ads
އަމަސޫދާ އާއި އޭނާގެ ފިރިމީހާ އަލީ----
ކުޑަ ދޮރުން ފެނި ވެވުނު ލޯބި، ނުކުޅެދުންތެރިއެއްގެ އިހުސާސް ވިޔަ ނުދޭ!
ޔަގީނެވެ. ހަގީގީ ލޯތްބެއްގެ އަސްލުހަ ރަހަ ދެކެފި ދެ ލޯބި ވެރިއެއްގެ ހިތުގައި ޖަހަމުންދާނީ އެއްވިންދެކެވެ. އުފެދޭނީ އެއް ކުލުނެކެވެ. ކުޅޭނީ އެއް މިއުޒިކެކެވެ. ޖަހާނީ އެއް ލަވައެވެ. އެފަދަ ދެ ހިތަކަށް "ކުޅަދޭއެއް" "ނުކުޅެދޭ" އެއް އިހުތިޔާރު ކުރާކަށް ބޭނުމެއް ނުވާނެވެ.

ށ. ގޮއިދޫ (އަބްހަރީގެ) އައިޝަތު އަމްސޫދާއި އައްޑޫ ސިޓީ ހިތަދޫ (އަހިވަލުގެ) އަލީ ހުސެއިންގެ ކައިވެނީގެ ހަޔާތަކީ ވެސް އެފަދަ ގަދަފަދަ ލޯތްބީގެ މިސާލެކެވެ. އެ ދެ ހިތުގައި އުފެދުނު ލޯބީގެ ގަދަ އޮއިބާނި ތަކާއި ދެކޮޅަށް މާ ކަނޑު މެދުގައި އެ ދެބައިވެރިން އެތައް ދުވަހެއް ވަންދެން ފަތަން ޖެހުނެވެ. ނަމަވެސް ގުރުބާނީ ތަކަށްފަހު ހަޔާތެއް ފަށާ އެކުގައި އުޅޭތާ މިހާރު 15 އަހަރުވީއެވެ.

އަލީ ހިތުގައި އަމްސޫދާ ދެކެވި، ހަގީގީ ލޯބި އަމްސޫދާ އަށް ގަބޫލު ކުރަން ދަތިވީ އަމްސޫދާގެ ހުރި ނުކުޅެދުންތެރި ކަމެއްގެ ސަބަބުނެވެ. އަމްސޫދާ އަކީ ފޫޅުން ތިރީގައި (ފައިގައި) ވާގި ނުހުންނަ މީހެކެވެ. 

އެ ނިމުމެއްނެތް ލޯބީގެ އުފާވެރި ހަނދާންތަކުގެ ވާހަކަތައް އަމްސޫދާ "ސީއެންއެމް" އަށް ކިޔައި ދިނީ ހިތްދަތި ކަމާއި އަސަރާ އެކުގައެވެ.

އުމުރުން 42 އަހަރުގެ އަމްސޫދާ ބުނީ އޭނާގެ ފިރިމީހާ އާއި އޭނާ އާއި އެންމެ ފުރަތަމަ ދިމާވީ އޭނާ ދިރިއުޅެމުންދިޔަގޭގެ ގޯތި ތެރޭގައި ފުރޮޅުލީ ގޮނޑީގައި އިންދާ ކަމަށެވެ.

"ބައްޕަ ބުނޭ ކުޑައިރު ކުޑަކޮށް ވެއްޓެމުން ހިނގުނޭ. އޭގެ ފަހުން ނުއެއް ހިނގޭ. ހަދާން ހުންނަން ފެށީއްސުރެ އަބަދުވެސް އިންނަނީ ފުރޮޅުލީ ގޮނޑީގައި." އަމްސޫދާ ބުންޏެވެ.

އަމްސޫދާގެ އުމުރުން ހަތް އަހަރުގައި މަންމަ ނިޔާވެއްޖެ އެވެ. އެހެންކަމުން އޭރު ވެއްޓެމުން ހިނގުނަސް ފަރުވާ ކުރެވޭނެ ގޮތެއް ނެތި، އުމުރަށް ފޮރޮޅުލީ ގޮނޑީގައި އިށީނާން ޖެހުނީއެވެ. 

ދުވަސް ކޮޅަކީ ދެހާހުގެ އަހަރު ތަކުގެ ކުރީ ކޮޅު ކަމަށާއި، އަމްސޫދާގެ ރަށަށް އަލީ އައީ އޭރު ޖެހުނު ކުޑަމައްސަލެއްގެ ސަބަަބުން އަރުވާލި މީހެއްގެ ގޮތުގައި ކަމަށް އަމްސޫދާ ބުންޏެވެ. 

އޭރު އަމްސޫދާގެ ގޭގައި ވަށާފާރު ނުހުންނާތީ، ކައިރީގައި ތިބޭ ގޭގެ ފެނެއެވެ. އޭރު އަލީ އުޅުނީ އަމްސޫދާ ދިރިއުޅެމުން ދިޔަ އަބްހަރީގެ އާއި ޖެހިގެން ހުންނަ އާޒާދު ގޭގައެވެ. 

"އާޒާދުގޭގެ ކުޑަދޮރުން ބޭރު ބެލީމައި އަހަރެންގެ ގެ ފެންނާނެ. އަހަރެންގެ ގޯތީގައި އަހަރެން އުޅޭ އިރު އަލީ ހުންނަނީ ކުޑަދޮރުން ބަލަން. އެކަން އަހަންނަށް އެނގުނީ އެތައް ދުވަހެއްގެ ފަހުން." އަމްސޫދާ ބުންޏެވެ.

ފަހުން ފަހުން އައިސް އަލީ އޭނާގެ ރައްޓެހި ކުއްޖަކު ލައްވާ ސިޓީ ފޮނުވަން ފެށިއެވެ. އޭގެ ޖަވާބު އޭރު ދޭން އަމްސޫދާ ބޭނުން ނުވިއެވެ. ސަބަބަކީ ނުކުޅެދޭ މީހަކާއި، އިންނާނެ މީހަކު ނުހުންނާނެ ކަމަށް އަމިއްލަ ޒަމީރު ގަބޫލު ކުރެވޭތީ އެވެ. 

"ނަމަވެސް އޭރު ބޭރަށް ނުކުތީމައި އަލީ ފަހަތުންވެސް ދާން ފެށީ. ބުނި ޖަވާބެއް ލިބޭނެ ދުވަހަކަށް އިންތިޒާރު ކުރާނަމޭ. އޭރު ހާލަތު ހިތައް އަރާފައި ބުނިން ތި އަހަންނަށް ލަޑެއް ދޭން ވެގެން ހެއްޔޭ. އަލީ ބުނި ދުވަހަކުވެސް ލަޑެއް ނުދޭނަމޭ. ވަރަށް ލޯބި ވެޔޭ. ނަމަވެސް އަހަރެން އެ ވާހަކަ ގަބޫލު ކުރަން ބޭނުން ނުވި. އެންމެ ފަހުން އަލީ ދޫ ނުކުރީމަ ބުނިން އަހަރެން ދެކެ ލޯބި ވަންޏާ އަލީ މިނިވަން ވެގެން ރަށަށް ދިޔައަސް އަނބުރާ އަންނާނެޔޭ. އައިމައޭ ރައްޓެހިވާނަމޭ." އަމްސޫދާ ބުންޏެވެ.

your imageއަމްސޫދާއާއި އޭނާގެ ފިރިމީހާ އަލީ މޫދުގައި:

މަންމަ މަރުވެ އެކަނި ހާލާއިގެން އުޅެމުންދިޔަ އަމްސޫދާ ބުނީ ހަތަރު އަހަރުވަންދެން އަލީ ރަށުގައި އުޅުނު އިރު، ލޯބި ހުށައެޅުން ފިޔަވައި އިތުރު އެއްވެސް ގޮތަކަށް އުނދަގުލެއް ނުކުރާތީ، އައްޔަ ހަގީގަތުގައި ވެސް ލޯބިވާ ކަމަށް ގަބޫލު ކުރިކަމަށެވެ.

އަމްސޫދާ ހީކުރިގޮތާއި ހިލާފަށް އައްޔަ މިނިވަންވެ ރަށަށް ދިޔަ ފަހުން ވެސް ގުޅާ ހާލުބަލާ ހަދާ އެވެ. އައްޔަ އޭނާގެ ރަށް އައްޑޫއަށް ދިއުމަށް ފަހު ރިޒޯޓެއްގެ ވަޒީފާ އަދާކުރަން ފެށިނަމަވެސް އަމްސޫދާއާއި ދުރުގައި ހުންނަން އުނދަގޫވެ، ވަޒީފާ އިން ކެނޑިގެން އަމްސޫދާގެ ރަށް ގޮއިދުއަށް އައެވެ. ރަށަށް އައިސް ފުރަތަމަވެސް އެދުނީ އިންނާށެވެ. 

އިންނަން އެދުމުން ކައިވެންޏަށް އެންމެ މީހެއް ފިޔަވާ އެންމެން ރުހި ގަބޫލުވިއިރު، އަލީގެ ހިތުގައި އަމްސޫދާ އާއި ދޭތެރޭ އުފެދިފައިވަނީ ތެދުވެރި ލޯބިކަން ގަބޫލު ކުރެވުނީ އެހާ ހިސާބުންނެވެ. 

"ރަށުގެ ބައެއް މީހުން ބުނި. އަހަންނަށް ދަރިން ނުލިބޭނެޔޭ ފޫޅުން ތިރީގައި ވާގިނެތި ނުހިނގޭތީ. ދެން ޑޮކްޓަރަށް ދައްކައިގެން ޓެސްވެސް ހެދީ. ޓެސްޓް ހެދި އިރު ޑޮކްޓަރު ވިދާޅުވީ އަހަންނަށް ދަރިން ލިބެޔޯ. އެހާހިސާބަށް ދެވުނު އިރުވެސް އައްޔަ ހުރީ އަހަރެންގެ އިންތިޒާރުގައި. އެހާ ހިސާބަށް ދިޔަ އިރު އޭނާވި ލޯބި އަހަރެންގެ ހިތުގައި ކެކި އުތުރި އެރި." ކަމަށް އަމްސޫދާ ބުންޏެވެ.

އެގޮތުން 2007 ވަނަ އަހަރު ކުރި ކައިވެނި އަމްސޫދާ ހީވެސް ނުކުރާހާ އުފާވެރި އެވެ. ކައިވެންޏަށް ފަސް އަހަރުގައި ދަރިއަކުވެސް ލިބުނެއެވެ. 

އަމްސޫދާ ބުނީ އޭނާގެ ހަޔާތުގައި އެންމެ އުފާވި ދުވަކީ ދަރިއަކު ލިބުނު ދުވަސް ކަމަށެވެ. ކުއްޖާ ވިހައިގެން އެންމެ ކުޑަ އިރުވެސް ކުއްޖާ ބެލީ އޭނާއެވެ. ފިރިމީހާގެ އެހީތެރިކަން އިންތިހާ އަށް ލިބެއެވެ. އަދި ދަރިފުޅު ބޮޑުވަމުން އައީވެސް އުންމީދު ކުރިފަދަ ބަސް އަހާކުއްޖެއްގެ ގޮތުގައެވެ.

"މީހުން އޭރު އައިސް ބުނާނެ ނުހިނގޭ މީހަކަށް ލިބޭނީ ނުހިނގޭ ދަރިންނޭ. ފިރުކެން ފެށީމަ ބުނި ފިރުކެން ފެށީދޯއޭ މިހާރު."މީހުންގެ އެ ބަސްތަކުން ހިތަށް ވަރަށް އަސަރު ކުރި ކަމަށް އަމްސޫދާ ބުންޏެވެ.

your imageއަމަސޫދާ އާއި އޭނާގެ ފިރިމީހާ އަލީ އާއި ދަރިފުޅު ކުޑައިރު:

ދަރިފުޅަކީ ނޯމަލް ކުއްޖައް، އެކަމަކު މަންމަގެ ނުކުޅެދުންތެރިކަމުގެ ސަބަބުން ދަރިފުޅުވެސް ނޯމަލް ވިޔަކަ މުޖުތަމައު ނުދޭ!

ފާޑުކިއުންތައް ކޮންމެ ގޮތަކަށް ހުއްޓަސް މާތްﷲ ދެއްވާ ރިޒުގެއް ނުވަތަ ނިއުމަތެއް ހުއްޓުވޭނެ މީހަކު ހުންނާނެ ހެއްޔެވެ؟. އަމްސޫދާ ގަބޫލުކުރާ ގޮތުގައި ދަރިފުޅަކީ އޭގެ އަޖައިބު ކުރަވަނިވި މިސާލެކެވެ.

އެންމެ 11 މަހުގައި ދަރިފުޅު ހިންގަފެށިއެވެ. ވަރަށް ކުޑައިރުއިރު ވާހަކަވެސް ދައްކަން ފަށައިފިއެވެ. ދަރިފުޅު ވިސްނުންތޫނު ވެފައި އެހާމެ މޮޅެވެ. ނަމަވެސް މުޖުތަމައުގެ ތެރެއިން ނުކުޅެދުންތެރިއާ ބާކީ ކޮށްލާ ވިސްނުން އަދިވެސް އޮތުމުން "ބުލީ"ގެ ޝިކާރައިން ދަރިފުޅު އަމްސޫދާއަށް ސަލާމަތްކޮށެއް ނުދެވުނެއެވެ. 

ދަރިފުޅަކީ ނޯމަލް ކުއްޖަކަސް މަންމަގެ ނުކުޅެދުންތެރިކަމުގެ ސަބަބުން ދަރިފުޅުވެސް ނޯމަލް ވިޔަކަ މުޖުތަމައު ނުދެއެވެ. އަމްސޫދާ އެންމެ ދެރަވަނީ އެކަމުގައި އޭނާއަށް ވެދެވޭނެ އެހީތެރިކަމެއް ނެތުމުންނެވެ. ތުއްތު މައުސޫމު ހިތަށް އަރާނެހާ އެއްޗެހި އަމްސޫދާއަށް ވިސްނި ރޮވެއެވެ. 

"ފުޓްބޯޅަ ކުޅެންގޮސްވެސް ކުދިން އަލްޔާން ނުލާނެ. އެހެންވެ ކޮންމެ ދުވަހަކު އެތަނަށް ދަން. ބައެއް ކުދިން ބުނާނެ މަންމަޔަށް ނުހިނގެނީ ކީއްވެހޭ. ވަރަށް ރޯނެ ގެއަށް އައިސް އެކަމާ ދެރަވެ. މިހާރު އެވާހަކަތައް ސުކޫލުގައި ދައްކައިގެން ކުދިންވެސް އަލްޔާނަށް ރަނގަޅު. ބުލީ ކުރުންވެސް މަދު" ކަމަށް އަމްސޫދާ ބުންޏެވެ.

މުޖުތަމައުގެ ބުލީއާއި ހެދި މަންމަ އަށް ނުހިނގި އިންނަނީ ކީއްވެތޯ ދަރިފުޅު ސުވާލުކުރެއެވެ. އަދި އަވަަހަށް ރަނގަޅުވުމަށް ތުއްތު ތުއްތު ހިތް ދުއާކޮށްދެއެވެ. ދަރިފުޅު ރޯތަންވެސް ފެނެއެވެ. 

ކުއްޖާ މަންމަ ދެކެ ވާލޯބި ވަރަށްވެސް ބޮޑެވެ. މުޖުތަމައު ކިތަންމެ ބުލީ ކުރިއަސް މަންމަ ރަނގަޅުވާނެ ކަމުގެ އުންމީދު އެކުޑަކުޑަ ހިތުން ކަނޑައެއް ނުލައެވެ. ތުއްތު ދަރިފުޅުގެ އެންމެ ޝައުގުވެރި ޗެނަލަކީ ސައުދީ އެވެ. މައްކާގައި ކުރާ މަތިވެރި ހައްޖުގެ އަޅުކަމެވެ. 

ބޮޑުވެގެން ޕައިލެޓަކަށްވާން ދަރިފުޅު ހިތުގައި އޮތް އަޒުމުގެ ފަހަތުގައިވެސް ވަނީ، މަންމަގެ ބައްޔަށް ޝިފާއެއް ހޯދާދިނުމެވެ.

"އެއްދުވަހު ގިފިލީގައި ހުއްޓާ އަލްޔާން ބުނި ކީއްވެހޭ މަންމަޔަށް ނުހިނގެނީ. އަހަރެން ބުނިން މާތް ﷲ ކުޅަދުންވަންތަ ވެރި ކަމުންނޭ. ދަރިފުޅު ބުނި މަންމަޔަށް ހިނގޭނެޔޭ އަހަރެން ބޮޑުވެގެން ވާނީ ޕައިލެޓަކަށޭ. މަންމަ މައްކާ އަށް ގެންދާނަމޭ ނަމާދުކުރަން." އެދުވަހު ދަރިފުޅުގެ އެ ބަސް ތަކުން ވަރަށް އަސަރު ކުރި ކަމަށް އަމްސޫދާ ބުންޏެވެ.

your imageއަމްސޫދާ އާއި އޭނާގެ ހަމއެކަނި ހުރި ދަރިފުޅު، މުހައްމަދު އަލްޔާން އަލީ:

ނުކުޅެދުނަސް އެއީ އަލީގެ މުޅި ދުނިޔެ، އެންމެ ބޮޑު ނަސީބު!

ބަލި ހާލަތު އެނގިހުރެ ވެސް ފިރިމީހާ އައްޔަ އަމްސޫދާ ދެކެ ލޯބިވަނީ އިންތިހާއަށެވެ. އޭނާ ލޯބިން އަމްސޫދާ އަށް މުހާތަބް ކުރަނީ "އަމް"ގެ ނަމުންނެވެ. 

އަމްސޫދާގެ ފިރިމީހާ އަލީ ބުނިގޮތުން ނުކުޅެދުންތެރިކަން ހުރުމަކުން އަނބިމީހާ ދެކެ ވާ ލޯތްބަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އޭނާ އަމްސޫދާ ބަލައިގަތީ އަދި ފުރަތަމަ ނަޒަރުން ލޯބިވެވުނީ އެ ކަން އެގިހުރެއެވެ. 

އެއީ ދުނިޔެ މަތިން އޭނާއަށް ލިބުނު އެންމެ ބޮޑު ނަސީބުކަން ސިފަކުރަމުން އަލީ ބުނީ އުޅެމުން ދިޔަ ގޭގައި ހުންނަ ކޮޓަރީގެ ކުޑަދޮރުން އަމްސޫދާއަށް ބަލަން ކުޑަދޮރު ކައިރީގައި ހުރެވެނީ ކިތަށް ގަޑިއިރުވަންދެން ކަމެއްވެސް ހުދު އޭނާ އަށްވެސް ނޭނގޭ ކަމަށެވެ.

"އަމް އަކީ ނުކުޅެދޭ މީހެއް ނަމަވެސް އަމް ފެނި ފުރަތަމަ ނަޒަރުންވެސް ލޯބި ހިތުގައި އުތުރި އެރި. އެއީ އަޅުގަނޑުގެ ނަސީބު" އަލީ އޭނާގެ އަންހެނުން އަމްސޫދާ ދޭތެރޭގައި ދެކޭގޮތް ސިފަކުރަމުން ބުންޏެވެ.

ގަދަފަދަ ލޯތްބެއް ދެހިތެއްގެ ދެމެދުގައި އުފެދިއްޖެ ނަމަ އޭގައި އުފެދިގެންދާނީ ޖަޒުބާތީ ގަދަފަދަ އޮއިވަރެކެވެ. އޭގެ ސަބަބުން މުޅިމީހާގެ ހިއްސުތަށް އެ ފުށްމިފުށަށް ޖަހާލައެވެ. އެފަދަ ހިތެއްގެ ދެމެދުގައި އުފެދިފައިވާ ލޯބީގެ އޮއިވަރު މަޑުމަޑު މިއުޒިކެއް ފަދައިން ކުލުނަށް ބަދަލުވެ އެ އޮއިބާނި ގަދަ ކަނޑުގައި ނިމިދާން ވެސް ބޭނުންވާނީ އެފަދަ ދެ ހިތެއް އެކުއެކީގަ އެވެ.

95%
ކަމުގޮސްފި
2%
އަޑުއެހިތާ މިހުރީ
1%
ސަތޭކައަކުން ސުމެއް
1%
ވަރަށް ސަލާމް
ކޮމެންޓްސް