެކަކު އެއީ ފަތުރުވެރިޔެއް ކަމަށާއި އަނެއް ދެ މީހުންނަކީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ ދެ މުވައްޒަފުން ކަމަށްވެސް ފުލުހުން މައޫލޫމާތުދެ އެވެ.  

ހުޅުމާލޭގައި ހުންނަ ރެޑްބުލް ދަނޑު ކައިރީގައި ރޭ ތިން ފަތުރުވެރިއަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލާފައިވާއިރު އެހަމަލާތަކުގެ ޒިންމާ، އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ރާއްޖެ ގޮފިން ވަނީ ނަގައިފައެވެ. 

މި ހަމަލާގެ ޒިންމާ ނަގައި އައިއެސްގެ ދިވެހި ގޮފިން ވަނީ އެމީހުން ޓެލެގްރާމުގައި ހިންގަމުން އަންނަ ގްރޫޕަށް ވީޑިއޯ އާންމުކޮށްފަ އެވެ.

މޫނު ނިވާކޮށްގެން ހުރެ އެމީހާ ވާހަކަ ދައްކާއިރު އޭނާ ވަނީ ފަތުރުވެރިންނަށް ވަޅިން ދެވުނު ހަމަލާގެ ޒިންމާ އެމީހުން ނަގާ ކަމަށް ބުނެފަ އެވެ. އަދި ބޭރުގެ ކާފަރުންނަށް ރާއްޖެއަކީ ސުވަރުގެ ކަމަށް ދައްކާ ދެއްކުން އަވާމެންދުރަކަށް ވެއްޖެކަމަށާއި އެމީހުންނަށް ދެން މިތަނުގައި ލާނެ ރަހައަކީ "އަލިފާނު" ގެ ރަހަ ކަމަށް ވެސް ބުނެފަ އެވެ. 

އަދި އެމީހުންނަށް ދެން ހަމަލާތައް ދެވޭނެ ގޮތާއި ދެވޭނެ ވަގުތުތައް ވެސް ނޭނގޭނެ ކަމަށާއި ދެން އޮތީ އިތުރު ޒަހަމްތަކެއް ކަމަށް ވެސް ބުނެ އެވެ. 

އޭގެ އިތުރުން "ދީން ވިއްކާލި" ޝޭހުން ކަމަށް ބުނެ އެމީހާ ވަނީ ޖަލަށް ދާން ޖެހިދާނެ ކަމުގެ ބިރަށް ދީން އޮޅުވާލަމުން އަންނަ ކަމަށެވެ. އަދި އެގޮތްތައް ދޫކޮށްލައިފިނަމަ އެމީހުންނަށް ވެސް ހެޔޮކަން ބޮޑު ކަމަށް ބުނެ އެވެ. 

މުސްލިމުންނަށް މިދޭ އަނިޔާތަކުގެ ބަދަލުގައި ފިނޑިނުވެ ތެދުވުމަށް ވެސް ވީޑިއޯގައި ގޮވާލަ އެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ މި ވީޑިއޯއާ ގުޅިގެން ފުލުހުން ބުނެފައި ވަނީ އާންމުވެފައިވާ ވީޑިއޯގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް