ads
އުމުރުން 41 އަހަރުގެ މުހައްމަދު ބިޝާރު އިސްމާއީލް
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ހޯދަން އިއުލާން ކޮށްފި
ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލި މީހަކު އަލުން ހައްޔަރުކުރުމަށް އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ބުނީ މިކަމާ ގުޅިގެން ހޯދަމުންދަނީ ކ. މާލެ / ގ. ތަބުރުގެ، އުމުރުން 41 އަހަރުގެ މުހައްމަދު ބިޝާރު އިސްމާއީލް އެވެ.  

ފުލުހުން ބުނީ މީނާ އަކީ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން 2020 ޖަނަވަރީ މަހުގެ 19 ވަނަ ދުވަހު ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ސައުތު ޕޮލިސް ރީޖަން (ގއ، ގދ، ޏ، ސ) ގައި ހިމެނޭ ރަށެއްގެ ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުކޮށްފައިވާ މީހެއް ކަމަށެވެ. 

އަދި އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓަށް ބަދަލުކުރުމާ ގުޅިގެން 2021 މެއި 26 ވަނަ ދުވަހު ކްރިމިނަލް ކޯޓުންވެސް ވަނީ ބިޝާރު ޝަރީއަތުން ގޮތެއް ނިންމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ކަމަށާއި، ނަމަވެސް ދައުވާ ލިބޭ ފަރާތުން ބަންދު މުރާޖާކޮށްދިނުމަށް ކޯޓުގައި އެދުމުންވަނީ ޝަރުތުތަކާއެކު ދޫކޮށްލާފައި ކަމަށެވެ. 

ބިޝާރު ދޫކޮށްލުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން 2021 ޑިސެމްބަރު 23 ވަނަ ދުވަހު ހައިކޯޓުން ވަނީ ޝަރީއަތުން ގޮތެއް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކުރިން ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ބާތިލުނުވެ ދެމި އޮތްކަމަށް ހުކުމްކޮށްފައެވެ.

ހައިކޯޓުގެ އެހުކުމާ ގުޅިގެން ބިޝާރު ހައްޔަރުކުރުމަށްޓަކައި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދިޔަނަމަވެސް، މިހާތަނަށް ކުރެވެނު މަސައްކަތުން އޭނާ ހޯދިފައި ނުވާކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. 

އެހެންކަމުން ބިޝާރު އިސްމާއީލް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓަޑީގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާ ކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް