ads
ހުސެއިން ޝަމީމް——
ހެކި ލިބޭވަރަކަށް އިތުރު މީހުންނަށް ދައުވާ ކުރަމުން ދާނަން: ޕީޖީ
މިދިޔަ އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހު ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ކުރިއަށްދާ ތަހުގީގަށް އިތުރު ހެކިތައް ލިބޭ ވަރަކަށް އެކަމުގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ ކުރަމުން ގެންދާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޓެރަރިޒަމްގެ ގާނޫނަށް އެންމެ ފަހުން ގެނެވުނު ބަދަލުތައް ނިޔާކުރާގޮތުން، ޓެރަރިޒަމްގެ މައްސަލައެއްގައި، ހާދިސާ ހިނގިފަހުންވެސް ހެކި ލިބިއްޖެނަމަ، އެމައްސަލައެއްގައި ދައުވާ ކުރުމަކަށް ހުރަހެއް ނެތް ކަމަށެވެ. 

މިހާރު ވަކި މީހެއްގެ މައްޗަށް ދައުވާއެއް ކުރެވިފައި ނެތުމަކީ، އޭނާގެ މައްޗަށް ފަހުން ލިބޭ ހެއްކެއްގެ މައްޗަށް ދައުވާ ނުކުރޭނެކަމުގެ ހުއްޖަތެއް ނޫން ކަމަށާއި، ރައީސް ނަޝީދުގެ މައްސަލައާ ގުޅިގެން ހައްޔަރު ކުރެވުނު، ނުވަތަ ހައްޔަރު ނުކުރި ނަމަވެސް، އެމައްސަލައިގައި މިހާރު ކުރިއަށްދާ ތަހުގީގުތަކުން ހެކި ލިބޭ ބައެއްގެ މައްޗަށް ލިބޭ ހެކިތަކެއްގެ މައްޗަށް ބަލައި، ދައުވާ ކުރުމާމެދު ގޮތެއް އެ އޮފީހުން ނިންމާނެ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ. 

މީގެ އިތުރުން ބަޔާނުގައި ބުނެފައިވަނީ، ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ މައްސަލައިގެ ތަހުގީގާއި ދައުވާ ކުރުމުގެ ކަންތައް ހިނގަމުން ދިޔައީ، އެކަމަށް ގާނޫނުތަކުގައި ކަނޑައެޅިފައިވާ މުއްދަތުތަކުގެ ތެރޭގައި، ގާނޫނުގައި ކަނޑައަޅައިފައި އޮތް އުސޫލުތަކުގެ ތެރެއިން ކަމަށެވެ. 

"ހެކި ހޯދުމާއި، ހެކި ވަޒަންކުރުމާއި، ކޯޓަށް ދައުވާ ހުށަހަޅަން ތައްޔާރުކުރުމާއި، މިހުރިހާ ކަމެއް ހިނގައިދިޔައީ، ފުލުހުންގެ ތަހުގީގު ޓީމުތަކާއި، ޕްރޮސިކިއުޓަރުންގެ ޓީމާ އެއްކޮށް މަސައްކަތް ކޮށްގެން. މިމައްސަލައަށް ހާއްސަ ކޮށްފައިވާ ޕްރޮސިކިއުޓަރުންގެ ތެރެއިން 2 މީހަކު، ހުރިހާ ވަގުތެއްގައިމެ ފުލުހުންނާ އެއްކޮށް މަސައްކަތް ކޮށްފައިވޭ. އޭގެ ފަހުން، މައްސަލަ ދިރާސާ ކުރުމުގެ މަރުހަލާގައި، މައްސަލައަށް ބޭނުންވާ ވަރަށް، ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ލިބެން ހުރި ވަސީލަތްތައް ފުރިހަމައަށް ބޭނުންކޮށްފައިވާ."

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު ކުރިއަށްދާގޮތުގެ ސަބަބުން އެމަނިކުފާނުގެ އާއިލާ އާއި ވަކީލުން ގެންދަވަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި މި ހަމަލާއަށް ފަންޑު ކުރި ބަޔަކު ހޯދުމަށްވެސް އެމަނިކުފާނުގެ ފަރާތުން ގެންދަވަނީ ވިދާޅުވަމުންނެވެ. 

މި މައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް ދައުވާ އުފުލާ ހުކުމެއް ކޮށްފައިވަނީ، އަދުހަމް އަހުމަދު ރަޝީދަށް އެކަންޏެވެ. އޭނާ ވަނީ އަތަމާ ޕެލެސް ތެރޭ ހުރެ ރިމޯޓަކުން ބޮން ގޮއްވާލި ކަމަށް ޝަރީއަތުގައި އެއްބަސްވެފައެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާ ކޯޓުން ވަނީ 25 އަހަރަށް އޭނާ ޖަލު ބަންދު ކުރުމަށް ހުކުމް ކޮށްފައެވެ. 

މި މައްސަލަ އާއި ގުޅިގެން ނުވަ މީހެއްގެ މައްޗަށް ދައުވާ އުފުލިއިރު، އޭގެ ތެރެއިން އަށް މީހުން ދައުވާތަކަށް އިންކާރުކުރި ނަމަވެސް މައްސަލަ ސާބިތުވާވަރަށް އެކަށީގެންވާ ހެކި ގަރީނާ ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް