ads
މަރާލި އަލްޖަޒީރާގެ ނޫސްވެރިޔާ ޝިރީން އަބޫ އަގްލާ
ޝިރީން މަރާލުމަށްފަހު އެކަން އޮޅުވާލަން އިސްރާއީލުން މަސައްކަތް ފަށައިފި
ފަލަސްތީނުގެ ހަބަރުތައް ގެނެސްދެމުން ދިޔަ އަލްޖަޒީރާގެ ނޫސްވެރިޔާ ޝިރީން އަބޫ އަގްލާ މަރާލުމަށްފަހު އެކަން ކުރީ އިސްރާއީލު ސިފައިން ނޫން ކަމަށް ދައްކަން އެގައުމުން މަސައްކަތް ފަށައިފި އެވެ.

އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއިލު ސިފައިން ދިން ހަމަލާއެއްގައި ޝިރީން މަރުވީ، މިމަހުގެ 11 ވަނަ ދުވަހު އެވެ. 

މި ހަމަލާއަކީ ސީދާ ޝިރީން އަށް އަމާޒުކޮށް އިސްރާއީލު ސިފައިން ދިން ހަމަލާއެއް ކަމަށް އެވަގުތު އެތަނުގައި ތިބި އެހެން ނޫސްވެރިން ވަނީ ބުނެފައެވެ. ހަމަލާ ދީފައި ވަނީ، ޝިރީން އަޅައިގެން ހުރި ހެލްމެޓު ތިރިން ކަންފަތް ކާރިއަށެވެ. 

މި ހަމަލާއަށް ފަހު އިސްރާއީލަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވާން ފެށުމުން އެގައުމުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވަނީ ޝިރީން އަށް ހަމަލާދިނީ، އިސްރާއީލު ސިފައިން ނޫން ކަމަށް ބުނެފައެވެ. ޝިރީން އަށް ހަމަލާދިނީ، އެ ސަރަހައްދުގައި ތިބި ފަލަސްތީނުގެ މުޖާހިދުން ކަމަށް އޭނާ ވަނީ ބުނެފައެވެ. 

މީގެ އިތުރުން އިސްރާއީލުގެ ޑިފެންސް މިނިސްޓަރުވެސް ވަނީ އިސްރާއީލުން ނޫސްވެރިޔަކު މަރާ ލާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ބުނެފައެވެ. 

އެހެން ނަމަވެސް އިސްރާއީލުގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ، ބީޓީލެމް އިން ވަނީ ހަމަލާގެ ވީޑިއޯ ދިރާސާ ކުރުމަށްފަހު އެ ހަމަލާ ދިނީ އިސްރާއީލު ސިފައިންގެ ސްނައިޕަރެއް ކަމަށް ބުނެފައެވެ. އަދި ހަމަލާ ދިން ސަރަހައްދުގައި ފަލަސްތީނުގެ މުޖާހިދުން ތިބި ނަމަވެސް އެމީހުންނަށް ޝިރީން އަށް ހަމަލާ ނުދެވޭނެ ކަމަށް ވަނީ ބުނެފައެވެ. 

އިސްރާއީލުން ދިން ހަމަލާގައި މަރުވި ނޫސްވެރިޔާގެ މައްސަލަ ތަހުގީގު ކުރަން އދ. އިން ގޮވާލާފައި ވާއިރު، މި ތަހުގީގުގައި ބައިވެރި ވާނެ ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އިސްރާއީލު ބައިވެރިކޮށް ތަހުގީގު ކުރިއަށް ގެންދަން ފަލަސްތީނުން ބޭނުން ނުވެއެވެ. 

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް